މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ވެހުނު ވާރޭގައި ދިންހާ އަވީގައި ނުކުމެ ދިގު ކިޔުތަކުގައި ޖެހިގެން ވަނީ ގޮތް ނިންމާފަ އެވެ. އެއީ ރައްޔިތުންގެ ނިންމުމެވެ. އަންނަ ފަސް އަހަރަށް ރާއްޖޭގެ ވެރިކަން ކުރައްވާނެ ބޭފުޅެއް ވަނީ ސީދާ ރައްޔިތުންގެ ތަނަވަސް ވޯޓަކުން އިހްތިޔާރު ކޮށްފަ އެވެ. ކުރިމަތީގައި އޮތީ ދެ އިހްތިޔާރުގެ ތެރެއިން ރައްޔިތުން ރުހުން އޮތީ އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އަށެވެ. ރައީސް އަބްދުﷲ ޔާމީންއަށް ގިނަ ރައްޔިތުން ބުނީ ނޫނެކޭ އެވެ.
މައްސަލަތައް މަދު، އަމާން އިންތިހާބެއް ކަމަށް ބޭރުގެ އޮބްޒާވަރުންނާއި ރާއްޖޭގެ އެޗްއާރްސީއެމް ފަދަ މިނިވަން މުއައްސަސާތަކުން ވެސް ސިފަކޮށްފައިވާ އިންތިހާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއްގެ އިހްތިޔާރަކީ އިބޫ އެވެ. އެކަން ވާދަވެރިޔާ ރައީސް ޔާމީން ވެސް ގަބޫލުފުޅު ކުރެއްވި އެވެ.
އެކަމަކު، މިހާރު މިވަނީ ހާލަތު ބަދަލުވެފަ އެވެ. މިއަދަކީ ރައްޔިތުން ނިންމި ނިންމުމަށް ބަދަލެއް އައިސްދާނެ ފަދަ މަރުހަލާއެއް ފެށިގެންދާ ދުވަހެވެ. އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި ބޮޑެތި ތުހުމަތުތަކާއެކު ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ ފުރަތަމަ އަޑުއެހުން އޮތީ މިއަދު އެވެ. އެންމެންގެ ނަޒަރު މިއަދު
ހުއްޓިފައި ހުރީ އެ ދިމާލަށެވެ. ސުޕްރީމް ކޯޓަށެވެ.
މައްސަލައިގެ ހުލާސާ:
- އަނގޮޓިތަކެއް ބޭނުންކޮށްގެން ވޯޓްގައި ޖެހި ފާހަގަ އޮޅުވާލުން
- އަނގޮޓިތައް ގެނައި މީހުންނާއި އެކަން ކުރި މީހުން ސިއްރު ހެކިންގެ ގޮތުގައި
- ކޮމްޕްލަޔަންސް ބިއުރޯގެ މަސައްކަތް ރާވާފައި ހުރިލެއް ދޯދިޔާކަން
- ވޯޓް ކަރުދާސް ޕްރިންޓްކުރި އެމް7 ގައި ގާސިމްގެ ދަރިންނާއި ޖޭޕީގެ މަސްލަހަތު އޮތުން
- ވޯޓް ކަރުދާހުގެ ސައްހަކަން ޔޫވީ ލައިޓް ބޭނުންކޮށްގެން ބަލާފައި ނުވުން
- ހުޅުމާލޭގައި ހުރި ދެ ވޯޓް ފޮއްޓަކަށް ވޯޓްލީ މީހުންނަށް ވުރެ ވޯޓް އިތުރުވުން
- ވޯޓިން ބޫތު ވޯޓްލާ ގޮތް ފެންނަ ގޮތަށް ބަހައްޓާފައި ހުރުން
- ވޯޓްލާ މަރުކަޒުގައި ވަކި މީހަކަށް ވޯޓްދޭން "ހަދިޔާ" ބަހާފައިވުން
- ވޯޓްލާ މަރުކަޒަށް އަތް ދަބަސް ވައްދާފައި ވުން
- ވޯޓް ޕްރިންޓް ކުރިއިރު ފާހަގަ ފުހެވޭ ކެމިކަލްއެއް ބޭނުންކޮށްފައިވުން
- ވޯޓަށް ފަހު ވޯޓްގެ ބައެއް ކަރުދާސްތައް ސަލާމަތީ އުރައިގައި ރަނގަޅަށް ބަންދުނުކުރުން
މި ތުހުމަތުތަކާއެކު ސުޕްރީމް ކޯޓަށް މައްސަލަ ވައްދާފައިވާއިރު އެކި މީހުންގެ ޝުއޫރުތައް ތަފާތެވެ. ރައީސް ޔާމީނަށް ސަޕޯޓް ކުރާ ފަރާތްތަކުން ބުނަމުން ދަނީ މައްސަލާގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ސަބަބުން އިންތިހާބު "ގަޑުބަޑުވެފައިވާ" މިންވަރު ވަޒަންކޮށްލެވޭ ކަމަށެވެ.
އެކަމުން ރައީސް ޔާމީން އާއި ސަޕޯޓަރުންގެ ހައްގު ވަރަށް ބޮޑަށް ގެއްލިގެންދާ ކަމަށެވެ. ގެއްލިފައިވާ ކަމަށް ބުނާ ހައްގު ސުޕްރީމް ކޯޓުން ހޯދައިދޭނެ ކަމުގެ ޔަގީންކަން އެމީހުންނަށް އެބަ އޮތެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް އެމީހުން އިތުބާރު ކުރެ އެވެ. ތައުރީފް ވެސް ކުރެ އެވެ. އެއީ މަދު ބަޔެކެވެ. އެކަން ހާމަވަނީ ރައީސް ޔާމީންގެ ގޮވާލުމަކަށް ޕީޕިއެމްގެ އޮފީސް ކުރިމައްޗަށް އެއްވާ މީހުންގެ އަދަދުން އެވެ. އެގޮތުން، އެ މުޒާހަރާތަކަށް އެއްވަނީ 30-40 ހަކަށް މީހުން އެވެ. ރައްޔިތުންގެ އެހާ ބޮޑު ހައްގެއް ގެއްލިގެން އުޅޭ ނަމަ އެއަށް ވުރެ ގިނައިން މީހުން އެއްވެ ޝުއޫރު ފާޅުކުރާނެ އެވެ.
ދެން އޮތީ އަނެއް ކޮޅެވެ. ރައީސް ޔާމީންއާ އިދިކޮޅު މީހުންނަށް ފެނުނީ ދުސްތޫރީ މައްސަލައެއް ނޫނެވެ. "ޖަޒުބާތީ" މައްސަލައެކެވެ. ގާނޫނީ ބައެއް ބޭފުޅުން ވެސް އެހެން ވިދާޅުވެ ފާޑުކިޔުން ވަނީ އަމާޒުކޮށްފަ އެވެ.
އިދިކޮޅު މީހުން ވެސް ޔަގީން ކުރާ ކަމެއް އެބަ އޮތެވެ. އިންތިހާބުގައި އޮޅުވާލުމެއް ނެތް ކަމެވެ. އެހެންކަމުން ސުޕްރީމް ކޯޓުން އިންތިހާބު ބާތިލް ނުކުރާނެ ކަމުގެ ޔަގީންކަން އެމީހުންނަށް ވެސް އެބަ އޮތެވެ. ރައްޔިތުންގެ ނިންމުން ބޮލާލާ ނުޖަހާނެ ކަމަށް އިދިކޮޅު ލީޑަރުން ޔަގީން ކުރައްވަ އެވެ.
ސުޕްރީމް ކޯޓަށް ރައީސް މައްސަލަ ވެއްދެވި ފަހުން އެންމެ ހޫނުކޮށް ދެކެވެން ފެށި ވާހަކައަކީ ރިޝްވަތުގެ ވާހަކައެވެ. މައްސަލާގައި ހެކި ބަސް ދިނުމަށް ވޯޓު ކަރުދާސް ޗާޕްކުރި އެމް7ގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލަ މިހާރު ވަނީ އެތަނުން ފުލުހަށް ވެސް ހުށަހަޅާފަ އެވެ. އޭގެ އިތުރުން ވޯޓު އޮޅުވާލަން ބޭނުން ކުރި ކަމަށް ބުނާ އަނގޮޓި ބޭނުން ކުރި ކަމަށް ބުނެ ހެކި ބަސް ދިނުމަށް އިލެކްޝަން ކޮމިޝަންގެ ބައެއް އޮފިޝަލުންނަށް ރިޝްވަތު ދެމުންދާ ކަމަށް ވެސް ދަނީ ތުހުމަތުކުރަމުންނެވެ.
އެކަމަކު، އެއްވެސް މީހަކަށް ރިޝްވަތު ދެމުންދާކަން ޕީޕީއެމްއިން ވަނީ ދޮގުކޮށްފަ އެވެ. އެ ޕާޓީ ރިޝްވަތުގެ ތުހުމަތު އަޅުވަނީ އިލެކްޝަން ކޮމިޝަންގެ ބޮލުގަ އެވެ. އިންތިހާބު އޮޅުވާލަން އިދިކޮޅު ޕާޓީތަކާއި އަވަށްޓެރި ގައުމަކުން އިލެކްޝަން ކޮމިޝަންގެ ބައެއް މެންބަރުން ރިޝްވަތު ނެންގެވި ކަމަށް އެމީހުން ތުހުމަތު ކުރެ އެވެ. އެކަމަކު އީސީގެ ރައީސް އެ ހުރިހާ ތުހުމަތެއް ދޮގު ކުރައްވަނީ ނިކަން ސާބިވެ ހުންވައިގެން އެވެ. ބިރު ދެއްކުން ތަކާހުރެ އީސީގެ ފަސް މެންބަރަކު ތިއްބެވީ މިހާރު ވެސް ރާއްޖެއިން ބޭރުގަ އެވެ.
މިއީ އިވޭ އަޑުތަކާއި ތުހުމަތުތަކެވެ. މީގެ އެތައް ވާހަކައެއް މިއަދު މެންދުރުފަހު އޮންނަ ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ދެކެވޭނެ އެވެ. އެންމެންގެ ނަޒަރު އެ ދިމާލަށްހުރި މައްސަލާގައި ސުޕްރީމް ކޯޓުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެކަން ވެގެން ގައުމުގެ މިހާރުގެ ސިޔާސީ މާހައުލަށް ބޮޑެތި ރޯޅިތައް އަރައިގެން ދާނެ ކަމަކަށެވެ. އިންތިހާބު ބާތިލްކޮށްފި ނަމަ ބޮޑެތި ހަމަނުޖެހުންތަކަކަށް ގައުމު ހުޅުވިގެން ދާނެ އެވެ. އަދި އިބޫ އާއި އިދިކޮޅު ކޯލިޝަނަށް ބައިނަލްއަގުވާމީ ގައުމުތަކުގެ މަދަދާއި ތާއީދު އޮތްއިރު، އިންތިހާބު ބާތިލް ކޮށްފި ނަމަ ދެން އެންމެ ފަހުން ކުރިމަތިވާނީ ބައިނަލްއަގުވާމީ ފިޔަވަޅުތަކާ އެވެ. އެ ފިޔަވަޅު ތަކަކީ ރާއްޖެއަށް ތަހަމަލް ކުރެވޭނެ ކަމަކަށް ނުވާނެ އެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިބޫ އާދޭހާ އެކު އެދިވަޑައިގަންނަވަނީ އެ ހިސާބަށް ރާއްޖެ ނުގެންދެވުމަށެވެ. ވެރިކަމުގެ ދަހިވެތި ކަމުގެ އެ ހިސާބަށް ރާއްޖެ ގެންދާ ނަމަ ހުރި ނުރައްކާތަކާ މެދު އިބޫ ހުންނެވީ ކަންބޮޑުވެ ވަޑައިގެން އެވެ. އެއީ އެތައް ރައްޔިތުންނެއްގެ އޮތް ކަންބޮޑުވުމެވެ.