ލައިފްސްޓައިލް

ނުރަނގަޅު އާދަތައް ފިލުވާލަން ބޭނުންތަ؟ މިއީ ފަސޭހަ މަގެއް

Jun 12, 2015

ނުރަނގަޅު އާދަތަކަކީ ދިރިއުޅުމުގައި މުސްތަގްބަލަށާއި، ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކޮށް ބޭކާރު ގޮތުގައި ގަޑީގެ ބޭނުން ކުރެވި ހުރިހާ ކަމަކަށް ބުރޫ އަރާ ކަމެކެއް ކަމުގައިވިޔަސް ހުއްޓާނުލެވޭ ކަމަކަށް ވެފައި ވަނީ ކީއްވެގެން ހެއްޔެވެ؟ މިކަންތައް ހުއްޓުވަން ކުރެވޭނެ މަގުތަކެއް އެބައޮތް ހެއްޔެވެ؟

ގޯސް އާދައެއް ފަށައިގަނެވެނީ ގަވާއިދުން އެކަމެއް ކުރެވެން ފެށި، އޭގެއިން ލިބޭ ހިތްހަމަޖެހުމާއި ހެދި ނޫނީ ބައެއްފަހަރު ލިބިދާނެ ފައިދާއަކާއި ހެދިއެވެ. ކޮންމެހެނެއް ވިޔަސް މިކަންތައްތަކާއި ހެދި ދިރިއުޅުމުގައި ކުރިއެރުމެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. މިއާދަތައް ފޮހެ ރަނގަޅު އާދަތަކަށް ބަދަލު ކުރަން އެބަޖެހެއެވެ.

ނުރަނގަޅު އާދަތަކަކީ ގައިން އެއްކޮށް ނައްތާލެވޭނެ ކަމެއް ނޫނެވެ. އެއާދަ ތަންކޮޅެއް ފައިދާތެރި ކަމަކަށް އެހެންނޫނީ ރަނގަޅު ކަމަކަށް ބަދަލުކޮށްލަން ޖެހެއެވެ. އަޅުގަނޑުމެންގެ ކަށީގައި ހިފައިގަންނަ އާދައަކީ ކުރާނެ ކަމެއް ނެތިގެން ފޫހިވެގެން 'ސްޓްރެސް' އާއި ހެދި ފަށައިގަނެވޭ ކަންތައްތަކެކެވެ. ނިޔަފަތުގައި ދަތްއެޅުމާއި، ކޮފީތަކަށް މާގިނައިން ގޮސް ލާރިހަރަދުކޮށް އިންޓަރނެޓްގައި ގިނަ ވަގުތު ހޭދަކުރުމުކީ ކުރާނެކަންތައް މަދުވީމަ މީހާއަށް ނޭނގި ގަސްތުގައި ނޫނަސް ކުރެވިގެންދާ ކަންތައްތަކެކެވެ. ދިރިއުޅުމުގައި މިކަހަަލަ ކަންކަމަށް އާދަކުރެވެން ފެށެނީ ދިމާވާ ހާދިސާތަކުންނާއި އެކިއެކި ސަބަބުތަކާއި ހުރެއެވެ. އެހެންނަމަވެސް ފޫހި ވެގެން މިކުރެވޭ އާދަތަކެއް ރަނގަޅު އާދަތަކަށް ބަދަލުކުރެެވޭތޯ ބަލަން އެބަޖެހެއެވެ. މިސާލަކަށް ރުޅިގަދަވުމުން ސިގަރެޓެއް ބުއިމުގެ ބަދަލުގައި ތަންކޮޅެއް ފިނި އެއްޗެއް ބުއިމާއި އަބަދު ކޮފީތަކަށް ނުގޮސް ލާރި އިސްރާފު ކުރުމުގެ ބަދަލުގައި އެވަގުތު ކޮޅުގައި ގޭގައި ފިލްމެއް ކަހަލަ އެއްޗެއް ބެލުން ކަހަލަ ކަންތައްތަކެކެވެ.

އެކީގައި އުޅެވޭ ބަޔަކާހެދި ވެސް ނުރަނގަޅު އަމަލުތަކަށް އާދަވާން ފަށައެވެ. އެމީހުންނަކީ އެއަމަލުތަކުގެ ފެށުން ކަމުގައިވީ ނަމަވެސް އެމީހުންނާއި ގުޅުން ކަނޑާލާކަށް ނުޖެހޭނެއެވެ. ތިމާއާއި އެއްކޮށް އެކަމެއް ހުއްޓަން ބޭނުންވާ ކަހަލަ އެކުވެރިޔަކު ހޯދާށެވެ. އެކަކު އަނެކަކުގެ ކާމިޔާބީގައި އުފާކޮށް ނާކާމިޔާބީ ތަކުގައި ހިތްވަރުދޭ ކަހަލަ މީހެކެވެ. އެމީހަކު ތިމާގެ ނުރަނގަޅު އާދަތަކެއް ބަދަލުކުރާނެކަން ބަރޯސާ ކުރުމަކީވެސް ލިބިގެންދާނެ ހިތްވަރެކެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ނާކާމިޔާބު ވެދާނެ ކަމުގެ ބިރަށް، ހާސިލް ކުރަން ބޭނުންވާ މަގްސަދުތަކެއް ސިއްރުން ކުރެވޭތޯ މަސައްކަތްކުރެއެވެ. އެކަނި ނާކާމިޔާބުތަކުގައި ހިތާމަ ކުރުމަށްވުރެ ތިމާގެ ދެރައަކީ އެމީހެއްގެވެސް ވެއްޓުންކަން ގަބޫލުކުރާ މީހަކާއި އެއްކޮށް މަސައްކަތްކުރުމުން އަނެއްކާ ތެދުވެ އެކަމެއް ކުރަން އިތުރު ހިތްވަރެއް ލިބޭނެއެވެ. އަނެއްބައި މީހުންނަކީ ތިމާ އަތުން ކުށެއް ނުވަތަ އެހެންމީހުން ހިތްހަމަ ނުޖެހޭ ކަހަަލަ ކަމެއް ވެއްޖެނަމަ މުޅި މީހާ ބަދަލު ކޮށްލަން ބޭނުންވާ ބަޔެކެވެ. ބަދަލުކުރަން ބޭނުންވާ ހާލަތް ބޮޑުކަމުން ރަށް ދޫކޮށްލާ އެހެން ރަށްރަށަށް ބަދަލުވާ ފަހަރުވެސް އާދެއެވެ. އަމިއްލަ މީހާ ގަބޫލު ކުރަން ޖެހެނީ ދުނިއުމުރު ތިމާއަކީ ނުރަނގަޅުކޮށް އުޅެމުން އައި ބައެއް ނޫންކަމެވެ. ދިމާވާ ހާދިސާތަކާއި ހެދި ކޮންމެ މީހަކަށްވެސް ބަދަލެއް އައިސްދާނެއެވެ. އެކަމަކު އެނުރަނގަޅު ބަދަލު އައި ގޮތަށް އެކަން ފޮހެވެންވެސް ޖެހޭނެއެވެ.

އާދަތައް ބަދަލު ކުރަން ނަގާ މުއްދަތު ދިގުވެ އެއްފަހަރަކާއި ހުރިހާ ގޯސް އަމަލަކީ ނައްތާވެސް ނުލެވޭނެ ކަމެކެވެ. އެހެން ހަދަން އުޅެގެން އަނެއްކާވެސް ކުރާނެ ކަންތަައް މަދުވެގެން ހަމަ އެ ނުރަނގަޅު އާދަތަކެއް ކުރެވެން ފެށެއެވެ. ކިތަންމެ ގިނަފަހަރަށް މޫނު ވަތަށްޖެހި ވެއްޓުނު ކަމުގައިވިޔަސް ތެދުވެ ފޮޅާލައި އަނެއްކާވެސް މަސައްކަތް ކުރަންވީއެވެ. ކޮންމެ ނާކާމިޔާބީ އަކީ ކާމިޔާބީއާއި ގާތްކުރާނެ ކަމެކެވެ.