ހަބަރު

ވޯޓް އޮޅުވާނުލާ ކަމަށް ބުނުމުން އެމްޕީއެލް މުވައްޒަފަކު ވަކިކޮށްފި

މިއަހަރުު ބޭއްވި ރިޔާސީ އިންތިހާބް އޮޅުވާލާފައިނުވާ ކަމަށްބުނެ ފޭސްބުކްގައި ސްޓޭޓަސްއެއްޖެހި އެމްޕީއެލްގެ މުވައްޒަފަކު ވަޒީފާއިން ވަކިިކޮށްފި އެވެ.

އެމްޕީއެލްގެ ވަޒީފާއިން ވަކިކޮށްފައި ވަނީ އެކުންފުނީގެ އެސިސްޓެންޓް އެޑްމިން އޮފިސަރުގެ މަގާމުގައި ހުރި މަރިޔަމް ފަރީޝާއެވެ. އޭނާ ފޭސްބުކްގައި ޖެހި ސްޓޭޓަސްގައި ވަނީ، އޭނާވެސް އިންތިހާބް ދުވަހު ޕީޕީއެމްގެ ފަރާތުން އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވި ފަރާތެއް ކަމަށާއި ރިޔާސީ އިންތިހާބްގެ ވޯޓަކީ އެއްވެސް މަކަރެއްނެތި ދެފުއް ފެންނަ އިންތިހާބެއް ކަމަށެވެ. ޕީޕީއެމުުން މިހާރު މަސައްކަތް ކުރަނީ އެތައް ބައެއްގެ ހައްގުތައް ނިގުޅައި ގަންނަން ކަމަށާއި އެހެން ކަމުން އޭނާ ޕީޕީއެމަށް ކުރި ތާއީދު އަނބުރާ ގެނެސްފައިވާ ކަމަށްވެސް ސްޓޭޓަސްގައި ވެއެވެ.

ފަރީޝާ މޮނީޓާއެއްގެ ގޮތުގައި ހަރަކާތްތެރިވީ އައްޑޫމީދޫ މާލޭ ފޮށި ކައިރީގައި އެވެ. އޭނާ ހަރަކާތްތެރިވީ ޕީޕީއެމްގެ
ފަރާތުންނެވެ.

އެމްޕީއެލްއިން އޭނާ ވަކިކުރި ކަމުގެ ސިޓީިގައި ވަނީ، ކުންފުނީގެ މުއައްޒަފުންގެ މަސްލަހަތު ގެއްލޭ ގޮތަށް ކުންފުނީގެ ސީއީއޯ އާއި އިސްވެރިން ބަދުނާމުވާ ގޮތަށް ސޯޝަލް މީޑިއާގައި ހަގީގަތާއި ހިލާފް ވާހަކަތަކެއް ގަތުރަމުންދާތީ ކަމަށެވެ. އެހެން ކަމުން މާދަމާ އިން ފެށިގެން އެކުންފުނީގގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް ސިޓީގައި ވެއެވެ.

ފަރީޝާގެ އިތުރަށް ސޯޝަލް މީޑިއާގައި ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކި އެމްޕީއެލްގެ އިތުރު މުއައްޒަފެއް ކަމަށްވާ ނަޝްމީ މުހައްމަދު ސައީދުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ނަޝްމީ ވަޒީފާއިން ވަކިކޮށްފައިވަނީ ގަވާއިދާ ހިލާފަށް މުއައްޒަފުން ކަނޑަމުންދާ ކަމަށްބުނެ ޖެހި ސްޓޭޓަސްއަކާއި ގުޅިގެން ކަމަށްވެސް އޭނާ ބުންޏެވެ.

އިންތިހާބުގެ މައްސަލާގައި މީގެ ކުރިންވެސް ވަނީ ގިނަ އަދަދެއްގެ މުއައްޒަފުން ވަޒީފާއިން ވަކި ކުރި ކަމުގެ ޝަކުވާތައް ވަރަށް ބޮޑަށް ފެތުރިފަ އެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސިޔާސީ ސަބަބުތަކާއިިހުރެ ވަޒީފާއިިން ވަކިކުރި ފަރާތްތަކަށް އަނބުރާ ވަޒީފާދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.