overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

ނަތީޖާ ގަބޫލުކޮށް ރައީސް ޔާމީން ފަހު ބަސް އިއްވަވައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާފަދަ މޭރަމަކުން ވާހަކަފުޅު ދައްކަވައި، ފަހު ބަސް އިއްވަވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެފައިވާކަން ރައީސް ގަބޫލުފުޅު ކުރެއްވީ މިއަދު ގައުމާ މުހާތަބު ކުރައްވަމުންނެވެ. ވާހަކަފުޅު ފައްޓަވަމުން ވެސް ރައީސް ވިދާޅުވީ، "ރަސްމީ ހިދުމަތުގެ ނިމުން ކައިރިވެފައިވާއިރު މި ބައްދަލުކުރީ އިހްލާސްތެރި ހިތަކާއެކު" ކަމަށެވެ.

އެއަށްފަހު ވިދާޅުވީ ފަހު ވާހަކައެއްގެ ގޮތުގައި ވެސް ރައްޔިތުންނަށް އޮޅުފިލުވައިދޭން ބޭނުންވީ އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރެއްވި ގޮތުގެ ސަބަބުތައް ކަމަށެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އިސްކަން ދިނީ ގައުމީ ސަލާމަތް ރައްކާތެރިކުރުން ކަމަށެވެ.

މިފަދައިން ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައިމިވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވައި އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލާގެ ހުކުމަށް ތައްޔާރުވެފައިވަނިކޮށެވެ. އެ މައްސަލަ ހުށަހެޅުއްވުމުގެ ކުރިން ވެސް ރައީސް ޔާމީން ނަތީޖާ ގަބޫލުފުޅު ކުރެއްވި އެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނަށް ތުހުމަތުތައް ކުރައްވައި މަގުމައްޗަށް ނުކުމެވަޑައިގެންނެވީ އޭގެފަހުންނެވެ.

މިއަދު އަނެއްކާވެސް އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވައި މަގާމުން ދުރަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަން ރައީސް ޔާމީން ހާމަ ކުރައްވާފައިވާއިރު އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ވޯޓު ދެއްވި ކަމަށް ފެންނަން އޮތް އަދަދު ކަމަށްވާ، 96،000 ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނަށް ވޯޓު ނުދެއްވި ރައްޔިތުންނަށް ވެސް ޝުކުރު އަދާ ކުރައްވާނެ ކަމަށާއި ނަމަވެސް އެ ރައްޔިތުން އިސްކަން ދޭން ޖެހޭނީ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ސަރުކާރުގަ މި ހިނގާ ފަހު ދުވަސްކޮޅު އަޅުގަނޑު ހަމަ ދަންނަވާލަން އޮތް ވާހަކައަކީ އަޅުގަނޑަށް ވޯޓު ދެއްވި ކަމަށް ފެންނަން އެ އޮތްނަމަ 96،000 މީހުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ އަޅުގަނޑަށް އިތުބާރު ކުރެއްވި ކަމަށްޓަކައި ޝުކުރު ދަންނަވަން، ހަމައެއާއެކު އަޅުގަނޑަށް ވޯޓު ނުދެއްވާ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވަން، ހަނދާންކޮށް ދޭން ބޭނުންވާ ކަމަކީ އަޅުގަނޑަށް ވޯޓު ނުދެއްވި ނަމަވެސް ކުރިއަށް އޮތް ތަނުގައި އިހްމާލް ނުވެވޭނެ ކަމަކީ ގައުމީ މަސްލަހަތު، ދިވެހި ދައުލަތުގެ މަސްލަހަތު، ގައުމުގެ މިނިވަންކަން، އެ ބޭފުޅުންގެ ހިޔާލަށް ގެންނަން ޖެހޭނެ، މިކަން ކުރުމުގައި ދެމި ތިބެފިނަމަ އަޅުގަނޑުގެ ޝުކުރު އަބަދުވެސް އެ ބޭފުޅުންނަށް އޮންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް އަބަދުވެސް މުހިންމީ ގައުމު، އަޅުގަނޑަށް އަބަދުވެސް މުހިންމީ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުން، ގަބޫލެއް ނުކުރެވޭ އިންސާފު ގާއިމްވެގެންދާއިރު އެކަން ވެގެން ދާންޖެހޭނީ އެކި ފަންތީގެ މީހުންނަށް އެކި ގޮތަށް ކަމަށް، މި ވެދާނެ އަޅުގަނޑަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށް، އެކަމަކު މިއަދު ވެސް ރަސްމީ ހިދުމަތުން ނުކުންނައިރު ވެސް އަޅުގަނޑު ދަންނަވާލާނީ ނިންމުންތަކާއި ފިޔަވަޅުތަކުގައި މި ދެންްނެވި ކަންކަމުން ޖާގަ ހޯދާފައިވާ މިންވަރާމެދު އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް،"

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އިންސާފު ގާއިމްކޮށްދީފައިިވަނީ ގާނޫނު އަސާސީގައި ކަނޑައަލާފައިވާ ގޮތަށް ކޯޓުތަކުގެ ތެރެއިން ކަަމަށެވެ. ހުރިހާ މަރުހަލާތަކެއްގެ އިލްތިމާސްތައް ނިމި ހުކުމް ތަންފީޒުކުރަނީ އެއަށްފަހު ކަމަށެވެ. އޭގައި ރައްޔިތުންތަކެއް ޝަކުވާތަކެއް ހުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެއީ މުޅި ރައްޔިތުންގެ މަސްލަހަތުގައި ކުރެއްވި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އިންސާފުވާން ޖެހެނީ ހަމައެކަނި ޖިނާއީ އަދުލުގެ ތެރޭގައި ނޫން ކަމަށާއި ރައްޔިތުންގެ މަދަނީ ހައްގުތައް ހޯދައިދިނުމުގައި ވެސް އިންސާފުވެރިވާން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރުމުގައި އެމަނިކުފާނާއި ކެބިނެޓް ރެއާއި ދުވާލު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިވެގެން ދިޔުމަކީ ކުރިއަށް އޮތް ތަނުގައި ވެސް އުއްމީދު ކުރައްވާ ގޮތް ކަމަށް ވިދާޅުވި އެވެ.

"ރައީސްއެއްގެ ދައުރު ހަމަވެގެން ދާއިރު ކޮންމެ ރައީސްއެއް ވެސް ލެގަސީއެއް ދޫކުރައްވާނެ، އަޅުގަނޑު ހިތުން ރައިސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައި ތިއްބެވި ބޭފުޅުންނާމެދު ރައްޔިތުން ވިސްނާނެ، ކޮބައިތޯ އެ ބޭފުޅުންގެ ހިދުމަތަކީ ފާހަގަ ކުރާނެ، ކޮބައިތޯ އެ ބޭފުޅުންގެ ބަލިކަށި ކަމަކީ ވެސް ބަލާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑާމެދު ގޮތް ނިންމާއިރު ދެތިން ކަންކަމާމެދު ވިސްނާލައްވާ، ކުރިން އޮތް ހާލަތުން އެހެން ހާލަތަކަށް ގައުމު ބަދަލު ކުރެވިއްޖެތޯ، ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވިއްޖެތޯ،"

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ގައުމުގެ ހެމަޖެހުމަށާއި އިންސާފަށް ރައީސް ޔާމީން ބެހެއްޓި ސަމާލު ކަމަކީ ކޮބައިތޯ ގޮތް ނިންމުމުގެ ކުރިން ރައްޔިތުން ބަލަން ޖެހޭނެ އެވެ. އިންސާފު ރައީސް ޔާމީން ގެންނެވީ ކޯޓުތައް މެދުވެރިކޮށްތޯ ނޫނީ އާބިޓްރީކޮށް ރައްޔިތުން ބަލަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގައުމާ މުހާތަބު ކުރެއްވުން ނިންމަވާލައްވަމުން ވެސް ރައީސް ޔާމީން ވިދާޅުވީ "ރަސްމީ ހިދުމަތުން ނުކުމެގެންދާއިރު ވެސް ހުންނާނީ ގައުމަށް ވަފާތެރި ގައުމަށް ހެޔޮ އެދޭ ރައްޔިތެއްގެ ގޮތުގަ" ކަމަށެވެ. އޭގެއިތުރުން ސިޔާސީ މަސައްކަތުގައި އެތައް ހާސް ރައްޔިތުންނާއެކު ދެމިހުންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.