ހަބަރު

ޣައިރު ހާޒިރުގައި ގާސިމަށް ހުކުމް ކުރެވޭނެ ކަމަށް ނުދެކެެން: ދައުލަތް

ރިޝްވަތު ދިން ކަމުގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އިއްވާފައިވާ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމަކީ ޣައިރު ހާޒިރުގައި އިއްވާފައިވާ ޖަލު ހުކުމެއް ކަމަށާއި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން އެކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަަމަށް ދައުލަތުގެ ވަކީލުން މިއަދު ކޯޓްގައި
ވިދާޅުވެއްޖެ އެވެ.

މިއަދު އޮތީި އެމައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ. މިއަދުގެ އަޑުއެހުމުގައި ގާސިމްގެ ވަކީލުންގެ ފަރާތުން 13 ނުކުތާއެއް ހުށަހަޅާފައި ވެއެވެ. ގާސިމްގެ ވަކީލުން އެދުނީ ހުކުމް ބާތިލް ކުރުމަށެވެ. އެ ނުކުތާތަކަށް ދައުލަތުން ޖަވާބު ދީފައިވަނީ ކޯޓުން ނިންމާފައިވާ ކަންކަމަށް ރިއާޔަތްކޮށެވެ. އެގޮތުން ދައުލަތުގެ ވަކީލް ނިއުމާ މުހައްމަދު ވަހީދު ވިދާޅުވީ، މި މައްސަލާގައި ދިފާއަށް ފުރުސަތު ދީފައިވާ ކަމަށާއި އަދަބު ކަނޑައެޅުމާއި ހުލާސާ ބަޔާން އިއްވުމަށް ހާޒިރުނުވުމަކީ ދިފާއަށް
ފުރުސަތު ނުދޭ ކަމަށް ގަބަގޫލް ނުކުރާ ކަމަށެވެ.

ނިއުމާ ވިދާޅުވީ، މި މައްސަލާގައި ޝަރީއަތުން ގާސިމްގެ ބަލި ހާލަތައް ބަލައި ބައެއް ޝަރީއަތްތައް ފަސް ކޮށްފައިވާ ކަމަށާއި އަދި ބައެއް ޝަރީއަތްތައް ކެންސަލް ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މި މައްސަލާގައި ކޯޓުން ބަލި ހާލަތައް ރިއާޔަތް ކޮށްފައިވާ ކަަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ނިއުމާ ވިދާޅުވި އެވެ.

ނިއުމާ ވިދާޅުވީ، މި މައްސަލަ ކުރިން ބާތިލް ކޮށްފައިވަނީ ދައުލަތުގެ ފަރާތުން ގަސްތުގައި ޝަރީއަތަށް ހާޒިރުނުވުމުން ކަމަށާއި ނަމަވެސް މައްސަލަ ބާތިލް ކޮށްފައިވަނީ އެދުވަހު ޝަރީއަތް ފަސް ކުރުމަށް އެދި ސިޓީއެއް ފޮނުވާފައި ވަނިކޮށް ކަމަށެވެ. އެހެން ކަމުން މައްސަލަ ބާތިލް ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ނިއުމާ ވިދާޅުވި އެވެ.

ނިއުމާ ވިދާޅުވީ، މި މައްސަލައަކީ ރިޝްވަތު ދީގެން ކުރިން އުފުލާފައިވާ ދައުވާ އެއް ނޫން ކަމަށާއި މި މައްސަލައަކީ ރިޝްވަތު ހުށަހަޅަން އުޅުނު ކަމުގެ ދައުވާއަކަށްވާތީ މި މައްސަލަ އޭސީސީ ނުހިމަނަ ފުލުހުންނަށް ބެލޭނެ ކަމަށް ގަބޫލު
ކުރާ ކަމަށެވެ.

ނިއުމާ ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ޣައިރު ހާޒިރުގައި އެއްވެސް މައްސަލައެއް ނިންމާފައިނުވާ ކަމަށެވެ. އަދި މި މައްސަލަ އަދުލުވެރި އިންސާފުވެރި ނިންމުމެއް ނިންމައި ދިނުމަށް ދައުލަތުން އެދުނެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރު ސުޖާއު އުސްމާން ވަނީ ގިނަ ސުވާލުތަކެއް ދައުލަތަށް ކުރިމަތި ކުރުވާފަ އެވެ. އެގޮތުން ދައުލަތުން ދެކޭގޮތް ސާފުކޮށް ހާމަކޮށްދިނުމަށް ގާޒީ އެދިވަޑައިގަތެވެ. ދައުލަތުން ތަކުރާރުކޮށްވަނީ މި މައްސަލައިގައި އަދުލުވެރި އިންސާފުވެރި ހުކުމެއް އިއްވުމަށް އެދިފަ އެވެ.

ގާޒީ ވަނީ އަދުލުވެރި އިންސާފުވެރި ހުކުމަކީ ކޮބައިކަމާއި، އެހެން ކަމުން ދައުލަތުން ބޭނުންވަނީ ސީދާ ކޮންކަމެއް ކަން ސާފުކޮށްދިނުމަށެވެ. ދައުލަތުން އެންމެ ފަހުން ވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ޣައިރު ހާޒިރުގައި އެގޮތަށް ޝަރީއަތް ކުރެވޭނެ ކަން ބަޔާންކޮށްފައިނުވާތީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އިއުތިރާފުވެފަ އެވެ. އަދި މި މައްސަލާގައި ޖިނާއީ އިޖްރާއަތުގެ ގާނޫނޫގެ ދަށުން އަދުލުވެރި އިންސާފުވެރި ހުކުމެއް އިއްވައި ދިނުމަށް ދައުލަތުން އެދުނެވެ.

މައްސަލަ ބައްލަވާ ގާޒީ ސުޖާއު ވަނީ އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ މައްސަލައިގައި ގޮތެއް ނިންމުން ކަމަަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމާލައްވާފަ އެވެ.