overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އޮޅުވާނުލި ނަމަ ރައީސް ޔާމީންއަށް 65 ޕަސަންޓު ލިބޭނެ: އަދުރޭ

Oct 14, 2018
24

ނިމިގެން މިދިޔަ ރިޔާސީ އިންތިހާބު އޮޅުވާނުލި ނަމަ ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިހާބު ކާމިޔާބު ކުރައްވާނީ 65 ޕަސަންޓުގެ އަގުލަބިއްޔަތަކުން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާގައި ރޭ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި ރައީސް ޔާމީން ހުންނެވި ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމަށެވެ. އަދި ރައްޔިތުން އަދިވެސް ބޭނުންވަނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއާގެން ކުރިޔަށްދާން ކަމަށާއި އެކަން އެނގެނީ އޮޅުވާލާފައިވާ އިންތިހާބެއްގައި ވެސް ރައީސްއަށް 96،000 ވޯޓު ސަލާމަތް ކުރެވުނު ކަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އިންތިހާބު ސައްހަކަމާއެކުގައި ކުރިޔަށް ދިޔަ ނަމަ އެމަނިކުފާނަށް 65 ޕަސަންޓު ލިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވަނީ ރާއްޖެއަށް ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއާގެން ކުރިޔަށްދާން، އޮޅުވާލުމެއްގެ ތެރެއިން ވެސް 96،000 ވޯޓު ރައީސް ޔާމީން އެކަނި ނެންގެވުމުން ފިލާވަޅު ލިބިގަންނަން ޖެހޭ، އޭގެން ވެސް އަޅުގަނޑުމެންނަށް ދޭހަ ވަނީ އަޅުގަނޑުމެންގެ އިންތިހާބު ސައްހަކަމާ އެކީ ކުރިޔަށް ދިޔަ ނަމަ ރައީސް ޔާމީން މި އިންތިހާބު ކާމިޔާބު ކުރައްވާނީ 65 ޕަސަންޓަށް ވުރެ މަތީ އަގުލަބިއްޔަތަކުންނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއަށް ވޯޓު ދެއްވި ހުރިހާ ސަޕޯޓަރުން އެގޮތުގައި ދެމިތިބުމަށް އެދޭ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ހޯދައިދީ އިންސާފު ހޯދުމަށް ޕީޕީއެމް އިން ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމާއެކު އެކަން ގަބޫލު ކުރެއްވުމަށް ފަހު އެ ވިސްނުން ބަދަލު ކުރައްވައި، ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލާގައި އެދިވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ ހިލާފަށް ހިންގާފައިވާ ކަންކަން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ތަހުގީގުކޮށްދީ، އެ އިންތިހާބަކީ ޝަހުސިއްޔަތު ގެއްލިފައިވާ ބާތިލްވެފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައި އިންތިހާބު އަލުން ބޭއްވުމުގެ އަމުރެއް އިލެކްޝަން ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.

އަބްދުއްރަހީމް ވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ އިންތިހާބުގައި އެއްވެސް މަކަރު ހެދުމެއް ނެތް ކަމަށާއި އޮޅުވާލުމެއް ވެސް ނެތް ކަމަށެވެ. އަދި އިންތިހާބާ މެދު އިދިކޮޅު ފަރާތްތަކުން ޝައްކު އުފައްދަމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ މި ސަރުކާރުގެ ކާމިޔާބެއް ކަމަށް ވެސް އަބްދުއްރަހީމް ވަނީ ފާހަގަ ކުރައްވައިފަ އެވެ.