overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އެމެރިކާއިން ރައީސްއަށް: ޝައްކު އުފައްދާކަށް ޖާގައެއް ނެތް، ނަތީޖާ ގަބޫލު ކުރޭ

މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީންއަށް ގޮވާލާ ކަމަށް ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ކަންތައްތައް ބަލަހައްޓާ ސްޓޭޓް ޑިޕާޓްމަންޓްގެ ބިޔުރޯގެ ޑެޕިއުޓީ އެސިސްޓެންޓް ސެކެރެޓަރީ އެލިސް ވެލްސް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެލިސް ވިދާޅުވީ ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވީ އެއް ޕަސަންޓު ނުވަތަ ދެ ޕަސަންޓެއްގެ ތަފާތަކުން ނޫން ކަމަށާއި އެއީ ވަރަށް ސާފު އަގުލަބިއްޔަތެއް ކަމަށެވެ. އެކަމުން އެނގެނީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށާއި ކޮރޮޕްޝަނާއި ޑިމޮކްރަޓިކް މުއައްސަސާތަކުގެ ބާރު ކަޑުވާލުމާ މެދު ރައްޔިތުން ހިތްހަމަ ނުޖެހިފައި ތިބިކަން އިންތިހާބުގެ ނަތީޖާއިން ހާމަވާ ކަމަސް އެލިސް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހަޅާފައިވާ މައްސަލަ އަދި ބަލާ ނުލެވޭތީ ވަކި އެއްޗެއް ބުނަން ދަތި ކަމަށާއި ނަމަވެސް އިބޫ ހޯއްދެވީ ވަރަށް ފުރިހަމަ މޮޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް އެލިސް ވިދާޅުވި އެވެ. އަދި ބަލި ގަބޫލު ކުރައްވާ އިދިކޮޅު ބައެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމަކީ އެމަނިކުފާނު ކުރެއްވި ރަނގަޅު ކަމެއް ކަމަށާއި ރައްޔިތުންގެ ނިންމުން ރައީސް ޔާމީން އަޑު އަހާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެލިސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓުމަށް ދެކޮޅު ހަދާ ފަރާތްތަކާ މެދު އެމެރިކާއިން ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން ދީފައިވާ އިންޒާރު ދަމަހައްޓާނެ ކަމަށެވެ.

"އިންތިހާބުގެ ނަތީޖާ އިލެކްޝަން ކޮމިޝަން އިން ވެސް އެ ވަނީ ކަށަަވަރުކޮށްދީފައި، އޮބްޒާވަރުންނާއި މީޑިއާތަކާ އެންމެން މި އިންތިހާބު ގަބޫލުކޮށްފި. މި އިންތިހާބު ކާމިޔާބު ކުރީ ކޮން ބައެއް ކަމާމެދު ޝައްކު އުފައްދާކަށް ޖާގައެއް ނެތް، އަޅުގަނޑުމެން އިބޫއާއެކު މަސަައްކަތް ކުރާނަން،" އެލިސް ވިދާޅުވި އެވެ. އަދި ދިވެހި ފުލުހުންނާއި ސިފައިން އިންތިހާބުގެ ކަންކަމުގެ ތެރެއަށް ނުވަދެ ޕްރޮފެޝަނަލް ކަމާ އެކު މަސައްކަތް ކުރެއްވީތީ އުފާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެލިސް ވިދާޅުވީ ރާއްޖެ އާއި އެމެރިކާއާ ދެމެދު އަބަދުވެސް އެކި ދާއިރާތަކުން ބަދަހި ގުޅުމެއް އޮންނަ ކަމަށާއި ނަމަވެސް މިދިޔަ އަހަރުތަކުގެ ތެރޭގައި ބައެއް މުއައްސަސާތައް ބަލިކަށިވެ، ޑިމޮކްރަސީގެ ހަމަތަކާ ދުރަށް ރާއްޖެ ގޮސްފައިވާ ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި އިބޫގެ ސަރުކާރާއެކު ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެލިސް ވިދާޅުވި އެވެ. އެގޮތުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި ތިމާވެށީގެ ކަންތައްތައް އަދި ދިފާއީ ދާއިރާއިން ރާއްޖެއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިބޫގެ ސަރުކާރާ އެކު އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.