ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާފައިވަނީ ވަރަށް ފުރިހަމަ ނިންމުމެއް ކަމަށާއި، އެ ނިންމުމަށް އިހުތިރާމް ކުޑަކޮށް، ކޯޓަކުން އަމަލުކޮށްފާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ގަބޫލު ނުކުރައްވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސޯޝަލް މީޑީއާ އާއި، މީޑިއާތަކުން ރައީސް އަބުދުﷲ ޔާމީން ރިޔާސީ އިންތިހާބު ބާތިލް ކުރަން ކޯޓަށް ހުށަހަޅާފައިވާކަން އެނގިފައިވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް، ރައްޔިތުންނަށް ކުޑައިމީސް ވާގޮތަކަށް ކޯޓަކުން އަމަލުކޮށްފާނެ ކަމަށް އިންތިހާބީ ރައީސް، އިބޫވެސް ގަބޫލު ނުކުރައްވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން އިންތިހާބުގެ ނަތީއްޖާ ގަބޫލު ކުރެއްވުމަށްފަހު، މަގުމައްޗަށް ނިކުމެ ވަޑައިގެން ވޯޓް އޮޅުވާލާފައިވާކަމަށް ބުނެ މީހުން އެއްކޮށްގެން އަޑުގަދަ ކުރުމަކީ ރައިސުލް ޖުމްހޫރިއްޔާއެއްގެ ކިބައިގައި ހުންނަން ޖެހޭ ރިވެތި އަހުލާގު ހުންނަންޖެހޭ ގޮތް ކަމަށް ރައްޔިތުން ގަބޫލު ނުކުރާކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ. އަދި އެވާހަކަތަށް އެކި ގޮތްގޮތަށް ރައްޔިތުން އިބޫ އަށް ދަންނަވަމުންދާ ކަމަށާއި، ރައީސް ޔަމީނަށް ނަސޭހަތްތެރިވާން ބުނަމުންދާ ކަމަށެވެ.
ހައުސިން މިނިސްޓްރީން ގޯއްޗާއި ފްލެޓް ދޫކުރުމުގައި އަމަލު ކުރަމުންދާ ގޮތާއި ދެކޮޅަށް ސިވިލް ސާވަންޓުން ތެދުވުމުން، ކޮންޓްރެކްޓް އުސޫލުން އެކަންކަން ކުރަން ބަޔަކު ހަމަޖައްސަން އުޅޭ ވާހަކަ އަޑުއިވެމުންދާކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
އަދި އެކަންކަން ހިގަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށާއި، އެއީ ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އުފެދޭގޮތަށް ކުރަމުންދާ ކަމެއް ކަމަށެވެ.
އިބޫގެ ރިޔާސީ 5 އަހަރުގެ ދައުރުގައި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ގޯއްޗާއި ފްލެޓްލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށާއި، މިހާތަނަށް އައި އިރުވެސް ސަރުކާރު ބަދަލުވުމުގެ މަރުހަލާއަށް އެއްބާރުލުން ނުލިބެނޭ ހައުސިން މިނިސްޓްރީއިން ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.