ހަބަރު

ގޭސް ލީކުވެ ބިދޭސީންތަކެއް ފިހިއްޖެ

Oct 17, 2018

ދ. އަތޮޅު ރިނބުދޫ ކައިރީ އަލަށް ހަދަމުންދާ "މާގާ" ނަމަކަށް ކިޔާ ރިސޯޓެއްގެ ބަދިގޭގައި ގޭސް ލީކްވުމުގެ ހާދިސާއެއް ހިނގައި އަށް ބިދޭސީއަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހަވީރު 17:20 ހާއިރު މި ހާދިސާގެ މައުލޫމާތު ލިބިފައިވާއިރު ހާދިސާގައި އެކި ވަރަށް ފިހިފައިވާ ބިދޭސީ މީހުން ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމީހުންނަށް މިހާރު ފަރުވާދެމުންދަނީ ފ. ނިލަންދޫ ހޮސްޕިޓަލުގަ އެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ރިސޯޓް ހުޅުވުމަށްޓަކާ ކުރަމުން ދިޔަ އިންސްޕެކްޝަނެއްގެ ތެރޭގައި ރިސޯޓްގެ މުވައްޒަފުންނަށް ހާއްސަކޮށްފައި ހުރި ބަދިގޭގައި ބަހައްޓާފައިވާ ރައިސް ކުކަރަކަށް ކަރަންޓު ދިނުމާއެކު، ބަދިގެތެރޭގައި ކައްކާ ގޭސް ލީކުވެފައި ހުރުމުން، ހުޅު ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. ހާދިސާގައި ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު ބަދިގޭގައި ހުރި ބައެއް ސާމާނަށާއި ކުޑަ ދޮރުތަކުގައި ހުރި ބިއްލޫރިތައް ވެސް ވަނީ ތަޅައިގެންގޮސްފައެވެ. ނަމަވެސް އިމާރާތަށް ގެއްލުމެއް ނުވެ އެވެ.

ހާދިސާ ހިނގި ރަށުގައި އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަންގެ ޓީމަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ހާދިސާ ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއްވެސް ވަނީ އެރަށަށް ގޮސްފަ އެވެ.