ދުނިޔެ

ކުރިމަތިފަރާތް ބުރިވެގެން ބަދަލުކުރި ފުރަތަމަ މީހާ ބައްޕައަކަށް ވަނީ

Jun 12, 2015

ކުރިމަތިފަރާތް ބުރިވެގެން އެހެން މީހެއްގެ ކުރިމަތިފަރާތް ޖެހި ފުރަތަމަ މީހާ ބައްޕައަކަށް ވާން އުޅޭ ކަމުގެ އުފާވެރި ޚަބަރު ލިބިއްޖެ އެވެ.

ގާތްގަނޑަކަށް ނުވަ ގަޑިއިރުގެ މި އޮޕަރޭޝަން ކުރި ދެކުނު އެފްރިކާގެ ސްޓެލެންބޯޝް ޔުނިވަސިޓީ އާއި ޓައިގަބާގް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. އެންޑްރޫ ވޭން ޑާ މާވޭ މިއަދު ވިދާޅުވި ގޮތުގައި އެ މީހާ ލޯބީ ރަށްޓެހިވެގެން އުޅޭ ކުއްޖާގެ ބަނޑަށް މިހާރު ހަތަރު މަސް ވަނީ ވެފަ އެވެ. އެއީ އެ ދެ މީހުންގެ ދަރިއެއް ކަމަށް ދެ މީހުން ވެސް އެއްބަސްވެފައިވާ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

"އަހަރުމެން ބޭނުންވީ ވެސް އޭނާ އަށް ހަމަ އެހެން މީހުންނެކޭ ވެސް އެއްގޮތަށް ހިނގާބިނގާވެ، ކުޑަކަމު ގޮސް އަދި ޖިންސީ ގުޅުން ހިންގޭނެ ގޮތް ވުން. އަހަރެން މި ހުރީ ވަރަށް ހިތްހަމަޖެހިގެން. މި އެނގުނީ އެ އޮޕަރޭޝަން ކާމިޔާބުކަން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، އެ އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރުން އަދި ރަސްމީކޮށް ނުނިންމަ އެވެ. އެ ފަދަ އިތުރު އޮޕަރޭޝަންތައް ކުރާނީ އެކަން ކުރުމަށް ފަހު އެވެ.

ކުރިމަތިފަރާތް ބަދަލުކުރުމުގެ އޮޕަރޭޝަނެއް ޗައިނާގައި ވެސް ކުރަން އުޅުނެވެ. އެކަމަކު، އެ އޮޕަރޭޝަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.