ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓްރާންސިޝަން ކޮމެޓީތައް އެކުލަވާލި ގޮތުން ފާޑުކިޔުން

"ކޮބާ ކެމްޕެއިންގައި ފެނުނު މުރާލި މޫނުތައް؟ ޓްރާންސިޝަން ކޮމެޓީތަކުން ފެންނަ މޫނުތައް ފެނިފައި މިހާރު ވެސް ބިރުވެރި ހުވަފެން ފެންނަން ފަށައިފި،" އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ދައްތާފުޅު، އައިމިނަތު ސޯލިހު ވިދާޅުވެފައިވެ އެވެ.

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ތަފާތު އެކިއެކި ޓީމުތައް މިހާރު އެކުލަވާލައި މިނިސްޓްރީތަކާއި ކުންފުނިތަކަށް ފޮނުވަން ފަށައިފަ އެވެ. ދައުލަތުގެ ކޮންމެ މުއައްސަސާއަކަށް ސަރުކާރުގެ ކޮންމެ މިނިސްޓްރީއަކަށް އަދި ކޮންމެ ކުންފުންޏަކަށް ޓްރާންސިޝަން ކޮމެޓީތައް ވަނީ އުފައްދާފަ އެވެ.

މި ކޮމެޓީތަކުގައި ތިއްބަވަނީ ކޯލިޝަންގެ ޕާޓީތަކުން އައްޔަންކޮށްފައިވާ ބޭފުޅުންނެވެ. ކޮމެޓީތަކުން ބައްދަލުވުންތައް މިހާރު ބާއްވަމުންދާއިރު އެ ކޮމެޓީތަކާމެދު ގިނަ ބައެއްގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި ވަނީ އާންމުވާން ފަށާފަ އެވެ.

އެންމެ ބޮޑަށް އަމާޒުވެފައިވާ ފާޑުކިޔުމަކީ ކޮމެޓީތަކުގައި އަންހެނުން މަދުވުމެވެ. އައިމިނަތު ސޯލިހު ވިދާޅުވި އެވެ؛ "ކޮމެޓީތަކުގައި އަންހެނުން ފެނުން މަދުވުމަކީ މާޔޫސްވާ ކަމެއް، ކެމްޕެއިން ދުވަސްވަރު ވަރަށް ހީވާގި އަންހެނުން ފެނުނު،"

ޓްރާންސިޝަން ކޮމެޓީތަކަށް ބަލާއިރު އަޅާ ނުކިޔޭ ވަރަށް ފިރިހެނުން ބޭފުޅުން ގިނަ އެވެ. މަދު ކޮމެޓީއެއްގައި ވެސް ހިމެނެނީ އެކެއް ނޫނީ ދެ އަންހެން ބޭފުޅުންނެވެ. މުޅިން އަންހެން ބޭފުޅުން ތިއްބެވި ކޮމެޓީއަކަށް އޮތީ ހަމައެކަނި ޖެންޑާ މިނިސްޓްރީއަށް ދާ ކޮމެޓީ އެވެ.

"ކީއްވެ ހަމައެކަނި ޖެންޑާ މިނިސްޓްރީއަށް ދާ ކޮމެޓީގައި އަންހެނުން ތިބެންވީ، އެތަން އަބަދުވެސް ހަދާފައި އޮންނަނީ އަންހެނުންގެ ތަނަކަށް، އަންހެނުން އަބަދުވެސް ބައިތިއްބަނީ ނޫނީ އަންހެނުން އަޑު އުފުލަން ޖެހޭ ދާއިރާއަކީ ހަމަ އެކަނި އެތަ؟، ވަރުގަދަ ކޮމެޓީތަކުގައި އަންހެނުން މަދީ ކީއްވެ؟،" ޓްވިޓާގައި މީހަކު ބުނެފައިވެ އެވެ.

ކޮމެޓީތަކުގައި އަންހެނުން މަދުވުމުގެ ޝަކުވާ ބޮޑުއިރު، ކޮމެޓީއިން ފެންނަ އެހެން މޫނުތަކުން ވެސް މީހުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ނޫނީ މި ނިމިގެން ދިޔަ ވެރިކަމުގައި މަގާމުތައް ފުރުއްވައި އެކަމަކު ޒިންމާ އަދާ ނުކުރެއްވި "ފެއިލް"ވެފައިވާ ބޭފުޅުން އަލުން މަގާމުތަކަށް ވަޑައިގަންނަވަން ކޮމެޓީތަކުގައި ތިއްބެވުމުން މީހުން ހިތްހަމަނުޖުން އެބަ އޮތެވެ.

"އަހަރެމެންނަށް އެމީހުންގެ ޒިންމާ އަދާކުރުން ވަނީ ފެނިފަ، އެއީ ގަބޫލު ކުރެވޭ ގޮތަކަށް ނޫން، އަލުން ފުރުސަތު ދޭކަށް ބޭނުމެއް ނުވޭ، އާ، ގާބިލް ބޭފުޅުންނަށް ފުރުސަތު ދިނުން މުހިންމު،" މީހަކު ބުނެފައިވެ އެވެ. "އަހަރެން އިންތިހާބީ ރައީސްއަށް ގޮވާލަން ސިޔާަސީ އެކްޓިވިސްޓުންނަށްވުރެ ކަމާ އެންމެ ގާބިލް ބޭފުޅުން މަގާމުތަކަށްލުމަށް، ނޫނީ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރާނީ ނާއުއްމީދުގެ ފަސް އަހަރު،"

ގާބިލް ތަޖުރިބާކާރު ބޭފުޅުން ބައެއް ކޮމެޓީތަކުގައި ތިއްބެވި ނަމަވެސް ކޮމެޓީގެ މެޖޯރިޓީ އޮންނަނީ ސިޔާސީ ބޭފުޅުންނާއި މުއްސަނދި ވިޔަފާރިވެރިންގެ އެވެ. އެކަމާ ވެސް މީހުން ކަންބޮޑުވެ އެވެ. މުހިންމު ކޮމެޓީތަކުގައި ވިޔަފާރިވެރިން ތިބެންޖެހޭ ސަބަބެއް ނެތް ކަމަށް މީހުން ބުނެ އެވެ.

ގިނަ ކޮމެޓީތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ބޭނުމެއް ނެތް ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ. އެމީހުން ދެކޭ ގޮތުގައި ޓްރާންސިޝަން ކޮމެޓީތަކަށް މަޖިލިސް މެންބަރުން އައްޔަންކުރުން އެއީ ޒިންމާދާރު ކަމެއް ނޫނެވެ.