ދުނިޔެ

އެންމެ ބާރުގައި އުޅުނު ޗައިނާގެ އެއް މިނިސްޓަރު އުމުރަށް ޖަލަށް!

Jun 12, 2015
1

ޗައިނާގެ ރަސްމީ ނޫސް އެޖެންސީ، ޒިންހުއާ އިން ބުނި ގޮތުގައި ޕަބްލިކް ސެކިއުރިޓީ މިނިސްޓަރުކަން ކުރެއްވި ޒޫ ޔޮންކަންގް، 72، ގެ މައްޗަށް ވަނީ ރިޝްވަތު ނެގުމާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ސަރުކާރުގެ ސިއްރުތައް ހާމަކުރުމުގެ ކުށް ސާބިތުވެފަ އެވެ. އެ ކުށްތަކުގެ ތެރެއިން، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ، އެ އެޖެންސީން ބުނި ގޮތުގައި، 21.3 މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވިކަން ސާބިތުވުމުންނެވެ. އަދި މަގާމުގެ ނާޖާއިޒް ފާއިދާ ނަންގަވާފައި ވާތީ ހަތް އަހަރުގެ ޖަލު ހުކުމަކާއި ސަރުކާރުގެ ސިއްރުތައް ބޭޒާރުކޮށްފައި ވާތީ ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވާ ކަމަށް ޒިންހުއާ އިން ބުންޏެވެ.

ޒިންހުއާ އިން ބުނި ގޮތުގައި ޒޫގެ މައްޗަށް އެ ކުށްތައް ސާބިތުވީ ޗައިނާގެ ހުޅަނގު އުތުރު ސިޓީއެއް ކަމަށްވާ ޓިއާންޖިންގައި ކުރިއަށް ގެންދިޔަ ސިއްރު ޝަރީއަތަކަށް ފަހު އެވެ. އެ ޝަރީއަތް ސިއްރު ކުރީ، ކޯޓުން ބުނި ގޮތުގައި، ސަރުކާރުގެ ސިއްރުތައް އެކުލެވޭ މައްސަލައަކަށް ވާތީ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ޒޫ ކުށަށް އިއުތިރާފްވާ މަންޒަރު ޗައިނާގެ ރަސްމީ ޓީވީން ވަނީ ދައްކާފަ އެވެ. ޒޫގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ނުކުރާނެ ކަމުގެ ޔަގީންކަން ފަނޑިޔާރަށް ދެއްވާ ތަން އެ ވީޑިއޯ އިން ފެނެ އެވެ.

ޒޫ ވެފައި ވަނީ ކޮމިއުނިސްޓް ޕާޓީން 1949 ގައި ޗައިނާ ވެރިކަން ކުރަން ފެށިއްސުރެ ކޮރަޕްޝަންގެ ކުށް ސާބިތުވެގެން ހުކުމެއް އިއްވި އެ ޕާޓީގެ އެންމެ އިސް ވެރިޔާ އަށެވެ.

މީގެ ތިން އަހަރު ކުރިން، 2012 ގައި އަމިއްލަ އަށް ރިޓަޔަކުރެއްވުމުގެ ކުރިން ޒޫ އަކީ މުޅި ޗައިނާގައި ވެސް އެންމެ ނުފޫޒު ގަދަ އެއް ބޭފުޅާ އެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ބަސްކިއުއްވުމުގެ އިތުރަށް ޗައިނާގެ ތެލާއި ގޭހުގެ ސިނާއަތަށް ވެސް ބާރު ހިންގެވި އެވެ.

އެހެން ނަމަވެސް، ޗައިނާގެ މިހާރުގެ ރައީސް ޝީ ޗިންޕިންގް 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކޮރަޕްޝަނާ ދެކޮޅަށް ފެއްޓެވި މަސައްކަތުގެ އެންމެ ފުރަތަމަ އެއް ޓާގެޓަކަށް ޒޫ ވި އެވެ. އެ ގޮތުން، އޭނާގެ މައްސަލަތައް މިދިޔަ ޖުލައި މަހު ރަސްމީކޮށް ތަހުގީގުކުރަން ފަށައި ކޮމިއުނިސްޓް ޕާޓީން ވަކިކުރި އެވެ. އެގެ ފަހުން، ހުކުމް އިއްވިކަން އިއުލާންކުރުމާ ހަމައަށް ވެސް އާއްމުންގެ ތެރެއިން ޒޫ ފެނިފައެއް ނުވެ އެވެ.

ރައީސް ޖިންޕިންގްގެ ކޮރަޕްޝަނާ ދެކޮޅު ކެމްޕެއިންގައި ޒޫ އަށް ފަހު ދެން އަމާޒަކަށް ހެއްދެވީ ޒޫއާ ގާތް ގުޅުމެއް ބޭއްވި ބާރުގަދަ ގިނަ އޮފިޝަލުންތަކެކެވެ. އެ ގޮތުން ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ވަރަށް އިސް މެމްބަރެއް ކަމަށްވާ ބޯ ޝިލާ މިހާރު ހުރީ އަނބިމީހާ މަރާލިކަން ސާބިތުވެގެން ޖަލަށް ލާފަ އެވެ.