މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކުރަން އެދި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މާދަމާ ބާއްވާ އަޑުއެހުމަށް ވަނުމަށް ނަންނޯޓްކުރަން މިރޭ އިރާކޮޅުން ފެށިގެން މީހުން ކިއުއަށް އަރަން ފަށައިފިއެވެ.
މާދަމާ އޮންނަ އަޑު އެހުމަށް ވަންނަން މިރޭ ސުޕްރީމް ކޯޓުގެ ބޭރުގައި ކިއު ހެދި މީހުން ތިބީ އެމީހުން ތިބީ ކިއުގެ ކިތައް ވަނައިގައި ކަން އެނގޭނެހެން އޭފޯ ސައިޒްގެ ކަރުދާހުގައި ބޮޑުކޮށް ނަމްބަރުވެސް ޖަހައިގެންނެވެ. ކޯޓަށް ވަނުމަށް މީހުން މިރޭ ކިއުއަށް އަރަމުންދާއިރު މާދަމާގެ އަޑުއެހުމަށް ވަނުމަށް މީހުންގެ ނަންނޯޓް ކުރަން ފަށާނީ މާދަމާ ހެނދުނު 8:30 ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
އިންތިހާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައިގައި ސިއްރު ހެއްކި ބަލައިގަތުމާ މެދު ގޮތެއް ނިންމުން މާދަމާއަށް ލަސްކޮށް، މާދަމާގެ ވަގުތެއްގައި އެ ޝަރީއަތުގެ ފަހު އަޑުއެހުން ބޭއްވުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފައެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރާ ނުކުތާތައް އިތުރަށް ތަފްސީލްކޮށް ކިޔައިދެއްވި އެވެ. އަދި އެ ވާހަކަތަކަށް އިލެކްޝަން ކޮމިޝަނާއި އިދިކޮޅު ކޯލިޝަންގެ ވަކީލުން ރައްދު ދެއްވާފައިވެ އެވެ.

ވޯޓް އޮޅުވާލުމުގައި ބޭނުން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަނގޮޑިތަކެއް ރާއްޖެއިން ބޭރުން ގެނައި ކަމަށް ބުނެ ތިން މީހަކު ދީފައިވާ ބަޔާނެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން މިއަދު ސުޕްރީމް ކޯޓްގެ ޝަރީއަތުގެ މަޖިލީހަށް މިއަދު ހުށަހެޅި އެވެ.
އެ ހެކިތައް ހުށަހަޅުއްވަމުން ރައީސް ޔާމީންގެ ވަކީލް އަދި ހައިކޯޓްގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ އެ ހެކިތައް ސިއްރު ކުރަން ހުށަހަޅަނީ، އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެތީ ކަމަށާއި އިސްލާމް ދީންގައި ވެސް މީހެއްގެ ފުރާނައިގެ ރައްކާތެރި ކަމަށް އިސްކަން ދީފައި ވާތީ ހެކި ސިއްރު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އައްބާސް ވިދާޅުވީ އަނގޮޑިތައް ގަންނަން ދިޔަ މީހާއަށް، ވިސާ ވެސް ނަގައިދިނީ އީސީގެ ރައީސް އަހުމަދު ޝަރީފް ކަމަށެވެ. އަދި އޮފިޝަލުން އަނގޮޓި އަޅައިގެން ތިބި ކަމަށް ބުނާ ފޮޓޯއެއް ވެސް ވަނީ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އިލެކްޝަން ކޮމިޝަނާއި އިދިކޮޅު ކޮލިޝަނުން ވަނީ ސިއްރުން ހެކި ބަސް ދުސްތޫރީ މައްސަލައެއްގައި ނުނެގޭނެ ކަމަށް ބުނެ އިއުތިރާޒު ފާޅުކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން މާދަމާ ފަނޑިޔާރުންގެ މަޖިލީހުން ގޮތް ނިންމަވާނެއިރު މާދަމާ އެންމެފަހުގެ އަޑުއެހުން ވެސް ބާއްވާނެ އެވެ. އަދި މައްސަލާގައި ވަރަށް ހުކުމް ވެސް އިއްވާނެ އެވެ.