ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ގައުމު ދޫކޮށް ފިއްލަވަން މަސައްކަތް ނުކުރާ ކަމަށާއި އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާއެކު ސާބިތުކަންމަތީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވުމާއި ގުޅިގެން އެމަނިކުފާނު ފިއްލަވަން މަސައްކަތް ކުރައްވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދަނީ އަޑުތައް ފަތުރަމުންނެވެ. މިއަދު ރައީސް ޔާމީން ގައުމާ މުހާތަބުކޮށް އިންތިހާބުން ބަލިވި ކަމަށް ގަބޫލު ކުރެއްވުމަށްފަހު ފަހުބަސް އިއްވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ދަނީ އެމަނިކުފާނު ގައުމު ދޫކޮށް ފިއްލަވަން މަސައްކަތް ކުރައްވާ ކަަމަށްބުނެ އަޑުތައް ފަތުރަމުންނެވެ.
އެކަމާ ގުޅިގެން އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ ގައުމު ދޫކޮށް ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ އުސޫލުތަކުގެ ތެރެއިން ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. ގާނޫނީ އިމުގެ ބޭރަށް ވަޑައެއް ނުގަންނަވާނެ ކަމަށާއި އިސްކުރައްވާނީ ދީނާއި ގައުމިއްޔަތު ކަމަށެވެ. އަދި ހުންނަވާނީ ރައްޔިތުންނާއެކު ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ، ދިވެހި ތާރީހްދުށް އެންމެ ހިދުމަތްތެރި ރައީސަކީ ރައީސް ޔާމީން ކަމަށެވެ. ގާނޫނު ނަގަހައްޓައި ދެމެހެއްޓުމާއެކު އަމިއްލަ ވަންތަަ ސިފަތަކެއް ހުރި ގައުމެއް ބިނާކުރެއްވުމަށް ދެއްވި އިސްކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ގައުމު ދެމި އޮތްހާ ހިނދަކު އެމަނިކުފާނުގެ ހިދުމަތްތަކަށް ފަނޑުކަމެއް ނާންނާނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ މިގޮތަށް ވިދާޅުވިއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ކެނޑިނޭޅި ރައީސް ޔާމީން ފިއްލަވަން އެކި އެކި މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށްފަ އެވެ. މި ތުހުމަތުތައް ހުރި އިރު، ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ، މެޑަމް ފާތިމަތު އިބްރާހިމް ވަނީ މިމަހު ކުރީ ކޮޅު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފަ އެވެ. އޭގެ ފަހުން އެކަމަނާ ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.
ރައީސް ޔާމީން މިއަދު ފަހުބަސް އިއްވި އިރު، އިންތިހާބްގެ ނަތީޖާ ބާތިލް ކުރުމަށް އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފަ އެވެ. ދެން އޮންނާނީ އެމައްސަލައިގެ ހުކުމް އިއްވުން ކަމަށްވެސް ސުޕްރީމް ކޯޓުން އިއްޔެ ބޭއްވި ޝަރީއަތުގައި ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ސަރުކާރުގެ އޮފިޝަލުންތަކެއް ނުހައްގުން ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ރާއްޖެއިން ބޭރަށްދާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވަނީ ފުލުހަށް މައްސަލައެއްވެސް ހުށަހަޅާފަ އެވެ.