overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

ރައީސް ޔާމީން ހުށަހެޅީ އިންތިހާބު ބާތިލްކުރަން، އީސީއަށް ޖަވާބުދާރީވާން އަންގައިފި

ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ކަމަށާއި އެ މައްސަލައަށް އަންނަ ހޮނިހިރު ދުވަހަށް ލިޔުމުން ޖަވާބު ދިނުމަށް އީސީއަށް ސުޕްރީމް ކޯޓުން މިއަދު އަންގައިފި އެވެ.

އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު އަވަސްއަށް ވިދާޅުވީ، ސުޕްރީމް ކޯޓްގައި އެ މައްސަލައިގައި އިބްތިދާއީ އަޑުއެހުމެއް މިއަދު ހެނދުނު 9:45 ގައި ބާއްވާފައިވާ ކަމަށާއި މައްސަލައިގެ ލިޔުންތައް ކޮމިޝަނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އެ މައްސަލައަށް ޖަވާބު ދާރީ ވުމަށް ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ، ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ކަމަށެވެ. އޭގެ ތަފްސީލްތަކެއް ޝަރީފް ނުދެއްވި އެވެ.

"އަޅުގަނޑުމެން މިބަލަނީ މިރޭވެސް ވީހާވެސް އަވަހަކަށް ޖަވާބު ތައްޔާރުކޮށް ސުޕްރީމް ކޯޓަށް ޖަވާބު ފޮނުވަން. އަޅުގަނޑުމެންގެ ލޯޔަރުން އެބަ އެ މަސައްކަތް ކުރައްވާ އެކަމުގައި،" ޝަރީފް ވިދާޅުވި އެވެ. އޭނާ މީގެ ކުރިން ވިދާޅުވެފައި ވަނީ އިންތިހާބާ ގުޅޭ ގޮތުން އައިސްފައި ހުރި އެކި ޝަކުވާތައް ކޮމިޝަނުން ތަކުރާރުކޮށް ބެލި ނަމަވެސް، އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ އެއްވެސް ކަމެއް ހިނގާފައި ނެތް ކަމަށެވެ. އަދި އިންތިހާބު ބާތިލް ކުރަން ޖެހޭ ކަމަށް ބުނެ ޕީޕީއެމްއިން ދައްކާ އެއްވެސް ވާހަކައެއްގައި ހެއްކެއް އަދި އަސްލެއް ވެސް ނެތް ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައި މަރުހަބާ ވެސް ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ އެތައް ދުވަހެއް ފަހުން މަގުމައްޗަށް ނިކުމެ ވަޑައިގެން، އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ދޭހަވާ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ތުހުމަތުތަކެއް ކުރެއްވި އެވެ. އަދި މުޒާހަރާތަކެއް ކުރުމަށް ގޮވާލި އެވެ. އެ މުޒާހަރާއަށް އެއްވަނީ ކޮންމެ ރެއަކު ވެސް 20 އަކަށް މީހުން އެވެ.