overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

އިންތިހާބު މައްސަލަ: ސިއްރު ހެކި ހުށަހެޅި، އަނގޮޓި އާއި އެމް7އަށް ތުހުމަތު!

ނިމިގެންދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް އިންތިހާބުގައި ނާކާމިޔާބުވެވަޑައިގަތް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ވޯޓު ކަރުދާސް ޕްރިންޓް ކުރި ގޮތާއި އަނގޮޓިއެއް ބޭނުންކޮށްގެން ނުބައި ފާހަގައެއް ޖެހިކަމުގެ ތުހުމަތުތަކެއް ކަމަށް "އަވަސް"އަށް ކަށަވަރުވެއްޖެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ ކޮޕީއެއް މިއަދު ވަނީ އާންމުވެފަ އެވެ. އަދި އެ ކޮޕީއަކީ ސައްހަ އެއްޗެއްކަން ވަނީ އެކި މަސްދަރުތަކުން ކަށަވަރު ކުރެވިފަ އެވެ. އޭގައިވާ ގޮތުން އިންތިހާބަށް ވޯޓު ކަރުދާސް ޕްރިންޓް ކުރި ގޮތާމެދު ސުވާލު އުފަައްދާފައިވާއިރު އަނގޮޓިއަކާއި ދެލި ފުހެވޭ ގަލަމެއް ބޭނުން ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޕްރިންޓްކުރުމަށް މިފަހަރު ދީފައިވަނީ އެމް7އަށެވެ. އެތަނަށް ކަރުދާސް ޕްރިންޓް ކުރަންދިންއިރު މީގެކުރީގައި ހުރިހާ އިންތިހާބެއްގެ ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިވާ ނޮވެލްޓީއިން ވެސް ބިޑް ހުށަހެޅިކަން މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އެމް7އަށްވުރެ 32 ޕޮއިންޓް އިތުރަށް ޓެކްނޮލޮޖީގެ ގޮތުން ވެސް މޮޅު ނޮވެލްޓީއަށް ބިޑްގައި މާކްސް ލިބުނުކަން ވަނީ މައްސަލައިގައި ފާހަގަކޮށްފަ އެވެ. މައްސަލައިގައިވާ ގޮތުގައި ބިޑް ހުށަހަޅަން ހުޅުވާލީ މައުލޫމާތު ކަރުދާހުގައި އޮތީ އެންމެ ސެކިއުރިޓީ ފީޗާއެއް ހުށަހަޅަން ކަމަށާއި އޭގެ އަގު ބަޔާންކުރާ ގޮތަށްވީ ނަމަވެސް އެމް7އިން ބިޑް ހުށަހަޅާފައިވަނީ ފަސް ސެކިއުރިޓީ ފީޗާ ވެސް ހިމެނޭ ގޮތަށް ކަމަށް ބުނެފައިވެ އެވެ.

ދެ ޕާޓީއިން ބިޑް ހުށަހެޅި ފަހުން ޓެކްނިކަލް ކޮމެޓީއިން ވަނީ ވޯޓު ކަރުދާހުގައި ތިން ސެކިއުރިޓީ ފީޗާ ހިމަނަން ފާސްކޮށްފައި ކަމަށް ޕީޕީއެމްގެ މައްސަލައިގައި ފާހަގަ ކުރި އެވެ. ނަމަވެސް އެގޮތަށް ނިންމިއިރު އަލުން ބިޑަށް ހުށަހަޅައިގެން އެކަން ކުރާނެ ވަގުތު ނެތުމުން އެމް7އަށް ބިޑަކާނުލާ އެކަން ހަވާލުކުރުމުގެ ހުއްދައަކަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށާއި މިނިސްޓްރީން އެ ހުއްދަ ދިނީ އިންތިހާބު ގާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވިދާނެތީ ކަމަށެވެ. އެމް7ގެ ޗާޕްކުރާ މެޝިންތަކަކީ އޮޓަމެޓިކް އޮޑިޓް ކުރެވޭ މެޝިންތަކެއް ކަމަށް ނުވާތީ ވޯޓު ކަރުދާސް ޕްރިންޓް ކުރި އަދަދު ޔަގީން ކުރެވެން ނެތްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ދެން ފާހަގަކޮށްފައިވަނީ އެމް7ގެ ހިއްސާދާރުންނާ ގުޅޭ ގޮތުންނެވެ. އެގޮތުން އެމް7ގެ އެއް ހިއްސާ، އިންތިހާބުގައި ވާދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ރަންނިންމޭޓް ފައިސަލް ނަސީމް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ހަދީޖާ ސަނާގެ އޮންނައިރު ގާސިމްގެ މަސްލަހަތު އޮންނަ ވިލާ ހޯލްޑިންގެ 999 ހިއްސާ އޮންނަކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެމް7ގެ ހިއްސާދާރެއް ކަމަށްވާ މުހައްމަދު ނަދީމަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއް ކަމަށާއި އަދި އެމް7ގެ ބޯޑްގައި މުހައްމަދު ނަދީމާއި ގާސިމްގެ ދެ ބޭފުޅުން ކަމަށްވާ ހަދީޖާ ސަނާ އާއި އިބްރާހިމް ސިޔާދު ގާސިމް ތިއްބަވާ ކަމަށް ވެސް މައްސަލައިގައި ފާހަގަ ކުރި އެވެ.

އެހެންކަމުން އިންތިހާބުގައި ވާދަކުރާ ފަރާތެއްގެ މެޖޯރިޓީ އޮތް ކުންފުންޏަކުން ވޯޓު ކަރުދާސް ޗާޕް ކުރުމަކީ އެ ކަރުދާސް ބޭނުންކޮށްގެން އެ ފަރާތުން ނާޖައިޒު ފައިދާ ނަގައި މަކަރާއި ހީލަތް ހަަދައިގެން އެ ފަރާތުން ބޭނުންވާ ގޮތަށް ނަތީޖާ އަނބުރާލެވޭނެ ކަމެއް ކަމުގެ ޝައްކެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

ވޯޓު ކަރުދާސް ޕްރިންޓް ކުރުމަށްފަހު ބަހައްޓާފައިވާ ކޮޓަރިއަކީ ކޮންމެ މީހަކަށް ވެސް ވަދެ ނިކުތުމަށް ފަސޭހަ، ސަލާމަތީ ގޮތުން މާބޮޑު އިންތިޒާމެއް ނެތް ކޮޓަރިއެއް ކަމަށް ބުނެފައިވާއިރު އެކަން ސާބިތުކުރުމަށް ބާ ޖަމާލުއްދީންގެ ސެކިއުރިޓީ ބެލެހެއްޓި ފުލުހުންގެ ހެކި ބަސް ނަގައިދިނުމަށް އެދިފައިވެ އެވެ.

ވޯޓުގެ ނަތީޖާ އޮޅުވާލުމަށް ދެ ގޮތެއް ބޭނުންކޮށްފައިވާ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ. އެގޮތަކީ ވޯޓު ކަރުދާހުގައި ޖަހާ ނަތީޖާ އޮޅުވާލުމަށް އަނގޮޓިތަކެއް ބޭނުންކުރުމެވެ. ވަކި ގޮތަކަށް ތައްޔާރުކޮށްފައިވާ އަނގޮޓިތަކެއް އިލެކްޝަން ކޮމިޝަންގެ ދެ މެންބަރެއްގެ އެންގުމުގެ މަތިން ޗައިނާއިން ރާއްޖެ ގެނެސް އެ މެންބަރުންގެ ކުރިމަތީގައި އެ ޓެސްޓްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވާފައިވާކަން އެނގިފައިވާ ކަމަށެވެ.

އެ މެންބަރުންގެ އެންގުމާ އެއްގޮތަށް އެ އަނގޮޓިތައް ހަދައިގެން ރާއްޖެ ގެނައި މީހާ އާއި އޭގެން ބައެއް އަނގޮޓިތައް ބޭނުން ކުރި މީހުން އެ ވާހަކަތައް ޝަރީއަތަށް ކިޔައިދޭން ތައްޔާރަށް ތިބި ކަމާއި އެމީހުންގެ ހެކި ބަސް ނަގައިދިނުމަށް މައްސަލާގައި އެދިފައިވެ އެވެ. ނަމަވެސް އެމީހުންގެ ނަންތައް ހުށަހަޅާފައިވަނީ ސިއްރުންނެވެ. ހެކި ބަސް ނަގައިދޭން އެދިފައިވަނީ ވެސް ސިއްރު ހެކީންގެ ގޮތުގަ އެވެ.

ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާފައި ހުރީ ދެލި ފުހެވޭ ގަލަންތަކެއް ކަމަށާއި އެ ގަލަންތަކުން ލާފައިވާ ފާހަގަތައް ފުހެވިފަވާ ކަމަށް ބުނެފައިވެ އެވެ. އަނގޮޓި ބޭނުންކޮށްފައިވަނީ އެފަދަ ވޯޓު ކަރުދާސްތަކުގައި އަލުން ފާހަގަ ޖެހުމަށް ކަމަށެވެ. އެގޮތުން ވޯޓުތައް ގުނާ ތަރުތީބު ކުރަމުންދިޔަ ވަގުތު އޮފިޝަލުން އަނގޮޓި އަޅައިގެން ތިބެ، ފާހަގަ ފުހެވިފައިހުރި ވޯޓު ކަރުދާސްތަކުގައި ފާހަގަ ޖަހަމުން ދިޔަ ކަމަށް ބުނެފައިވެ އެވެ. އިލެކްޝަން ކޮމިޝަނުން ގޮޅިން ބޭރުގައި ފާހަގަ ޖެހުނު ނަމަވެސް ވޯޓު ބާތިލް ނުވާނެ ކަމަށް ކުރިން އިއުލާން ކުރީ ވެސް އެހެންވެ ކަމަށާއި އަނގޮޓިން ފާހަގަ ޖަހާއިރު ސީދާ ގޮޅިއާ ދިމާނުވެދާނެ ކަމަށް ވެސް މައްސަލައިގައި ފާހަގަ ކުރި އެވެ.

ގަލަމުން ޖަހާފައިވާ ފާހަގަ ނިޝާން ވޯޓު ކަރުދާސްތަކުގައި ހުންނާނެތީ އެ ކަރުދާސްތައް ބަލައިދިނުމަށް ވެސް އެދިފައިވެ އެވެ. އޭރަށް އަނގޮޓިން ފާހަގަ ޖަހާފައިވަނީ ގަލަމުން ޖެހި ފާހަގަ ފުހެވުމުންކަން ސާފުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މައްސަލައިގެ ހުލާސާ:

  • އަނގޮޓިތަކެއް ބޭނުންކޮށްގެން ވޯޓްގައި ޖެހި ފާހަގަ އޮޅުވާލުން
  • އަނގޮޓިތައް ގެނައި މީހުންނާއި އެކަން ކުރި މީހުން ސިއްރު ހެކިންގެ ގޮތުގައި
  • ކޮމްޕްލަޔަންސް ބިއުރޯގެ މަސައްކަތް ރާވާފައި ހުރިލެއް ދޯދިޔާކަން
  • ވޯޓް ކަރުދާސް ޕްރިންޓްކުރި އެމް7 ގައި ގާސިމްގެ ދަރިންނާއި ޖޭޕީގެ މަސްލަހަތު އޮތުން
  • ވޯޓް ކަރުދާހުގެ ސައްހަކަން ޔޫވީ ލައިޓް ބޭނުންކޮށްގެން ބަލާފައި ނުވުން
  • ހުޅުމާލޭގައި ހުރި ދެ ވޯޓް ފޮއްޓަކަށް ވޯޓްލީ މީހުންނަށް ވުރެ ވޯޓް އިތުރުވުން
  • ވޯޓިން ބޫތު ވޯޓްލާ ގޮތް ފެންނަ ގޮތަށް ބަހައްޓާފައި ހުރުން
  • ވޯޓްލާ މަރުކަޒުގައި ވަކި މީހަކަށް ވޯޓްދޭން "ހަދިޔާ" ބަހާފައިވުން
  • ވޯޓްލާ މަރުކަޒަށް އަތް ދަބަސް ވައްދާފައި ވުން
  • ވޯޓް ޕްރިންޓް ކުރިއިރު ފާހަގަ ފުހެވޭ ކެމިކަލްއެއް ބޭނުންކޮށްފައިވުން
  • ވޯޓަށް ފަހު ވޯޓްގެ ބައެއް ކަރުދާސްތައް ސަލާމަތީ އުރައިގައި ރަނގަޅަށް ބަންދުނުކުރުން

ވަކި ގޮތަކަށް ފާހަގަ ޖެހޭ ގޮތަށް ވޯޓު ކަރުދާސް ޕްރިންޓް ކުރުމަކީ މިހާރުގެ ޓެކްނޮލޮޖީގައި ވެދާނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން އިންތިހާބުގެ ވޯޓު ކަރުދާހަކީ ކާބަން ޓްރީޓަޑް ކަރުދާހެއް ކަމަށް ބެލެވޭ ކަމަށާއި ބައެއް ވޮޓު ކަރުދާސްތަކުގައި ކޮމްޕިއުޓަރުން ޖަހާފައިވާ ފާހަގައެއް ކަމަށް ބެލެވޭ ފާހަގަތައް ހުރިކަން އޮފިޝަލުންނަށް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ ކަމެއް އެމް7އިން ކޮށްދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި މަސްލަހަތު ވެސް އެބަ އޮތް ކަމަށެވެ. އެފަދަ ޓެކްނޮލޮޖީއަކީ ރާއްޖެއިން ބޭރުން ނޫނީ ނުލިބޭނެ ޓެކްނޮލޮޖީއަކަށްވާއިރު އެކަމުގައި އެހީވި ބޭރުގެ ގައުމަކީ ކޮބައިކަން ވެސް ބަލަންޖެހޭ ކަމަށް ބުނެފައިވެ އެވެ.

މައްސަލާގައި ވަނީ ވޯޓު ކަރުދާސްތަކުގައި އެފަދަ ކަންކަން ހުރިތޯ ބެލުމަށް ތަހުގީގެއް ހިންގުމަށް ފުލުހުން އަދި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

ދެން ފާހަގަކޮށްފައިވަނީ ކޮމްޕްލެއިންޓްސް ބިއުރޯގެ ހިދުމަތްތަކުގެ އިންތިޒާމްތައް ގޯސް ކަމުގެ ވާހަކަ އެވެ. އެގޮތުން ވޯޓުލާ ދުވަހަށް ކޮމްޕްލެއިންޓްސް ބިއުރޯ ދަރުބާރުގެއަށް ބަދަލުކުރިއިރު އެތަނުގައި ބާ ޖަމާލުއްދީންގައި ހުރި އެޑްމިނިސްޓްރޭޓިވް ވަސީލަތްތައް ދަރުބާރުގޭގައި ނެތް ކަމަށެވެ. އެގޮތުން ފޯނު، ފެކްސް އަދި އީމެއިލްގެ ޒަރިއްޔާއިން އެތަނަަށް މައްސަލައެއް ހުށަހެޅޭނެ ގޮތެއް ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކަށް ޝަކުވާ ހުށަނޭޅުނު ކަމަށެވެ.

ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުނު މަދު މައްސަލަތަކުގެ ތެރެއިން 100 އެއްހާ މައްސަލަ ތަހުގީގު ކުރުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ކަމަށާއި ނަމަވެސް ކޮމިޝަނުން ވަނީ އެ މައްސަލަތައް އަނބުރާ ފޮނުވާލާފަ ކަމަށެވެ. އަދި ބިއުރޯގެ އެންމެ އިސް ފަރާތާއި އެހެން ފަރާތެއް ވަކިކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މައްސަލަތައް ނިންމަންޖެހޭނީ އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ލަފަޔާއެކު ކަމަށް އަންގާފައިވާ ކަމަށެވެ. އަދި ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް ނެތް ކަމަށް ބުނެ ލިޔުމެއް ދިނުމަށް ކޮމްޕްލެއިންޓްސް ބިއުރޯއަށް އިލެކްޝަން ކޮމިޝަނުން އަންގާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮންމެ ވޯޓަކީ ވެސް ސިއްރު ވޯޓެއް ކަމަށް ވާންޖެހޭއިރު ރިޔާސީ އިންތިހާބުގައި އެކަން ހިނގާފައިވަނީ އެ އުސޫލުން ނޫން ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން ވޯޓު ބޫތް ތައްޔާރުކޮށްފައިވާ ގޮތުން އެ ސަރަހައްދުގައި ތިބި އޮބްޒާވަރުންނާއި މޮނީޓަރުންނަށް ލާ ވޯޓު ފެންނަ ކަމަށް ވަނީ ބުނެފަ އެވެ. އެއީ ވޯޓު ބޫތް ކުޑަވުމާއި ވޯޓު ބޫތް ބަހައްޓާފައިހުރި ގޮތުން ވޯޓުލާ ތަން ފެންނަ ކަމަށެވެ. އެ ޝަކުވާ އެތައް ބަޔަކު ހުށަހަޅާފައިވާ ކަމަށް ވެސް ރައީސް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

ވޯޓު ކަރުދާހުގައި ތިން ސެކިއުރިޓީ ފީޗާއެއްވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާއިރު އެ ފީޗާ ދެނެގަނެވެނީ ޔޫވީ ލައިޓުން ކަމަށާއި ނަތީޖާ އިއުލާން ކުރުމުގެ ކުރިން ޔޫވީ ލައިޓުން ވޯޓު ކަރުދާސް ސައްހަތޯ ކަށަވަރު ކުރާނެ ކަމަށް ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް ގިނަ ވޯޓު ކަރުދާހުގެ ސައްހަކަން ބަލާފައިވަނީ ވަރަށް މަދު ވޯޓުލާ މަރުކަޒުތަކެއް ކަމަށް ވަނީ ބުނެފަ އެވެ. އެފަދަ 50 އެއްހާ ޝަކުވާ ހުށަހަޅާފައިވާއިރު އެކަން ބަލާފައިނުވާ ކަމަށެވެ.

މީގެއިތުރުން ވޯޓުލާން ފެށުމުގެ ކުރިން ގިނަ މަރުކަޒުތަކުގައި އެ މަރުކަޒުތަކަަށް ގެނައި ވޯޓު ކަރުދާހުގެ އަދަދު ގުނާ ހާމަކޮށްފައިނުވާ ކަމަށާއި އެހެންކަމުން ހިސާބުތަކަށް ވޯޓު ކަރުދާސް ބެހުނު ގޮތެއް އަދި ޗާޕްކުރި ހުރިހާ ވޯޓު ކަރުދާހެއް ފޯރި ކަމެއް ކަށަވަރު ނުވާ ކަމަަށް މައްސަލާގައިވެ އެވެ. އަދި ވޯޓުލުން ނިމުނުއިރު ބޭނުން ނުކޮށް ހުރި ވޯޓު ކަރުދާހާއި ކައުންޓާ ފޮއިލާއި ވަގުތީ ނަތީޖާ ޝީޓަކީ ވަކި ގޮތަކަށް ސީލްކޮށް އިލެކްޝަން ކޮމިޝަނަށް ފޮނުވަން ޖެހޭ ތަކެތި ކަމަށްވީ ނަމަވެސް އިލެކްޝަނަށް އެ ތަކެތި ފޯރިއިރު ބައެއް ސިޓީ އުރަ ބަންދުނުކޮށް ހުރިކަން ފާހަގަވާ ކަމަށެވެ. ބައެއް ސިޓީ އުރަތައް ހަލާކުވެފައިވާއިރު ބަންދުނުކޮށް ހުރި ސިޓީ އުރަތައް އިލެކްޝަން ކޮމިޝަންގެ ސެކްޝަންތަކުގެ ވެރިން ބަންދުކޮށްފައިވާކަން ވެސް އެނގިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެތަކެތި ބަންދުކޮށްފައިހުރީ ހަގީގަތުގައި ވެސް ވޯޓުލާ މަރުކަޒުތަކުގައި ބަންދުކުރި ގޮތަށްތޯ ސުވާލު އުފެދޭ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ.

ވޯޓުލާ މަރުކަޒު ތެރެއަށް އަތް ދަބަހާއި ފޯނު ފަދަ ތަކެތި ވެއްދިކަން ވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ ސަބަބުން ހަވާލުކުރާ ވޯޓު ކަރުދާސް ބޭރަށް ގެންދިޔުމާއި ބޭރުން ވޯޓު ކަރުދާސް ވެއްދުމުގެ ފުރުސަތު އޮތް ކަމަށެވެ. އެފަދަ ހާދިސާތައް ހިނގާފައިވާ ކަމަށް ވެސް ބުންޏެވެ. އެއީ ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއްކަން ފާހަގަކޮށްފައިވެ އެވެ. އަދި ކިޔު ލައިން ކައިރީގައި ހަދިޔާ ބެހުމާއި ކެމްޕެއިން ކުރުން ވެސް ކުރިއަށް ދިޔަ ކަމަށް ބުނެފައިވެ އެވެ.

ފޮށްޓަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ އިތުރަށް ބައެއް ފޮށިތަކުގައި ވޯޓު ކަރުދާސް ހުރި ކަމަށާއި އެފަދަ އެއް ފޮޓަކީ ހުޅުމާލެގައި ބެހެއްޓި ވޯޓު ފޮށިތަކަކުން އެ މައްސަލަ ފެންމަތިވިކަން ފާހަގަކޮށްފައިވެ އެވެ. އެއީ ނަތީޖާއާ ސުވާލު އުފެދޭ ކަމަކަށްވާއިރު ދާއިމީ ނަތީޖާ އިއުލާންކުރި އެކަންކަމަށް ހައްލެއް ހޯދައިދީފައިނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެކަންކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލި އިންސާފުވެރިކަމާއި މިނިވަންކަމާއެކު ރައިސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމުގެ ހައްގު ރައްޔިތުންނަށް ގެއްލިފައިވާ ކަމަށް ރައީސްގެ މައްސަލާގައި ބުންޏެވެ. އެކަމުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތާއި ނިޒާމް އާންމު ގެއްލި ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ދުސްތޫރު ހަމަނުޖެހުމަކަށް ދިޔުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ފާހަގަކުރި އެވެ.

އެކަންކަން ފާހަގަކުރުމަށްފަހު ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިފައިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ ހިލާފަށް ހިންގާފައިވާ ކަންކަން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ތަހުގީގުކޮށްދީ، އެ އިންތިހާބަކީ ޝަހުސިއްޔަތު ގެއްލިފައިވާ ބާތިލްވެފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައި އިންތިހާބު އަލުން ބޭއްވުމުގެ އަމުރެއް އިލެކްޝަން ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.

އިންތިހާބު ބާތިލްކުރަން ހުށަހެޅި މި މައްސަލަ މިހާރު ވަނީ އަންނަ އާދިއްތަ ދުވަހަށް ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފަ އެވެ. މިފަދަ ޝަކުވާތަކަކާ އެކު އިންތިހާބު ބާތިލް ކުރަން ރައީސް މައްސަލަ ހުށަހެޅުއްވި އިރު، އެ އިންތިހާބުގެ ނަތީޖާ ރައީސް ގަބޫލު ކުރައްވައި ރައްޔިތުންގެ ނިންމުން ސާފުވެއްޖެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.