ހަބަރު

އިންތިހާބަށް ފަހު ސިޔާސީ މައިދާނުން ޝަހީމް "ގެއްލިއްޖެ"!

Oct 17, 2018
25

ރިޔާސީ އިންތިހާބުގެ ތެރޭގައި ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކަށްވެ، ގިނަ މަސައްކަތްތަކެއް ކުރެއްވި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމްގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ އެވެ. ނަމަވެސް ސެޕްޓެމްބަރު 23 ގައި އިންތިހާބު ބާއްވާ ނަތީޖާ އިއުލާން ކުރުމާއެކު، ޝަހީމްގެ އަޑު އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ފަނޑުވެ، ސިޔާސީ މައިދާނުން އެމަނިކުފާނު "ގެއްލިފަ" އެވެ.

ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމަށްފަހު ޝަހީމް ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މަރުހަބާ ވިދާޅުވެފަ އެވެ. އިންތިހާބަށްފަހު ޕީޕީއެމްގެ ހަރަކާތެއްގައި ޝަހީމް ބައިވެރިވެވަޑައިގެންނެވީ ހަމައެކަނި ކޮންގްރްސްގަ އެވެ.

ސިޔާސީ ހަރަކާތްތަކުން ޝަހީމް ފެނިވަޑައިގަތުން މަދުވެފައިވީ ނަމަވެސް އިސްލާމް ދީނުގެ އިލްމް ކުރިއެރުވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތައް އަލުން ބާރު ސްޕީޑްގައި ވަނީ ފައްޓަވާފަ އެވެ. އެގޮތުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ ހައިސިއްޔަތުން މަސައްކަތްތައް ވަނީ ފައްޓަވާފަ އެވެ. އެކަމާ ގުޅޭ ޓްވީޓްތައް ވެސް ޝަހީމް ކުރައްވަ އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާ ކަމަށް ރައީސް ޔާމީން އަދި ޕީޕީއެމްގެ އެހެން އިސް ބޭފުޅުން ވިދާޅުވި ނަމަވެސް އެފަދަ ވާހަކައެއް ޝަހީމް އަދި ދައްކަވާފައެއް ނުވެ އެވެ. ފެންމަތިވެފައިވާ މައްސަލަތަކާ ހެދި ޕީޕީއެމްގެ ސަޕޯޓަރުން ކޮންމެ ރެއަކު މުޒާހަރާކޮށް އަދި ޕީޕީއެމްގެ އިސް ބޭފުޅުން އެކިއެކި ތުހުމަތުތައް ކުރެ އެވެ. ރައީސް ޔާމީން ވެސް ނިކުމެވަޑައިގެން އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޒިންމާދާރު އިދިކޮޅު ބައެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެއް ދުވަސްވަރެއްގައި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކެއް ވެސް ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ އެވެ.

ނަމަވެސް ޕީޕީއެމްގެ އެ މުޒާހަރާތަކުގައި ވެސް އަދި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ޝަހީމް ބައިވެރިވެވަޑައިނުގަންނަވަ އެވެ. މަގުމަތީ ހަރަކާތުގައި ޝަހީމް ބައިވެރިވެވަޑައިނުގަންނަވަނީ އެމަނިކުފާނުގެ މިޒާޖުގެ ގޮތުން ކަމަށްވެ ދާނެ އެވެ.

އެހެންނަމަވެސް އެމަނިކުފާނު ވަނީ އިންތިހާބު ބާތިލް ކުރަން ސުޕްރީމް ކޯޓްގައި ފުރަތަމަ އަޑުއެހުން ބޭއްވި ދުވަހު އެތަނަށް ވަޑައިގެންފަ އެވެ. އެހެން ނަމަވެސް، އެތަނުގައި ތިއްބެވި ޕީޕީއެމްގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ޝަހީމަށް ސަމާލު ކަމެއް ނުދެއްވަ އެވެ. ކުރީ ސަފުން ޝަހީމަށް ޖާގަ ވެސް ނުދެއްވިއިރު އިންނެވީ އެންމެ ފަހަތުގައި އެކަންޏެވެ.

އެތަނުގައި ސިޔާސީ ގިނަ ބަހުސްތައް ޕީޕީއެމްގެ އިސް ބޭފުޅުންނާއި އިދިކޮޅު ބޭފުޅުންގެ މެދުގައި ކުރެވުނެވެ. ދިމާކުރުންތައް ޖެއްސުންކުރުންތައް ވެސް ހިނގި އެވެ. ނަމަވެސް ޝަހީމް އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދެއްވައި އިންނެވީ ވަރަށް މަޑުމައިތިރިކަމާއެކު އެވެ.