ހަބަރު

އިންތިހާބާ ބެހޭ މައްސަލަ ހުށަހެޅުމުން އިންޒާރުތައް ލިބޭ: ޕީޕީއެމް

ނިމިގެންދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައެއް ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ތަފާތު އިންޒާރުތައް ލިބެމުންދާ ކަމަށް އެޕާޓީން ބުނެފި އެވެ.

އިންތިހާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ ޝަރިއަތް އަންނަ އާދިއްތަ ދުވަހު ފެށުމަށް ސުޕްރީމް ކޯޓުން ވަނީ ތައާވަލްކޮށްފަ އެވެ. އެ މައްސަލަ ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހުގެ 1:00 އަށެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ވަނީ، އިންތިހާބާ ގުޅިގެން ރައްޔިތުންްގެ ޝަކުވާތައް އިލެކްޝަން ކޮމިޝަނުގެ ބިއުރޯއަށް ހުށަހެޅި ނަމަވެސް އެކޮމިޝަނުން ޖަވާބުދެއްވާފައިނުވާތީ އާއި އީސީގެ މެންބަރުންނާއިމެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ކުރެވެމުންދާ ބޮޑެތި ތުހުމަތުތަކާއި ގުޅިގެން އެ ކޮމިޝަނަށް ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާ ކަމަށެވެ. އެހެން ކަމުން ޕީޕީއެމުން އިސްނަގައިގެން ރައްޔިތުންގެ ހައްގު ހޯދައިދިނުމުގެ ގޮތުން އިއްޔެ ދުސްތޫރީ މައްސަލައެއް ވައްދާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

"މަރުގެ އިންޒާރު ދިނުމާއި ބިރުދެއްކުމާއި ފުރައްސާރަކުރުމާއި އަބުރު ކަތިލުމަށް ހަގީގަތާއި ހިލާފް ވާހަކަތައް ފެތުރުންފަދަ ދަށުދަރަޖައިގެ އަމަލުތައް ހިންގާ ފަރާތްތަކަށް އެފަރާތްތަކުގެ މަގްސަދުތައް ހާސިލް ނުވާނެ ކަމަށާއި އެކަންކަން ވަގުތުން ހުއްޓާލުމަށް ގޮވާލަން،"

ބަޔާނުގައި ވަނީ، އެޕާޓީއަށް އިންޒާރުތައް ދެމުން ގެންދާ ފަރާތްތަކަކީ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެކްޓިވިސްޓުން ކަަމަށްވާނަމަ އެފަރާތްތަކުގެ އަމަލުތައް އެޕާޓީއަކުން ހުއްޓުވުމަށް ގޮވާލާ ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކަކީ ޑިމޮކްރަސީގެ ވާހަކަތައް އެންމެ ގިނައިން ދައްކާ ފަރާތްތައް ކަމަށާއި ޑިމޮކްރަސީގެ ރީތި އުސޫލުތައް އަމަލުން ދެއްކުމަށްވެސް ޕީޕީއެމްގ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ޕީޕީއެމްގެ މެންބަރުންގެ ހިމާޔަތުގައި އެޕާޓީން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށާއި އެފަދަ މައްސަލަތައް ޕޮލިހަށް ހުށަހަޅައި ތަހްގީގްކޮށް ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.

ޕީޕީއެމްގެ މެންބަރުންނަށް މަރުގެ އިންޒާރު ދެމުން ގެންދާ ކަމަށް އެޕާޓީން ބުނެފައިވާއިރު، މިދިޔަ ހަފްތާގައި ވަނީ ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށްވެސް ހުށަހަޅާފަ އެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީއަށް މަރުގެ އިންޒާރުދިން މައްސަލައެއްވެސް ވަނީ އޭނާގެ ފަރާތުން ފުލުހަށް ހުށަހަޅާފަ އެވެ. އޭނާއަށް އިންޒާރު ދީފައިވަނީ ފޭސްބުކް އިން މެސެޖް ކޮށްފަ އެވެ.