ރައީސް މުހައްމަދު ނަޝީދު

އައިޝާގެ ދިފާއުގައި ނަޝީދު

އެމްޑީޕީގެ އެކްޓިވިސްޓުންގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާއަށް އަމާޒުކުރަމުންދާ ފާޑުކިޔުންތައް ބަލައިނުގަންނަ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ދާއިރާއަށް ކުއްލިއަކަށް ނުކުމެވަޑައިގެން ކެބިނެޓުން ޖާގައެއް ހޯދަން އައިޝާ މަސައްކަތް ކުރައްވަމުންދާ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ފާޑުކިޔަމުންނެވެ. ބައެއް މީހުން ވަނީ ވަރަށް ހަޑި ހުތުރު ބަހުން ވެސް އައިޝާއާ ދިމާކޮށްލާފަ އެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަން އެއްގޮތަކަށް ބަލައިނުގަންނަ ކަމަށެވެ. އައިޝާއަކީ ވެސް ހުރިހާ ސިޔާސީ ފުރުސަތެއް އަދި އެންމެހާ ހައްގުތައް ފުރިހަމައަށް ލިބެންޖެހޭނެ ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އައިޝާއަށް އެމްޑީޕީގެ އެކްޓިވިސްޓުން ފާޑުކިޔުމުން ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓުން އެކަމާ ވަރަށް ބޮޑަށް ރުޅިގަދަވެފައިވެ އެވެ. އަދި ޓްވިޓާގައި ދެ ޕާޓީގެ އެކްޓިވިސްޓުން ބަހުގެ ހަމަލާތައް ރައްދުކޮށްފައިވެ އެވެ. އެ ދެ ޕާޓީއަކީ ކޯލިޝަންގައި އޮތް އެންމެ ބޮޑު ދެ ޕާޓީ އެވެ.

ރައީސް ނަޝީދު، އައިޝާގެ ދިފާއުގައި ވާހަކަ ދެއްކެވުމުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ އައިޝާ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުރެއްވި މަސައްކަތަށް ތައުރީފްކޮށް ޓްވީޓްތައް ކޮށްފަ އެވެ.