ހަބަރު

ފަސް އަހަރު ތެރޭ ދަސް ނުވީ ރައްޔިތުންގެ ވިސްނުން: ރައީސް ޔާމީން

Oct 17, 2018
11

ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔަ އިރު ދަސް ނުވި، އެއްޗަކީ ރައްޔިތުންގެ ވިސްނުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރަސްމީ ހިދުމަތުން ވަކިވުމުގެ ކުރިން އެންމެ ފަހު ފަހަރަށް ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި އެންމެ އިސްކަމެއް ދެއްވީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާ ނުވާ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުން ކަމަށެވެ. އެގޮތަށް ވިސްނާ ގައުމު އަމިއްލަ ފައި މައްޗައް ކޮޅަށް ނަގަން ގިނަ މަސައްކަަތްތަކެއްކޮށް އެތަށް ދާއިރާތަކުން ތަރައްގީ ގެނެސްފައިވާ ކަމަށާއި ބޭރުގެ އެކި ނުފޫޒުތަކުން އެއްކިބާވެ ހުރެ، އެ މަސައްކަތް ފުރިހަމައަށް ކުރައްވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ފަސް އަހަރުވީ އިރު ވެސް ރައީސް ޔާމީންއަށް ނުކުޅެދުނީ ރައްޔިތުންގެ ވިސްނުން ދަސް ކުރަން ކަމަށާއި މީހުންގެ ވިސްނުމަށާއި ފިކުރުތަކަށް ބަދަލުތައް އަންނަ ގޮތް އެމަނިކުފާނަށް ދަސް ނުވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަންކަން ދަސް ނުވުމުގެ ސަބަބުން އެކަންކަމާ މެދު ފިޔަވަޅު އެޅުމަށް ނުކުޅެދުން ކަމަށާއި އޭގެ ނަތީޖާ މިއަދު ފެންނަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ވެގެންދާއިރު ވެސް އަޅުގަނޑަށް ގަބޫލު ކުރަން އެންމެ އުނދަގޫ ކަމަކީ ނޫނީ އެންމެ ދަތިވެގެން ދިޔަ ކަމަކީ ނޫނީއާ އަޅުގަނޑުގެ ނުކުޅެދުންތެރިކަން ހުރި ކަމަކީ އަޅުގަނޑަށް ނުވިސްނުނު ކަމަކީ މީހުން ދަސްވުނުވުން، އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް މި ފަސް އަހަރުވެގެން ދިޔަ އިރު ވެސް ދަހެއް ނުވި މީހުންގެ ވިސްނުމަށާއި މީހުންގެ ފިކުރަށް ބަދަލު އަންނަނީ ކީއްވެގެން ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުގެ މަސްލަހަތަށް ވުރެ އަބަދުވެސް އިސްކޮށްފައި މިވަަނީ ވަކި ފަރުދެއްގެ މަސްލަހަތު ކަމަށާއި އަމިއްލަ މަސްލަހަތުގެ ކުރިއަކަށް ދައުލަތާއި ރައްޔިތުންގެ މަސްލަހަތު އިސް ކުރި ތަނެއް މި ފަސް އަހަރުގެ ތެރޭގައި އަދި އޭގެ ކުރިން ވެސް ފެނިފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަދު އިންތިހާބެއް ނިމި، ރަސްމީ މަަސައްކަތުން ވީއްލިގެން ދާއިރު ވެސް ރައްޔިތުން އެކަމާ މެދު ވިސްނާލަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ގައުމުގެ މަސްލަހަތު ހަވާސާގައި ބާއްވާފައި އަމިއްލަ މަސްލަހަތު އިސް ކުރާ ކަމަށްވަންޏާ ދުވަހަކު ވެސް ރާއްޖެއަކަށް ކުރިއެރުމެއް ނުލިބޭނެ، ދުވަހަކު ވެސް ރާއްޖެއަށް ހަމަޖެހިދާނެކަމަކަށް ގަބޫލެއް ނުކުރަން، އަދި ދުވަހަކު ވެސް ރާއްޖެ ބޭރުގެ އެކި ފިއްތުންތަކާއި ބޭރުގެ ނުރައްކާތެރިކަންކަމުން ސަލާމަތްވެވޭނެ ކަަމަކަށް ނުވިސްނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ވެރިކަމުގައި ރައްޔިތުންނާ މުހާތަބު ކުރައްވާނެ އެންމެ ފަހު ފަހަރު ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކުރިޔަށް އޮތް ތަނުގައި ވެސް ގައުމަށް ހިދުމަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.