ހަބަރު

ޗެނަލް 13 އަށް ފިޔަވަޅު އަޅައި ދިނުމަށް އީސީއިން ބްރޮޑްކޮމްގައި އެދިއްޖެ

Oct 10, 2018
2

ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ ސާބިތު ނުހިފޭ ވާހަކަތައް ބްރޮޑްކާސްޓް ކުރަމުން އަންނާތީ ޗެނަލް 13 އާ ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުން، ބްރޮޑްކާސްޓިން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.

މަދު ބަޔަކު އެއްވެ ޕީޕީއެމް އޮފީސް ކުރިމަތީގައި ކޮންމެ ރެޔަކުވެސް ބާއްވަމުން އަންނަ މުޒާހަރާތައް ޗެނަލް 13 އިން ލައިވް ކުރާއިރު އެ ކޮމިޝަންގެ ރައީސް އާއި އެހެން މެންބަރުންނަށް އެ މުޒާހަރާގައި ވަގަށް ގޮވާ ހަދަ އެވެ. އަދި އެ ކޮމިޝަންގެ މެންބަރުން ވޯޓް އޮޅުވާލި ކަމަށް ބުނެ ތުހުމަތުތައް ކުރެ އެވެ. އަދި އޮޅުވާލި ވޯޓްގެ ނަމުގައި އެ ސްޓޭޝަނުން ހާއްސަ ކަވަރޭޖެއް ވެސް އަންނަނީ ގެނެސްދެމުން އެވެ.

އީސީ އިން މިއަދު ބުނީ، އެ ކޮމިޝަންގެ މެންބަރުންގެ އަބުރަށް ހުތުރުވާ ގޮތަށް އަދި ކޮމިޝަންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ގޮތަށް ސާބިތު ނުހިފޭ ވާހަކަތައް ޗެނަލް 13 އިން ގެނެސްދެމުން އަންނާތީ އެކަމާ މެދު ފިޔަވަޅު އަޅައި ދިނުމަށް މިއަދު ބްރޮޑްކާސްޓިން ކޮމިޝަނަށް އީސީ އިން މައްސަލަ ވައްދާފައި ވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރުމާއި އަނބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، އެއްވެސް މީހެއްގެ އަބުރަށް ހުތުރުވާ ގޮތަށް ސާބިތު ނުހިފޭ ކޮންޓެންޓް ބްރޮޑްކާސްޓްކޮށްފި ނަމަ، އެ މައްސަލަ ބަލައި ބޮޑެތި އަދަދުތަކުން ސްޓޭޝަން ޖޫރިމަނާ ކުރެވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް ހުތުރުވާ ކޮންޓެންޓް ފޮނުވި ކަމަށް ބުނެ ރާއްޖެޓީވީ ވަނީ އެކި ފަހަރުމަތިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ.