މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރަން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ތަދައްހުލްވުމުގެ ފުރުސަތު އިދިކޮޅު ހުރިހާ ޕާޓީތަކަށް ދިނުމަށް ސުޕްރީމް ކޯޓުން ނިންމައި އެކަން މިއަދު އަންގައިފި އެވެ.
އެ މައްސަލަ އަށް ވަނުމަށް ޕާޓީތަކުގެ ފަރާތުން އެދުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރު 1:00 ގައި ސުޕްރީމް ކޯޓްގައި އޮންނާނެ އެވެ. އެ މައްސަލައިގައި އިދިކޮޅު ޕާޓީތަކާއި ހަތަރު ލީޑަރުން ތަމްސީލް ކުރައްވާ ގާނޫނީ ވަކީލުންގެ ޓީމްގެ މެންބަރަކު ވިދާޅުވީ އެ މައްސަލައަށް ވަދެ، ވަކާލާތު ކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދޭން ނިންމާފައިވާ ކަމުގެ ލިޔުން މިއަދު ލިބިފައިވާ ކަމަށެވެ. އަދި މިއަދުގެ އަޑުއެހުމަށް ޕާޓީތަކާއި ލީޑަރުން ތަމްސީލް ކުރައްވާ ވަކީލުންގެ ޓީމުން ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޯޓު އޮޅުވާލި ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައިވާ ގޮތުން އިންތިހާބަށް ވޯޓު ކަރުދާސް ޕްރިންޓް ކުރި ގޮތާމެދު ވަނީ ސުވާލު އުފަައްދައިފަ އެވެ. އަދި އަނގޮޓިއަކާއި ދެލި ފުހެވޭ ގަލަމެއް ބޭނުން ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ. އަދި އެ އަނގޮޓިތައް ގެނެސް އެކަމުގައި އުޅުނު ފަރާތްތަކުގެ ހެކިބަސް ސިއްރުން ނަގަން ވަނީ މައްސަލައިގައި އެދިފަ އެވެ. އަދި އެދިފައި ވަނީ އެ ކަންކަން ތަހުގީގުކޮށް ދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރެއް ނެރެދިނުމަށާއި ރިޔާސީ އިންތިހާބު ބާތިލްކޮށް އާ އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ދިނުމަށެވެ.