ހަބަރު

ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވާން އަންގައިފި

Oct 11, 2018
4

ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވެ ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި އެހެން ނޫން ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކާސްޓިން ކޮމިޝަން، ބްރޮޑްކޮމް އިން އެ ސްޓޭޝަނަށް ލިޔުމުން އަންގައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ މެދު ޝައްކު އުފައްދައި އަދި އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަންގެ މެންބަރުންގެ އަގު ވެއްޓޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބްރޮޑްކޮމްއިން އެ ސްޓޭޝަނަށް ފޮނުވި ސިޓީގައި ބުނީ، "ޗެނަލް 13" އިން ކޮންޓެންޓް ފޮނުވުމުގައި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި، އަބުރުގެ ގާނޫނާ ހިލާފު ނުވާނެ ގޮތަށް ކޮންޓެންޓް ފޮނުވުމަށް އެދޭ ކަމަށެވެ. އަދި މުޒާހަރާތަކާއި އެއްވުންތައް ވަގުތުން ބްރޯޑްކާސްޓް ކުރާ އިރު، 60 ސިކުންތުގެ ލަސްކުރުމެއް ލައިގެން ބްރޯޑްކާސްޓްކުރުމަށް ސަމާލުވުމަށް ވެސް ދަންނަވާ ކަމަށް ބްރޮޑްކޮމްގެ ސިޓީގައިވެ އެވެ.

“ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ފޮނުވަމުންގެންދާ ކޮންޓެންޓެއްގެ ސަބަބުން ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވާފަދަ ކޮންޓެންޓް ނުފޮނުވުމަށް ސަމާލުކަން ދެއްވުންވެސް އެދެމެވެ،" ސިޓީގައިވެ އެވެ.

ގާނޫނާއި ގަވާއިދާ ތައާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައިވެސް ވެސް ބްރޮޑްކޮމް އިން ބުންޏެވެ.

ޕީޕީއެމްގެ މުޒާހަރާގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ވަގަށް ގޮވައި މީހުން ދެއްކި ވާހަކަތައް ވެސް ޗެނަލް 13 އިން ވަނީ ވަގުތުން ގެނެސްދީފަ އެވެ. އެކަމާ ގުޅިގެން އީސީގެ ރައީސް އަހުމަދު ޝަރީފް އަމިއްލަ ހައިސިއްޔަތުން އަދި ސީދާ ކޮމިޝަނުން ވެސް ވަނީ އެ މައްސަލަތައް ބަލައި ދިނުމަށް ބްރޮޑްކޮމް އަށް ހުށަހަޅައިފަ އެވެ.