އިދިކޮޅު ފަރާތްތައް

ޝަރުއީ ދާއިރާއާމެދު ކޯލިޝަންގެ މެދުގައި ހިޔާލު ތަފާތުކަން ހާމަކޮށްފި

ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރަން އަޅަންޖެހޭ ފިޔަވަޅުތަކާމެދު އިދިކޮޅު ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަ ކުރައްވައިފި އެވެ.

އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާކަން ހާމަވީ މިއަދު ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ކުރެއްވި ރީޓްވީޓަކުންނެވެ.

އަލްހާން ފަހުމީގެ ޓްވީޓެއް ގާސިމް ރީޓްވީޓް ކުރައްވައި އެއީ ރަނގަޅު ވާހަކަތަކެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަލްހާންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ޝަރީއަތުން ނިންމާފައިވާ ކަންކަން ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ގާނޫނާ ހިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާން ވިދާޅުވެފައިވެ އެވެ.

އެ މައްސަލަ ހޫނެވެފައިވަނިކޮށް ގާސިމް ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ ގާނޫނީ ގޮތުން ރައީސް ނަޝީދު މިނިވަންވުމަށްފަހު ނޫނީ ރާއްޖެ ވަޑައިނުގެންނެވުމަށް އެދިވަޑައިގެންފަ އެވެ. ގާސިމް، ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގަތީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށް ރިވިއުކުރަން ހުށަހެޅުމަށެވެ.

ސުޕްރީމް ކޯޓުން މީގެކުރިން ވަނީ ރައީސް ނަޝީދުގެ މައްސަލާގައި އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ނުއިއްވަ އެވެ. އެހެންކަމުން އެ ނިންމުން ސުޕްރީމް ކޯޓުގައި ރިވިއުކުރަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ގާސިމް އެހެން ވިދާޅުވި ފަހުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީތަކުގެ ކޯލިޝަންގައި ހިމެނެނީ ތަފާތު ފިކުރު ކަމަށާއި ޝަރުއީ ނިޒާމް އިސްލާހުކުރަން ހިންގަންޖެހޭ ކަންކަމުގައި ވެސް ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތު ވެދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވެފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗާމެދު އެވެ. ކޯލިޝަންގެ ބައެއް ބޭފުޅުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ބޭނުންވާއިރު އަނެއް ބަޔަކު ބޭނުން ވަނީ ބެންޗު އޮތް ގޮތަށް ބޭއްވުމަށެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެފައިވާ ގޮތުން އިންތިގާލީ އިންސާފު ގާއިމްކުރުމަށް މިހާރު އޮތް ފަނޑިޔާރު ގެތަކަށް ބަދަލު ކުރައްވާނެ އެވެ.

"ހިޔާލު ތަފާތުވި ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ޑިމޮކްރަސީގެ އަސާސްތަކާ އެއްގޮތަށް ހިޔާލު ތަފާތުވުންތަކާ އެކީގައި ހައްލު ހޯދޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގާސިމް ވީޓީވީއަށް ދެއްވި އިންޓަވިއުގައި އިތުރަށް ވިދާޅުވެފައިވަނީ އިސްލާހަށް ނުކުންނަ ބަޔަކު އަބަދުވެސް ބަލަން ވާނެ ދުސްތޫރުގެ ތެރެއިން އުސޫލުތަކުގެ ތެރެއިން ގޯސްކޮށް ހިނގާފައިވާ ކަންކަން ރަނގަޅު ކުރަން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ނިޒާމުން ބޭރުން ކަންކަން ކޮށްގެން ގައުމު ހަލަބޮލިކޮށްލުމުގެ ބޭނުމެއް މިދަނޑިވަޅުގައި ނެތް ކަމަށެވެ. އެންމެން ވެސް ކުރިއަށް ދާނީ ގާނޫނީ އިމުގެ ތެރެއިން އަމާންކަމާއެކު ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި އެއީ ކޯލިޝަން ދެމެހެއްޓުމަށް ވެސް މުހިންމު ކަމެކެވެ.

އެމްޑީޕީއިން ބުނެފައިވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ މިނިވަނެއްގެ ގޮތުގައި ކަމަށާއި ހައްޔަރެއް ނުކުރެވޭނެ ކަމަށެވެ. އެހެން އެ ޕާޓީން ބުނަނީ ބޭރުގެ ޖަމިއްޔާތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލައިގެންނެވެ. ނަމަވެސް ރައީސް ނަޝީދަށް ކޮށްފައިވާ ޖަލު ހުކުމް އަދިވެސް ރާއްޖޭގެ ކޯޓަކުން ބާތިލްކޮށްފައިނުވުމުން އެ ހުކުމް އޮތް ގޮތަށް އެބަ އޮތެވެ.