ހަބަރު

ބޭރުގައި ތިއްބެވި އީސީގެ މެންބަރުން ރާއްޖެ ވަޑައިގެންފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުން ދުވަސްތަކެއްގައި ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަން ފަށައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ފަހު ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ފަރާތުން އީސީއަށް އައި ތުހުމަތުތަކާއި ފާޑު ކިޔުންތަކާ ހެދި މެންބަރުންނާ ދިމާކޮށް، އާއިލާ އަށާއި ހުދު އެބޭފުޅުންގެ ޖިސްމަށް އެކި ކަހަލަ އަނިޔާދޭނެ ކަމުގެ އިންޒާރު ލިބެމުންދާ ކަމަށް ބުނެ އެ ކޮމިޝަންގެ މެންބަރުން ބޭރަށް ފުރާވަޑައިގަތެވެ. ބޭރަށް ފުރާވަޑައިނުގެން ރާއްޖޭގައި މަޑު ކުރީ އީސީގެ ރައީސް އަހުމަދު ޝަރީފް އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެ ކޮމިޝަންގެ ގިނަ މެންބަރުން މިހާރު ތިއްބެވީ ރާއްޖޭގަ އެވެ. އެގޮތުން އީސީގެ މެންބަރު އަކްރަމް އިއްޔެ ރާއްޖެ ވަޑައިގެން އިރު މެންބަރު އަލީ ނަޝާތު މީގެ ތިން ދުވަސް ކުރިން ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި މެންބަރު އަހުމަދު އަމުޖަދު ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. ނަމަވެސް މެންބަރު އިސްމާއިލް ހަބީބާއި އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ވާދަކުރައްވައި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތް ނާކާމިޔާބީއާއެކު ޕީޕީއެމްގެ ސަޕޯޓަރުން އީސީއަށް ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށްފަ އެވެ. އަދި އެ މައްސަލަތައް ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އީސީއާ ދެކޮޅަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތައް ބަލައި ނުގަތުމަށް ނިންމާ އެ މައްސަލާގެ އަޑު އެހުންތައް އިއްޔެ ވަނީ ނިންމާލައިފަ އެވެ.