ނިމިގެން ދިޔަ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މިއަދު ހުށަހަޅުއްވައިފި އެވެ.
ރައީސް ޔާމީނާއި ޕީޕީއެމްއިން މީގެކުރިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވާފަ އެވެ. ނަމަވެސް އިންތިހާބުގެ ދާއިމީ ނަތީޖާ ވެސް އިއުލާން ކުރި ފަހުން އިލެކްޝަން ކޮމިޝަންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ނަތީޖާ ގަބޫލުކުރަން ވަނީ ދެކޮޅު ހަދާފަ އެވެ.
އެކަމާ އަޑު އުފުލުމަށް ޕީޕީއެމްގެ އޮފީސް ކުރިމަތީ ސިލްސިލާ މުޒާހަރާތައް ދަނީ ކުރަމުންނެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ވަކީލް މުހައްމަދު ސަލީމް، ރޭނިސް ސަލީމް މިއަދު ވިދާޅުވީ ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅުއްވީ ދުސްތޫރީ މައްސަލައެއް ކަމާށާއި އެ މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ސަޕޯޓަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.
"ސަޕޯޓަރުންގެ ގިނަ ޝަކުވާތަކެއް ހުރުމުން އެކަންކަން އަޅުގަނޑުމެން ބެލުމަށްފަހު ވިސްނަންޖެހޭ ކަންކަމާމެދު ވިސްނާފަ މި މައްސަލަ ހުށަހަޅަން ނިންމީ، އެ ސަޕޯޓަރުންގެ ހައްގުގައި މި މައްސަލަ ހުށަނާޅާ ހުންނަވަން ރައީސް ޔާމީން ބޭނުންފުޅު ނުވީ،" ސަލީމް ވިދާޅުވި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގައި ރައީސް ޔާމީންގެ މެންބަރުގެ ގޮތުގައި އިންނަވާ ސަލީމް ވިދާޅުވި ގޮތުގައި، މައްސަލަ ހުށަހަޅާފައިވަނީ ހެކިތަކާ ވެސް އެކުގަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ސަލީމް ވިދާޅެއް ނުވި އެވެ. އަދި މައްސަލާގައި އެދުނު ގޮތުގެ ތަފްސީލެއް ވެސް ސަލީމް ނުދެއްވަ އެވެ.
ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.60 ޕަސެންޓެވެ. އިބޫއަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.40 ޕަސެންޓެވެ. އެ ނަތީޖާ މިހާރު ވަނީ ވެބްސައިޓްގައި އިއުލާންކޮށް ޕާޓީތަކާ ވެސް ހިއްސާ ވެސް ކޮށްފަ އެވެ.
ޖުމްލަ 230،757 މީހުން ވޯޓުލާފައިވާއިރު ބާތިލް ވޯޓުގެ ގޮތުގައި 3132 ވޯޓު ގުނާފައިވެ އެވެ. ކުރިން އިލެކްޝަން ކޮމިޝަނުން އިއުލާން ކުރި ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާއާ ތަފާތު އުޅެނީ 80 ވޯޓުގެ އެވެ. އެ ވޯޓުތަކަށް ބަދަލު އައީ ނަތީޖާ ޝީޓްގައި ވޯޓުގެ އަދަދު ލިޔުމުގައި އަރާފައިވާ އޮޅުންތަކެއްގެ ސަބަބުންނެވެ.