ހަބަރު

ގާސިމް މުޒާހަރާއާ ދެކޮޅު އިރު، ޖޭޕީ ގެ އެހެން އިސްވެރިން މުޒާހަރާއާ އެކު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މުޒާހަރާއާ ދެކޮޅަށް ވާހަކަ ދެއްކެވި އިރު އެ ޕާޓީގެ އެހެން އިސް ބޭފުޅުން މުޒާހަރާއަށް ތާއީދުކޮށް އެއްބާރުލުން ދެއްވައިފި އެވެ.

ރާއްޖެ އިން ބޭރުގައި ހުންނެވި ގާސިމް ވަނީ ރޭގެ މުޒާހަރާ ހިނގަމުން ދަނިކޮށް އޭނާ އެ މުޒާހަރާއަށް ތާއީދު ނުކުރާ ކަމަށާއި ނުވެސް ކުރާނެ ކަމަށް ބުނެ ޓްވީޓް ކުރައްވައިފަ އެވެ. އަދި އޭނާގެ ކުންފުނި ވިލާގެ މުވައްޒަފުން ވެސް މުޒާހަރާއަށް ނުދާން އޭނާ ވަނީ އާދޭހާ އެކު އެދިވަޑައިގެންފަ އެވެ. ޖުމްހޫރީ ޕާޓީ އިން ވެސް ވަނީ މުޒާހަރާގައި އެ ޕާޓީގެ މެންބަރުން ބައިވެރި ނުވުމަށް ގޮވާލައި ބަޔާނެއް އާންމުކޮށްފަ އެވެ.

"އަޅުގަނޑު ބުނެގެން މުޒާހަރާގައި ބައިވެރިވާ ކަމަށް ބުނެ އެ ހަދަނީ ދޮގު،" ގާސިމް ރޭ ޓްވީޓް ކުރައްވާފައިވެ އެވެ. 

ނަމަވެސް މުޒާހަރާ ހިނގަމުން އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރު ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޒާހަރާއަށް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް މުޒާހަރާގައި ބައިވެރި ނުވީ ޖޭޕީ އިން އެކަމުގައި ބައިވެރިނުވަން ނިންމާފައި ވާތީ އެކަމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލުމާ އެކު ރާއްޖޭން ބޭރުގައި ހުންނެވި އަމީން ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް މުޒާހަރާ ކުރުން ހުއްޓާނުލަން ގޮވާލައިފަ އެވެ. އަދި ރާއްޖޭން ބޭރުގައި ހުންނަވައި ގެންވެސް އެ މަސައްކަތުގައި ބައިވެރިވާ ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. ސަރުކާރާ ދެކޮޅަށް އަޑުއުފުލުން ހުއްޓާނުލުމަށް އޭނާ ހަރުއަޑުން ގޮވާލެއްވި އެވެ. ސޮބާހު ވެސް ވަނީ އޭނާގެ ޓްވިޓާގައި މުޒާހަރާއަށް ތާއީދު ކުރާކަން ހާމަކޮށް ގިނަ ޓްވީޓްތަކެއް ރޭ ލިޔެފަ އެވެ.

މީގެ އިތުރުން ޖޭޕީގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވެސް ވަނީ ރޭގެ މުޒާހަރާގެ އިސް ސަފުގައި ބައިވެރިވެ ސަރުކާރަށް ފާޑުކިޔައި ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާ އެ މުޒާހަރާގައި ބައިވެރިވީ އަމިއްލަ ހައިސިއްޔަތުން ކަމެއް ނޫން ކަމެއް ނޭނގެ އެވެ.

ޖޭޕީގެ ސްޓޭންޑާ ހިލާފަށް މިބޭފުޅުން އަމަލު ކުރެއްވުމުން އެ ޕާޓީ އިން ފިޔަވަޅު އަޅާނެ ކަމެއް ވެސް ނޫން ކަމެއް ވެސް ސާފެއް ނުވެ އެވެ.

ޖޭޕީ އިން އިދިކޮޅު ހަރަކާތާ ވަކިވިކަން ރަސްމީކޮށް ހާމަކޮށްފައި ވަނީ ސަރުކާރުން އެ ޕާޓީއާ ދެމެދު މަޝްވަރާތައް ފަށާފައި ވަނިކޮށެވެ. އެ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން މާދަމާ ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.