12 މެންބަރުންގެ މައްސަލަ

12 މެންބަރުންނާ އެކު އެމެރިކާ ތިބޭނެ ކަމުގެ ޔަގީންކަން ދީފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ދެކުނު އަދި މެދު ތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިޔާ އެލައިސް ވެލްސް ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންނާ މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

އެ ބައްދަލުވުން އޮތީ މިއަދު ހެނދުނު 9:00 ގައި ޖޭޕީގެ ހެޑްކުއާޓަރު ކުނޫޒުގަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރަކު ވިދާޅުވީ، އެބޭފުޅުންގެ ގޮނޑި ގެއްލުނު މައްސަލައާ ގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް، އެލައިސް ވެލްސް މައުލޫމާތު ސާފު ކުރެއްވި އެވެ. އަދި ވީހާ ވެސް އަވަހަކަށް މަޖިލިސް ފަށައި މަސައްކަތްތައް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެލްސް ވިދާޅުވި ކަމަށް އެ މެންބަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގޮނޑި ގެއްލުނު މެންބަރުންގެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ހައްލުވާނެ ކަމަށް އެމެރިކާއިން އުންމީދު ކުރެ އެވެ. އަދި ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާ ވީހާ ވެސް އޮމާންކޮށް ގެންދިޔުމަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ވެލްސްގެ މި ދަތުރުފުޅުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާ ވަކިވަކިން ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރަށް ރައްޔިތުން މަޖިލީހުގެ އެހެން މެންބަރުންނާއި މަދަނީ ޖަމްއިއްޔާތަކާ ވެސް އޭނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް ވަފުދުން 12 މެންބަރުންނާ ބައްދަލު ކުރެއްވި އިރު، މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ އޭގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެބޭފުޅުންނަކީ، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ލޯޔަރު ވައްޑެ އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދު ލަތީފު މުހައްމަދު އަދި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އެވެ. މީގެ އިތުރުން މައްޗަން ގޯޅީ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލަ މާދަމާއަށް ވަނީ ތާވަލްކޮށްފަ އެވެ.

ވެލްސްގެ އިތުރުން އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު ވެސް މިފަހުން ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި ސްރީލަންކާގެ ރައީސްގެ ހާއްސަ މަންދޫބެއް ވެސް ރާއްޖެ ވަޑައިގެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ފަރާތްތަކާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.