ހަބަރު

މެންބަރުން އެއްވެސް ގައުމަކުން ހިމާޔަތެއް ނުހޯދާ: އީސީ

Oct 9, 2018
2

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ސްރީލަންކާއިން ހިމާޔަަތް ހޯދިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި އެއްވެސް ގައުމެއްގެ ހިމާޔަތަކަށް އެދިފައި ނުވާނެ ކަމަށް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ ތަރުޖަމާން އަދި މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ، މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އަމިއްލަ އެކި ސަބަބުތަކުގައި ކަމަށާއި އޭގެ ތެރޭގައި ބިރު ދެއްކުމާއި އިންޒާރުތައް ލިބެމުން ދިޔުން ވެސް ހިމެނޭ ކަމަށެވެ. އަދި އަނެއް ބައި މެންބަރުން ބޭރަށް ވަޑައިގަތީ އާއިލީ އެކި ސަބަބުތަކުގައި ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ. އެހެން ނަމަވެސް އެއްވެސް މެންބަރަކު ބޭރުގެ ގައުމެއްގެ ހިމާޔަތަށް އެދިފައި ނުވާ ކަމަށާއި އެފަދަ ކަމެއް ކުރަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

"ލަންކާއަށް އައީކީ އެ ގައުމުގެ ހިމާޔަތަކަށް ނޫން. އެއްވެސް ގައުމެއްގެ ހިމާޔަތަކަށް އެއްވެސް މެންބަރަކު ހުށަހަޅުއްވާފައެއް ނެތް. އެއީ ކަނޑައެޅިގެން ދޮގެއް،" އަކުރަމް ވިދާޅުވި އެވެ. ބޭރުގެ އެކި ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް ވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް އިންތިހާބުގެ ފަހުން ކަންކަން ހިނގަމުންދާ ގޮތާ ގުޅޭ މައުލޫމާތު ސާފު ކުރައްވައިފަ އެވެ. އެގޮތުން އިއްޔެ ވެސް އީޔޫއިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއާ ބައްދަލު ކުރައްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް މީގެ ކުރިން ބުނެފައި ވަނީ، ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު އެކި ވަރުގެ އިންޒާރުތައް ކޮމިޝަންގެ މެންބަރުންނަށާއި ސީނިއާ މުވައްޒަފުންނަށް ލިބޭ ކަމަށެވެ. އެގޮތުން ކޮމިޝަންގެ މެންބަރަކަށް މަގުމަތިން ބަޔަކު ބިރު ދައްކައި ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އަދި ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލަށް ވެސް ބަޔަކު ވަނީ އިންޒާރުތަކެއް ދީފަ އެވެ.

އެ މައްސަލަތައް އީސީގެ ފަރާތުން ވަނީ ފުލުހަށް ވެސް ހުށަހަޅައިފަ އެވެ.

ވޯޓް އޮޅުވާލި ކަމަށް ބުނެ، ޕީޕީއެމް އިން ކޮންމެ ރެއަކު ބާއްވާ އެއްވުމުގައި މަދު ބަޔަކު ބައިވެރިވެ، އެ ކޮމިޝަންގެ މެންބަރުންނަށް ވައްގަށް ގޮވައި ތަފާތު ތުހުމަތުތައް އަންނަނީ ކުރަމުން އެވެ. އެއީ ކޮމިޝަންގެ މެންބަރުންގެ އަބުރަށް އަރައިގަތުން ކަމަށް ބުނެ، އެ މައްސަލަތައް މިހާރު ވަނީ ފުލުހަށާއި ބްރޮޑްކޮމް އަށް ހުށަހަޅަން ނިންމައިފަ އެވެ.