މޯލްޑިވްސް ޕޮލިސް ސާވިސް

ވަޅިތަކެއް ހިފައިގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު އަތުލައިގެންފި

މާލޭގައި މިރޭ މާރާމާރީއެއް ހިންގަން އުޅުނު ބަޔަކު ހުއްޓުވާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވާ، މިރޭ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ފަސް މީހުން ހައްޔަރުކޮށްފައިވަނީ ފިހާރައަކުން ވަޅިތަކެއް ގަނެގެން ސައިކަލްތަކެއްގައި ގޮސް ކާނިވަލް ކައިރީ ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ ތަނުން ފުލުހުންނަށް އެމީހުން ފެނުމާއެކު ފިލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ހައްޔަރުކުރީ ވަޅިތަކާ ވެސް އެކުގައި ކަމަށެވެ.

ފަސް މީހަކު ހައްޔަރުކޮށްފައިމިވަނީ މިއަދު މެންދުރު ވެސް މާލޭގައި މާރާމާރީއެއް ހިނގާފައިވަނިކޮށެވެ. މިއަދު ވަޅި ހަރައި ޒަހަމްކޮށްލާފައިވަނީ 24 އަހަރުގެ ޒުވާނެކެވެ. އޭނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ވަނީ މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލާފަ އެވެ. އޭނާގެ ހާލު ސީރިއަސް ކަމަށްވެ އެވެ. އޭގެއިތުރުން އައްޑޫ ސިޓީގައި ޒަހަމްކޮށްލި ޒުވާނަކަށް ވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.