ބޮލީވުޑް

ދިޕިކާގެ ހަޔާތުގެ އެއް ބަޔަކީ އަދިވެސް ކުރީގެ ލޯބިވެރިޔާ ރަންބީރު

Jun 12, 2015

“އޯމް ޝާންތީ އޯމް" އިން 2007 ވަނަ އަހަރު ބޮލީވުޑަށް ދިޕިކާ ޕަދުކޯން ތައާރަފްވުމާއިއެކު، އެކްޓަރު ރަންބީރު ކަޕޫރު އާއި ދެމީހުންގެ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަން އެއީ އެންމެނަށްވެސް އިނގޭ ކަމެކެވެ.

ފާޅުކަން ބޮޑުކޮށް އެވޯޑް ހަފްލާތަކުންނާއި، އިވެންޓްތަކުގެ އިތުރުންވެސް ރޭގަނޑުގެ ކެއުންތަކުންވެސް މިދެތަރިންވަނީ ފެނިފަ އެވެ.

އެހެންނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ، ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިދެތަރިންވަނީ ރުޅިވެފަ އެވެ.

މިދެތަރިންގެ ގުޅުން ކެނޑުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ދިޕިކާ ވަނި ރަންބީރުގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ތަފާތު އެކި ފަހަރު ކޮމެންޓްކޮށްފަ އެވެ.

މިވަގުތު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު ތަރިންގެ ލިސްޓްގެ އެންމެ ކުރީގައި ގުނާލެވޭ ދިޕިކާ ދާދިފަހުން މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި އަނެއްކާވެސް ކުރީގެ ލޯބުވެރިޔާ ރަންބީރު އާއި ގުޅޭގޮތުން ވާހަކަދައްކާފަ އެވެ.

އަމިއްލަ ދިރިއުޅުމާއި ފިލްމީ ހަޔާތާއި ބެހޭގޮތުން މިމެގަޒިންގެ 31ވަނަ އަހަރީ ދުވަހާއި ދިމާކޮށް ނެރުނު އަދަދަށް ދިން އިންޓަވިއުއެއްގައި ދިޕިކާ ބުނެފައިވަނީ ކުރީގެ ލޯބިވެރިޔާ ރަންބީރަކީ އަބަދުވެސް އޭނާގެ ހަޔާތުގައި މުހިންމު މީހެއް ކަމަށެވެ. އަދި ރަންބީރު އާއި އޭނާ ރުޅިވިތާ މިހާރު އެތައް އަހަރެއްވެފައިވާކަމަށާއި ނަމަވެސް މިހާރުވެސް ގިނަ ފަރާތްތަކަކުން އެގުޅުމާއި ބެހޭގޮތުން ސުވާލުކުރާކަމަށެވެ. މިހާރު އެދެމީހުންވެސް އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ގޮސްފައިވާއިރު، އެފަދަ ސުވާލުތައް ކުރުމުން ހިތްހަމަނެޖެހޭ ކަމަށްވެސް ދިޕިކާ ބުންޏެވެ.

މީގެއިތުރުންވެސް ރަންބީރަކީ ދިޕިކާގެ ހަޔާތުގައި މުހިންމު މީހެއްކަމަށް ބުނަމުން ބުނެފައިވަނީ، ކޮންމެ ދުވަހަކު ގުޅައިގެން ވާހަކަ ނުދެއްކި ކަމުގައި ވިޔަސް ރަންބީރު ދޭ ހިޔާލު އަބަދުވެސް އޭނާ ބަލައިގަންނަ ކަމަށެވެ.

ޖެހިޖެހިގެން ކާމިޔާބު ގިނަ ފިލްމުތަކެއް ބޮލީވުޑްގެ އެންމެ އަލިގަދަ ތަރިކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ދިޕިކާ ވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ޑިޕްރެޝަންގެ މައްސަލަތަކަކާއި ކުރިމަތިވެ އެކަމަށް ފަރުވާހޯދާފަ އެވެ.

ރަންބީރު އާއި ލޯބީގެ ގުޅުން ކެނޑުނު ފަހުންވެސް ތަފާތު އެކި ގޮތްގޮތަށް ދިޕިކާ އަންނަނީ އޭނާގެ ހިތުގައި ރަންބީރުއަށް އޮތް ލޯބި ހާމަކޮށްދެމުންނެވެ. އެގޮތުން ރަންބީރު އާއި ބަތަލާ ކެޓްރީނާ ކައިފް އާ ދެމީހުން ލޯބީގެ ގުޅުމުންވެސް ދިޕިކާ ވަނީ އެކަމާއި ގުޅޭގޮތުންވެސް އެކި މީޑިއާ އިވެންޓްތަކުގައި ކޮމެންޓްކޮށްފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މިދެތަރިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކުގައި ދިރިއުޅެންވެސް ފަށާފަ އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރި ރަންވީރު ސިންގް އާއި ދިޕިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް އަރާ ނަމަވެސް، ދިޕިކާ އަބަދުވެސް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް، ރަންވިރު ހަރަކާތްތަކުން އެކަން ވަރަށް ސާފުކޮށްވެސް އެނގިގެންދެ އެވެ.މިދެތަރިން އެކުގައި މިއަހަރުގެ ކުރީކޮޅު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައިސް އެއާޕޯޓުން އަތުގުޅާލައިގެން ނިކުންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއްވެސް ވަނީ އާންމުވެފަ އެވެ.

“ބަޗްނާ އެއި ހަސީނޯ" އާއި "ޔޭ ޖަވާނީ ހޭ ދިވާނީ" ގައި ރަންބީރު އާއި ދޕިިކާ އެކުގައި ފެނިގެންގޮސްފައިވާއިރު، އަންނަ އަހަރުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޑައިރެކްޓަރު އިމްތިޔާޒް އަލީގެ "ތަމާޝާ"ގެ ލީޑްރޯލުންވެސް ފެނިގެންދާނީ މިދެތަރިންނެވެ.

ރަންބިރު އެންމެ ފަހުން ރިލީޒްވި ތިން ފްލޮޕް ވެފައިވާއިރު، މިއީ އޭނާގއ ކެރިއަރަށް މުހިންމު ފިލްމެކެވެ.