ދުނިޔެ

ޖަޕާނުގެ މަޖިލިސް މެމްބަރުން ތަޅާފޮޅައިގެންފި

Jun 13, 2015

ވަގުތީ މަސައްކަތު މީހުންނާ ގުޅޭ ބިލެއްގެ ބަހުސްގެ ތެރޭގައި ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އިއްޔެ ތަޅާފޮޅައިފި އެވެ.

އެ ހަމަނުޖެހުން ހިނގާފައި ވަނީ، ވަގުތީ ގޮތުން މީހަކު ވަޒީފާގައި ގެންގުޅެވޭނެ އެންމެ ދިގު މުއްދަތަކީ ތިން އަހަރު ކަމަށް ހަމަޖައްސަން ސަރުކާރުން ހުށަހެޅި ބިލެއްގެ ބަހުސްގެ ތެރޭގަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެ ގޮތަށް ހަދައިފި ނަމަ، ވަގުތީ ވަޒީފާތަކުގައި މިހާރު ތިބި މީހުން ދާއިމީ ކުރުމުގެ ބަދަލުގައި، ތިން އަހަރަށް ފަހު ވަޒީފާ އިން ކަނޑާލުމުގެ ބިރު އެބައޮތެވެ.

އިދިކޮޅު މެމްބަރުން ހަމަލާދިނީ އެ ބިލް ދިރާސާކުރި ވެލްފެއާ އެންޑް ލޭބާ ކޮމިޓީގެ މުގައްރިރު ހިރޮމިޗީ ވަޓްނަބީ އަށެވެ. އެއިރު އޭނާ ގެންދެވީ ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.

އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ކަޓްސޫޔާ އޮކާޑާ ވިދާޅުވި ގޮތުގައި ހިރޮމިޗީ އަށް ހަމަލާދިނީ "އެ ނޫން އެހެން ގޮތެއް ނެތިގެން"ނެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީން "ކޮންމެ ގޮތެއް ހަދާފައި ވިޔަސް އެ ބިލް ފާސްކުރަން އުޅުމުން"ނެވެ.