ހަބަރު

"ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރަން ފަށައިފި

ސަރުކަރުން ހިންގާ "ހިޔާ" މަޝްރުއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު އިއުލާން ކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރި މަތިލީ މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ނަންތައް އިއުލާން ކުރަން ފަށާފައިވާ ކަމަށާއި އެ މީހުންނަށް ލިބުނު ޕޮއިންޓުތައް ވެސް އާންމު ކުރާނެ ކަމަށެވެ.

އެގޮތުން ފްލެޓަށް ކުރިމަތިލި ހުރިހާ ޓީޗަރުންނާއި ނަރުހުންނަށް ފްލެޓު ދޭން ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެހެން ނަމަވެސް އަލަތު ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށް ދޭ ފްލެޓަށް 9،000 ފޯމް ވަނީ ލިބިފަ އެވެ. އޭގެ ތެެރެއިން ފްލެޓް ލިބޭނީ 1،000 ފަރާތައް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިއަދު އިއުލާން ކުރީ 10 ދިހަ ކެޓަގަރީ އެކެވެ. އެ ކެޓެގަރީމތަކަކީ ސިވިލް ސާވިސްގެ ތިން ކެޓެގަރީއާ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއާ ޓީޗަރުންގެ ކެޓަގަރީއާ އެކަނިވެރި މައިންނާއި ބަފައިގެން ކެޓެގަރީއާ 18 އަހަރާއި 40 އަހަރުުގެ ކެޓަގަރީއާ މާލެ ރަށްވެހިންގެ ކެޓަގަރީއާ ދަފްތަރު ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ އެވެ.

"ފޯމް ބަލައިގަތުން ކުރިއަށް ގޮސް ނިމުނު އިރުގައި ގާތްގަނޑަކަށް 22،600 ފޯމް ވަނީ ހުށަހަޅާފައި، އެކި ކެޓަގަރީ ތަކަށް، އެހެން ކަމުން ކުރިންވެސް ބުނެފައިވާ ގޮތަށް މި ފްލެޓްތައް ލިބޭ ފަރާތްތައް ސަރުކާރުން ކަނޑައަޅައި އިއުލާން ކުރާނެ ކަމަށް، އޮކްޓޫބަރު މަހުގެ ކުރީކޮޅު، މިއަދު ލިސްޓްތައް އިއުލާން ކުރަން ފަށައިފިން، މިއަދު މި އިއުލާން ކުރަނީ ދެ ކޮޓަރީގެ ފްލެޓްތައް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ސިވިލް ސާވިސްގެ 1000 ފްލެޓްތައް ލިބިގެންދާ ފަރާތްތަކުގެ ލިސްޓްތައް އެ މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށާއި އެ މިނިސްޓްރީއެއްގެ ނޯޓިސްބޯޑްގައި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ބެހެއްޓިފައި ހުންނާނެ ކަމަށެވެ. އަދި މާލެ ސިޓީ އާއި ސިޓީ ކައުންސިލްގެ ލިސްޓްތައްވެސް އިއުލާން ކުރާނީ އެތަންތަނުން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މިފަހަރު ލިސްޓް އާންމުކުރާއިރު ޕޮއިންޓެ ނަމްބަރާއެކު ލިބުނު ޕޮއިންޓްވެސް ހިމެނޭނެ ކަމަށެވެ. އެކަމަކީ މިނިސްޓްރީން ކުރިންވެސް ކުރަން ނިންމާފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ، ލަސްތަކެއްނުވެ އެއް ކޮޓަރީގެ ފްލެޓްތަކުގައި ހިމެނޭ އަލަތު ކައިވެނި ކެތަގަރީގެ ލިސްޓް އިއުލާން ކުރާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ފޯމް ހުށަހަޅަންފެށި ދުވަހުން ފެށިގެން ފޯމްތައް އިވެލުއޭޓް ކުރަމުން ގެންގޮސްފައިވާ ކަމަށާއި އެގޮތުން 30 ސެޕްޓެމްބަރާއި ހަމައަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމިފައިވާ ކަމަށެވެ. އަދި ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކަށް ބަލައިގެން ޕޮއިންޓް ދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.