ހަބަރު

ކުއްޖާ މަރާލި މީހުން ހޯދަން ހާއްސަ މަސައްކަތެއް އެބަކުރަން: ފުލުހުން

މާލެ އާއި އައްޑޫ ސިޓީގައި މިހާރު ހިނގަމުން އަންނަ މާރަމާރީތަކާއި ރޭ ކުއްޖަކު މަރާލި މައްސަލާގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ އާއި އައްޑޫ ސިޓީގައި ހިންގަމުން އަންނަ މާރަމާރީތައް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ދާ ކަމަށާއި އެފަދަ މާރަމާރިތައް ހިންގާ ފަރާތްތައް ހޯދާ، ކުށް މަދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މާރަމާރިތަކާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދާ މިހާރު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިފަހުން މާލެ އާއި އައްޑޫ ސިޓީގައި ސިލްސިލާ މާރަމާރީތަކެއް ހިނގާ، އެތަށް ޒުވާނަކު ވަނީި ޒަހަމްކޮށްލައިފަ އެވެ. އޭގެ އިތުރުންް ރޭ ވަނީ 14 އަހަރުގެ ކުޑަ ކުއްޖެއް ގަޔަށް ވަޅި ހަރާ މަރާލައިފަ އެވެ. އަދި ދެ ޒުވާނަކު ވަނީ ސީރިޔަސް ހާލުގައި އެޑްމިޓުކޮށްފަ އެވެ.

އެ މައްސަލަތަކާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ އެތަށް ބަޔަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ތަހުގީގާ ގުޅޭ ތަފްސީލެއް ފުލުހުން އަދިވެސް ހާމައެއް ނުކުރެ އެވެ.