overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

ސިއްރު ހެކި ނުނަގަން ނިންމައި އަޑުއެހުންތައް ނިންމާލައިފި

އިންތިހާބުގައި ވޯޓް އަނގޮޓިއެއް ބޭނުންކޮށްގެން އޮޅުވާލިކަން ސާބިތު ކުރުމަށް ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިއްރު ހެކިތައް ބަލައި ނުގަންނަން ނިންމައި އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

އިންތިހާބު ބާތިލްކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި މިއަދު ބޭއްވި ތިންވަނަ އަޑުއެހުމުގައި އެންމެ ފުރަތަމަ ވެސް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ގޮތް ނިންމެވީ ތިން ސިއްރު ހެއްކާ ގުޅޭ ގޮތުންނެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލާގައި ސިއްރު ހެކިންގެ ހެކި ބަސް ނަގަންޖެހޭ ހާލަތެއް ނެތް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާ ކަމަށެވެ.

އެއަށްފަހު، އުއްތަމަ ފަނޑިޔާރު ވަނީ މައްސަލާގައި ފަހު ބަހުގެ ގޮތުގައި ހުލާސާކޮށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވާފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ވަކީލް އައްބާސް ޝަރީފް ވަނީ މައްސަލާގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ނުކުތާތައް ތަފްސީލްކޮށް ތަކުރާރު ކުރައްވާފަ އެވެ. އެކަން ހުއްޓުވައި އުއްތަމަ ފަނޑިޔާރު ވަނީ އާ ވާހަކައެއް އޮތްނަމަ އެކަން ފާހަގަ ކުރެއްވުމަށް އަންގަވާފަ އެވެ.

އެއާއެކު އައްބާސް ޝަރީފް ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބަކީ ދުސްތޫރީ ހަމަތަކުގެ ބޭރުން، ވަކި ބަޔަކަށް އޮޅުވާލަން ފުރުސަތު ދީފައިވާ ސިއްރުކަން ގެއްލިފައިވާ އިންތިހާބެއް ކަމަށެވެ. އައްބާސް ވިދާޅުވި ގޮތުގައި ކޮމްޕްލެއިންޓްސް ބިއުރޯ އެހެން ތަނަކަށް ބަދަލުކޮށް އެތަނުގެ ހިދުމަތްތައް ދަށްކޮށް ބެހެއްޓީ ގަސްތުގައި ޝަކުވާ ހުށަހެޅުމުގެ ނިޒާމް ހުއްޓުވަން ކަމަށެވެ. އޭގެ ސަބަބުން މައްސަލާގައި ހުށަހަޅަން ސީދާ ހެކި ހޯދުމަށް އުނދަގޫވެފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

ވޯޓު ކަރުދާހުގައި ތިން ސެކިއުރިޓީ ފީޗާހުރިިއިރު، ޔޫވީ ލައިޓުން ބެލެނީ އެންމެ ފީޗާއެއް ކަމަށް އިއްޔެ އިލެކްޝަން ކޮމިޝަނުން ބުނިކަން އައްބާސް ފާހަގަކުރެއްވި އެވެ. އަނެއް ދެ ފީޗާ ބަލަނީ ކިހިނެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި ޔޫވީ ލައިޓުން ވެސް ގިނަ ވޯޓު ފޮށިތަކުގައި ވޯޓު ކަރުދާހުގެ ސައްހަކަން ބަލާފައިނުވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ސީލްކުރަން މަޖުބޫރު ވޯޓު ކަރުދާސްތައް އަޅާފައި ހުންނަ ތިން ނަންބަރު އުރަ ސީލްނުކޮށް ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެ ހުރިހާ އުރައެއް އިލެކްޝަން ކޮމިޝަނަށް ލިބުނުއިރު ހުރީ ސީލްކޮށްފަ ކަމުގެ 100 ޕަސެންޓް ޔަގީންކަން އިލެކްޝަން ކޮމިޝަނުން ދޭން ޖެހޭ ކަމަށެވެ.

އޭގެއިތުރުން ވޯޓު ކަރުދާސްތައް ބެހެއްޓި، ސެކިއުރިޓީ ކޮަޓަރިއަށް ވަތް މީހުންގެ ލޮގްގައި އެތަނަށް ވަނުމުގެ ހުއްދަ ނެތް ބަޔެއްގެ ނަން ހިމެނޭ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް އިލެކްޝަން ކޮމިޝަނުން އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެތަނަށް ވަންނަނީ ހާއްސަ ފާހެއް އޮންނަ އިލެކްޝަން ކޮމިޝަންގެ 40 މުވައްޒަފުންނެވެ. އެ ލިސްޓް ޝަރީއަތަށް ހުށަހަޅާފައިވާއިރު އޭގައި ނުހިމެނޭ ބައެއް މީހުން ކޮޓަރިއަށް ވަދެފައިވާކަން ލޮގުން އެނގެން އޮންނަ ކަމަށް އައްބާސް ވިދާޅުވި އެވެ. އަދި އިލެކްޝަން ކޮމިޝަންގެ ބައެއް މެންބަރުން ވެސް އެ ކޮޓަރިއަށް ވަދެފައިވާކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުސްތޫރީ ނިޒާމްގައި ލައްގަނޑެއް ޖެހޭނެ: އައްބާސް

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލައަކީ އާންމު އިންތިހާބުތަކާ ގުޅޭ ގާނޫނުގެ ދަށުން ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލައެއް ނޫން ކަމަށާއި އެކަން އިލެކްޝަން ކޮމިޝަނާއި އިދިކޮޅު ކޯލިޝަނަށް އޮޅިފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މުޅި އިންތިހާބު ގާނޫނާ ހިލާފުވުމުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެކެވެ. އެ މައްސަލަ ހުށަހެޅުއްވީ ހަމައެކަނި ރައީސްގެ އިންތިހާބީ ހައްގެއް ކަށަވަރުކުރަން ނޫން ކަމަށާއި އެތައް ރައްޔިތުންގެ ހައްގެއްގަ ކަމަށެވެ.

އައްބާސް ވިދާޅުވި ގޮތުގައި އިލެކްޝަން ކޮމިޝަންގެ ވަކީލް ހުސެއިން ޝަމީމް އިބްތިހާބުގެ ނަތީޖާގެ އަދަދުތަކުގެ ވާހަކަ ގިނައިން ދައްކާ ކަމަށާއި ނަމަވެސް އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. މުޅި އިންތިހާބު އޮޅުވާލަން ޑިޒައިންކޮށްފައި އޮތުމަކީ އެ އިންތިހާބުގެ ސައްހަކަން ގެއްލިފައިވާ ކަމެއް ކަމަށެވެ.

ރައީސް ޔާމީން ބަލި ގަބޫލުފުޅު ކުރައްވައި ފަހުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ބުނާތީ އައްބާސް ވިދާޅުވީ އެހެން ނުވާނެ ކަމަށެވެ. ރައީސް ބަލި ގަބޫލުފުޅު ކުރެއްވީ ނަތީޖާއަށް އިހްތިރާމް ކުރެއްވުމަށް ކަމަށާއި އޭގެފަހުން އެމަނިކުފާނަށް ލިބުނު ހަބަރުތަކާއި ފެންމަތިވި ކަންކަމުން އިންތިހާބީ ހައްގެއް ގެއްލިފައިވާކަން ގަބޫލުފުޅު ކުރެވުނު ކަމަށެވެ. އެހެންކަމުން އެކަން ފާހަގަކުރެވޭނެ ކަމަށެވެ.

އިންތިހާބަށްފަހު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް މިހާރު ޝަރީއަތުގެ މަޖިލީހުގައި އެ ޕާޓީއިން ފާހަގަކުރަނީ އިންތިހާބު އިންސާފުވެރި ކަމަށްކަން އައްބާސް ފާހަގަކުރެއްވި އެވެ. އެ ހައްގު އެ ފަރާތަށް އޮތްއިރު ރައީސް ޔާމީނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވި ގޮތުގައި، އިންތިހާބުގައި ޝައްކުތަކެއް ހުރިއިރު އެކަންކަން ނުބަލައިފިނަމަ ރާއްޖޭގެ ދުސްތޫރީ ނިޒާމްގައި ބޮޑު ލައްގަނޑެއް ޖެހިގެން ދާނެ އެވެ. ތާރީހުގައި އެ ޝައްކު އެ ގޮތުގައި ދެމިގެންދާނެ ކަމަށެވެ. އެހެންވެ، މައްސަލާގައި ފާހަގަކުރި ކަންކަން އެގޮތުގައި އެ ހިނގާފައިވޭތޯ ބެލުމަށް ތަހުގީގު އަމުރެއް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އައްބާސް އެދިވަޑައިގަތެވެ.

އައްބާސް ވިދާޅުވީ އެ ފަރާތުން އެދެނީ މައްސަލާގައި ޖިނާއީ ތަހުގީގެއް ކުރުމަށް ކަމަށާއި އެކަން ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ނުކުރެވޭނެ ކަމަށް ބުނަނީ އޮޅުވާލައިގެން ކަމަށެވެ. އެއްވެސް އިރަކު ޖިނާއީ ތަހުގީގެއްގެ ވާހަކަ ފާހަގަކޮށްފައިނުވާނެ ކަމަށާއި އެ ފަރާތުން އެދެނީ ތަހުގީގެއްކޮށް ދިނުމަށް ކަމަށް އައްބާސް ވިދާޅުވި އެވެ. ތަހުގީގު މާނަކޮށްފައިވަނީ އޭގެ އާންމު މާނައިން ކަން ހިނގައިދިޔަ ގޮތް ބެލުން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ހުށަހަޅައިން އުޅޭ މައްސަލަ ވެސް ސާފު ނުވޭ: ޝަމީމް

އައްބާސްގެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނާއި ފަހު ބަސް އިއްވުމަށް އިލެކްޝަން ކޮމިޝަން ތަމްސީލް ކުރައްވާ ވަކީލް ހުސެއިން ޝަމީމް ވާހަކަ ދެއްކެވި އެވެ. ޝަމީމް ވިދާޅުވީ ރައީސް ޔާމީން ހުށަހަޅުއްވައިގެން އުޅުއްވަނީ ކޮން ކަހަލަ މައްސަލައެއްކަން ސާފުވާން ޖެހޭ ކަމަށެވެ.

ފުރަތަމަ ދުވަހު ވިދާޅުވީ ދުސްތޫރީ މައްސަލައެއް ކަމަށާއި އޭގެ އަނެއް ދުވަހު އެއީ ޖިނާއީ މައްސަލައެއް ކަމަށާއި އޭގެފަހުން ޖިނާއީ ބާއިތަކެއް ހިމެނޭ ދުސްތޫރީ މައްސަލައެއް ކަމަށް ވިދާޅުވި ކަމަށެވެ. އެކަމަކު މިއަދު އަނެއްކާވެސް ވިދާޅުވީ އެއީ ދުސްތޫރީ މައްސަލައެއް ކަމެއްކަން ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓަކީ ޓްރިއަލް ކޯޓެއް ނޫން ކަމަށާއި އެހެންވެ ޖިނާއީ މައްސަލައެއް ތަހުގީގުކޮށް ފުރަތަމަ މަރުހަލާގައި އެ މައްސަލައެއް އެ ކޯޓަށް ނުބެލޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އިހުތިމާލްތަކެއް ކަމަށް ހުދު އެ ފާރާތުން ވެސް އެއްބަސްވާ ކަމަށެވެ. އެކަން ސާބިތުކުރުމަކީ ދައުވާ ކުރާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

އިހްތިމާލަކީ ޔަގީން ނުވާ ކޮންމެ ކަމަކަށްވާއިރު، ޔަގީން ކަމެއް އިހްތިމާލަކުން ސާބިތު ނުކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެންކަމުން އިހްތިމާލްތައް ސާބިތުކުރުން މައްސަލަ ވެއްދި ފަރާތުގެ މައްޗަށް ލާޒިމްވާ ކަމަށެވެ.

އިންތިހާބުގައި ގާނޫނާ ހިލާފަށް ކަމެއް ނުހިނގާކަން ޝަމީމް ފާހަގަކުރެއްވި އެވެ. އަދި ބަލަން ޖެހޭނީ ވެސް ކަންކަން ހިނގާނީ ގާނޫނީ އުސޫލުގެ ތެރެއިން ކަމަށް ކަމަށާއި އެކަމާމެދު ޝައްކު އުފައްދާނަމަ ހެކި ގެންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ހެކި ގެނައުމުގެ ބަދަލުގައި ރައީސްގެ ފަރާތުން އެދެނީ ހެކި ހޯދައިދިނުމަށް ކަމަށް ޝަމީމް ފާހަގަކުރެއްވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އިންތިހާބާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފައިވާ ކަމަށް ނުވަތަ ހުއްޓާލާފައިވާ ކަމަށް ބުނާ ބުނަމަކީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. ޝަކުވާ ހުށަހެޅޭ ފަސް ގޮތެއް އޮންނަ ކަމަށާއި އެއީ މަރުކަޒުގެ ވެރިޔާއަށް ނުވަތަ ރަށު ފޯކަލް ޕޮއިންޓަށް ނުވަތަ އަތޮޅުގެ ކޮމްޕްލެއިންޓްސް ބިއުރޯއަށް ނުވަތަ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ނުވަތަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިގެން ކަމަށެވެ. ރައީސްގެ ފަރާތުން ފާހަގަކުރަނީ ހަމައެކަނި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުއްޓާލިކަން ކަމަށާއި އެއީ ހަގީގަތެއް ކަމަށް ބެލި ނަމަވެސް އެހެން ގޮތްތައް ޝަކުވާ ހުށަހަޅަން ހުރި ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ވޯޓު ކަރުދާހުގައި ސެކިއުރިޓީ ފީޗާ ހިމަނަނީ ވެސް ސެކިއުރިޓީއަށް ކަމަށާއި އެއީ އާންމުކޮށް އިއުލާން ކުރާނެ ފީޗާއެއް ނޫނެވެ. އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަނީ އެ އުސޫލުން ކަމަށް ޝަމީމް ވިދާޅުވި އެވެ. ޔޫވީ ލައިޓުން ވަކިވަކި ކަރުދާސް ސައްހަތޯ ނުބެލި ނަމަވެސް އޭގައި މައްސަލައެއް ވެސް ނެތް ކަމަށެވެ. ސެކިއުރިޓީ ފީޗާ ހިމަނަނީ ވޯޓު ކަރުދާސް ކޮޅަކާމެދު ޝައްކެއް އުފެއްދިއްޖެނަމަ ސައްހަކަން ބެލުމަށް ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭގެއިތުރުން ޝަމީމް ވިދާޅުވީ ވޯޓްލާ މަރުކަޒުގެ ތެރެއަށް ފޯނެއް ވެއްދި ކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނާއިރު އެތަނަށް ނުވެއްދޭނެ ތަކެތި އިލެކްޝަން ކޮމިޝަނުން އާންމުކޮށް އިއުލާންކޮށްފައިވާނެ ކަމަށެވެ. ވޯޓުލާން ގޯސް މީހުންނާއި ރަނގަޅު މީހުން އަދި ގަވައިދަށް ހުރުމަތްތެރިކޮށް ނުހިތާ މީހުން ވެސް ދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެގޮތުގެ މަތިން މީހަކު ފޯނެއް ވައްދައިފިނަމަ މުޅި އިންތިހާބު ބާތިލްކުރަން ވެއްޖެނަމަ ދުވަހަކު ވެސް އިންތިހާބެއް ނުބޭއްވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އާންމު އިންތިހާބުތަކާ ބެހޭ ގާނޫނުގެ ދަށުން އިންތިހާބީ ޝަކުވާ ހައިކޯޓަށް ވެސް ހުށަހެޅޭ ގޮތަށް އޮންނަނީ އެހެންވެ ކަމަާށާއި އެފަދަ ކަންކަން ހުށަހަޅަން ޖެހޭނީ އެފަދަ މައްސަލައެއްގެ ގޮތުގައި ޝަމީމް ވިދާޅުވި އެވެ. ޝަމީމް ވިދާޅުވި ގޮތުގައި އިންތިހާބީ ޝަކުވާއާމެދު މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭނީ ވަކިންނެވެ.

މިއީ ރައީސް މޮޅިވެރިކަމާއި ވޭންތަކެއް: ހިސާން

ހުލާސާކޮށް ވާހަކަ ދައްކަވަން މައްސަލައަށް ތަދައްހުލްވި އިދިކޮޅު ކޯލިޝަންގެ ވަކީލް ހިސާން ހުސެއިން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ރައީސްގެ ފަރާތުން ހުށަހެޅި ކަންކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުމެވެ. ހިސާން ވިދާޅުވި ގޮތުގައި އިންތިހާބުގައި ހިނގި ކަމަށް ރައީސް ވިދާޅުވާ "ޕޮސިބިލިޓީތައް" ސާބިތުކުރަން ހެކި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހިސާން ވިދާޅުވީ މި މައްސަލާގައި ބާޑަން އޮފް ޕްރޫފް ފުރޮޅާލަން ރައީސްގެ ފަރާތުން މަސައްކަތް ކުރާ ކަމަށެވެ. ރައީސް ހުށަހެޅުއްވި މައްސަލައެއްގައި ހެކި ހުށަހަޅައިގެން ކަންކަން ސާބިތުކުރަން ޖެހޭނީ އަމިއްލައަށް ކަމަށް ހިސާން ފާހަގަކުރެއްވި އެވެ.

މައްސަލާގައި ޖިނާއީ ބައިތަކެއް ހުރި ކަމަށް ބުނެ ތަހުގީގު ކުރުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރު ނެރެދިނުމަށް އެދުމުން އެ ތަހުގީގަކީ އައިޖީއެމްއެޗްގެ ލެބޯޓަރީގައި ހަދާ ކަހަލަ ތަހުގީގެއް ކަމަށް ނުބަލާނެ ކަމަށާއި އެކަން ވަނީ ޖިނާއީ ތަހުގީގަކަށް ކަމަށް ހިސާން ވިދާޅުވި އެވެ. އަދި، ފާހަގަކުރާ ކަންކަން ފުލުހުން ތަހުގީގު ކުރަންޖެހޭ އަސާސެއް ވެސް ނުދެއްކޭ ކަމަށް ހިސާން ވިދާޅުވި އެވެ. ސިފައިންނަކީ ތަހުގީގެއް ކުރުމުގެ އެއްވެސް މެންޑޭޓެއް އޮތް ބައެއް ނޫންކަން ވެސް ފާހަގަކުރެއްވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި މި މައްސަލައަކީ ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީއާ ގުޅިގެން އުފެދުނު މޮޅިވެރިކަމާއި ވޭނާއި އާހްގެ ސަބަބުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއް ކަމަށެވެ. ރައީސް ޔާމީންގެ ހިތްޕުޅާ ނުވާ ކަމެއް ހިނގާއިރަށް އެކަމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ނުވާނެ ކަމަށެވެ. އެހެންވެ ރައްޔިތުން ނިންމާފައިވާ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑަނާޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވަނީ މައްސަލާގައި ވީއެންމެ އަވަހަކަށް ހުކުމް އިއްވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ. ހިސާން ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރުމުގެ ކަންކަން ކުރަންޖެހޭ ކަމަށާއި ބޭރުގެ އިއްޒަތްތެރިންނަށް ދައުވަތުދީގެން ގިނަ ކަންތައްތަކެއް ކުރަންޖެހޭތީ ވަގުތު ބޭނުންވާ ކަމަށެވެ. އެހެންވެ މައްސަލަ އަވަހަށް ނިންމުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލާގައި އިތުރަށް ސާފު ކުރާނެ ކަމެއް ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވާ އަޑުއެހުން ކަމަށެވެ. ނަމަވެސް އެ އަޑުއެހުން ބާއްވާނެ ދުވަހެއް އުއްތަމަ ފަނޑިޔާރު އިއުލާން ނުކުރައްވަ އެވެ.