ގާސިމް އިބްރާހިމް

ގާސިމްގެ އާދޭސް: ނަޝީދުގެ ހުކުމް ރިވިއުއަށް ހުށަހަޅާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އާދޭސް ދަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ރީޓްވީޓަކާއެކު މައްސަލަ ހޫނުވެފައިވަނިކޮށެވެ. އެ ޓްވީޓަކީ ރައީސް ނަޝީދު ވެސް އަމަލުކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވެ އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއްގަ އެވެ.

އެކަމާ ގުޅިގެން މައްސަލަ ހޫނުވެފައިވާތީ މިއަދު ވީޓީވީއަށް ގާސިމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކަންކަން އިސްލާހުކުރަން ނުކުންނަ މީހުން ކަން ކުރަން ޖެހޭނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން ނިޒާމްގެ ތެރެއިން ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމް ބާތިލްކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ރައީސް ނަޝީދުގެ ވަކީލުންނަށް ވެސް ގޮވާލަން އެމަނިކުފާނުގެ އިޒުނަފުޅާއެކު އެކަން ކުރުމަށް ތައްޔާރުވުމަށް،" ގާސިމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މީގެކުރިން ވަނީ ރައީސް ނަޝީދުގެ މައްސަލާގައި އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ނުއިއްވަ އެވެ. އެހެންކަމުން އެ ނިންމުން ސުޕްރީމް ކޯޓުގައި ރިވިއުކުރަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމާއެކު ޖަލަށް ގެންދިޔުމަކީ ދެރަވާނެ ކަމެއް ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކައި މައްސަލަ ރިވިއުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އޭނާއަށް އިއްވި ހުކުމް ވެސް ނިޒާމްގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވިކަން ފާހަގަކުރެއްވި އެވެ.

"އިސްލާހަށް ނުކުންނަ ބަޔަކު އަބަދުވެސް ބަލަން ވާނެ ދުސްތޫރުގެ ތެރެއިން އުސޫލުތަކުގެ ތެރެއިން ގޯސްކޮށް ހިނގާފައިވާ ކަންކަން ރަނގަޅު ކުރަން، އެ ހަމަތަކުގެ ތެރެއިން، އެއީ ވަކި ބަޔަކަށް ތަބާވުމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައީސް ނަޝީދަށް ކޮށްފައިވާ ދައުވާއަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ކުރިން ވެސް ބުނެފައިވާނެ ކަމަށާއި މިހާރު ވެސް އެކަން އޮތީ އެހެން ކަމަށެވެ. އެހެންވެ ސުޕްރީމް ކޯޓުން ރައީސް ނަޝީދަށް މިނިވަންކަން ލިބުމަކީ ވަރަށް ގާތް ކަމެއް ކަމަށް ވިދާޅުވި އެވެ.

"ހުރިހާ މުއައްސަސާއަކުން ވެސް ޕޮޒިޓިވްކޮށް މި ފެންނަނީ، އެއްވެސް މުއައްސަސާއަކުން ރައްޔިތުން ނިންމާފައިވާ މި ބޮޑު ނިންމުމާ ދެކޮޅަށް ގޮތެއް ނިންމާނެ ކަމަކަށް ނުބެލެވޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މިއަދު އޭނާ ކުރެއްވި ރީޓްވީޓްގެ މައްސަލަ ހޫނުވުމާއެކު ރައީސް ނަޝީދު ގުޅުއްވި ކަމަށެވެ. ހުކުމް ރިވިއުކުރަން ހުށަހަޅަން ފޯނުން ވެސް ރައީސް ނަޝީދުގެ އަރިހުގައި އެދިފައިވާނެ ކަމަށާއި ނަމަވެސް އެވަގުތު ރައީސް ނަޝީދަށް ވާހަކަ ދެއްކޭ ގޮތެއް ނުވި ކަމަށެވެ. އުއްމީދު ކުރައްވަނީ އެމަނިކުފާނުގެ ފަރާތުން އުފާވެރި ހަބަރެއް ލިބޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ނިޒާމުން ބޭރުން ކަންކަން ކޮށްގެން ގައުމު ހަލަބޮލިކޮށްލުމުގެ ބޭނުމެއް މިދަނޑިވަޅުގައި ނެތް ކަމަށެވެ. އެންމެން ވެސް ކުރިއަށް ދާނީ ގާނޫނީ އިމުގެ ތެރެއިން އަމާންކަމާއެކު ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި އެއީ ކޯލިޝަން ދެމެހެއްޓުމަށް ވެސް މުހިންމު ކަމެކެވެ.

ގާސިމް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ބޮޑެތި މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްކަން ގާސިމް ފާހަގަކުރެއްވި އެވެ.

އެމްޑީޕީއިން ބުނެފައިވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ މިނިވަނެއްގެ ގޮތުގައި ކަމަށާއި ހައްޔަރެއް ނުކުރެވޭނެ ކަމަށެވެ. އެހެން އެ ޕާޓީން ބުނަނީ ބޭރުގެ ޖަމިއްޔާތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލައިގެންނެވެ. ނަމަވެސް ރައީސް ނަޝީދަށް ކޮށްފައިވާ ޖަލު ހުކުމް އަދިވެސް ރާއްޖޭގެ ކޯޓަކުން ބާތިލްކޮށްފައިނުވުމުން އެ ހުކުމް އޮތް ގޮތަށް އެބަ އޮތެވެ.