ހަބަރު

މާލޭގައި ވަޅިން ހަމަލާދީ 14 އަހަރުގެ ކުއްޖަކު މަރާލައިފި

Oct 11, 2018
24

އޮޓޯ ގަރާޖް ކައިރިން މިރޭ ކުޑަ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލައިފި އެވެ. މައުލޫމާތު ލިބޭ ގޮތުގައި ހަމަލާދީ މަރާލާފައިވަނީ 14 އަހަރުގެ ކުޑަ ކުއްޖެކެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި، މިރޭ 1:55 އެހާއިރު ގ. ޖެލީފިޝްގޭ ކުރިމަތިން ވަޅި ހަރައި މަރާލާފައިވަނީ އިސްމާއިލް ޝައްފާން ޝަރީފް އެވެ. ވަޅި ހަރާފައިވަނީ އޭނޭގެ ކަރަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ހޭނެތިފަ އެވެ. އަދި އޭނާ މަރުވެފައިވަނީ މިރޭ ދަންވަރު 2:30 އެހާއިރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުވާގޮތް ވަނީ ނުވެފަ އެވެ.

މިރޭ ވަޅި ހަރައި ކުޑަ ކުއްޖަކު މަރާލާފައިވާއިރު، އިއްޔެވެސް ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. ޒަހަމްވި އުމުރުން 24 އަހަރުގެ ޒުވާނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ވަނީ މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލާފަ އެވެ. އޭނާގެ ހާލު ސީރިއަސް ކަމަށްވެ އެވެ. އޭގެއިތުރުން އައްޑޫ ސިޓީގައި ޒަހަމްކޮށްލި ޒުވާނަކަށް ވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.