ހަބަރު

އީސީގެ ބައްދަލުވުމަށް ޕީޕީއެމްއިން ވަޑައިގަތީ މޫސަ އެކަނި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ރައްޔިތުން މަޖިލީހުގެ މާލެ ދާއިރާގެ މެންބަރުންނާއެކު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި ބައްދަލުވުމަށް ޕީޕީއެމްގެ ގިނަ މެންބަރުން ވަޑައެއް ނުގެންނެވި އެވެ.

މާލޭގެ މަޖިލީސް ދާއިރާތައް ކަނޑައެޅުމާ ގުޅޭ ގޮތުންް މަޝްވަރާ ކުރުމަށް އީސީގެ މެންބަރުން މިއަދު ވަނީ މާލޭ އިންތިހާބީ ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުންނަށް ދައުވަތު ދީފަ އެވެ. އެ ބައްދަލުވުން މިއަދު ހެނދުނު 10:30 ހާއިރު ފެށިއިރު އެ ބައްދަލުވުމަށް މާލޭގެ ދާއިރާތައް ތަމްސީލު ކުރައްވާ އެމްޑީޕީގެ މެންބަރުން ވަޑައިގަތެވެ. ޕީޕީއެމްގެ މެންބަރުންގެ ތެރެއިން އެ ބައްދަލުވުމަށް ވަޑައިގަތީ މިދިޔަ އަހަރު ތެރޭ ޕީޕީއެމްއާ ގުޅިވަޑައިގަތް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އެކަންޏެވެ.

މާލޭ ދާއިރާތައް ތަމްސީލް ކުރައްވާ ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންގެ ގޮތުގައި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ތިއްބަވަ އެވެ. އެހެން ނަމަވެސް އޭގެ ތެރެއިން އެއްވެސް ބޭފުޅަކު އެ ބައްދަލުވުމުގައި ބައިވެރި ވަޑައިނުގަންނަވަ އެވެ.

އެ ބައްދަލުވުމަށް ވަޑައިނުގަތް ސަބަބާ ގުޅޭ ގޮތުން ޕީޕީއެމްގެ މެންބަރު ރިފާއު ވިދާޅުވީ، އޭނާ ހުންނެވީ ބައްދަލުވުމަށް ދާން ނިންމައިގެން ކަމަށާއި ނަމަވެސް ބައްދަލުވުން މިސްވީ ކަމަށެވެ. އަދި އީސީގެ ބައްދަލުވުމަށް ނުދާން ޕީޕީއެމްގެ ނިންމުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ބޭފުޅުން އެ ބައްދަލުވުމަށް ވަޑައިނުގެން ސަބަބާ ގުޅޭ ގޮތުން އެބޭފުޅުންގެ ބަހެއް ނުލިބުނެވެ.

ނަމަވެސް ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމް އިން ވަނީ އީސީގެ މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއްކޮށްފަ އެވެ. އަދި އެ ކޮމިޝަންގެ މެންބަރުންނަށް ޕީޕީއެމް އިން އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މެންބަރުން އިސްތިއުފާ ދިނުމަށް ގޮވާލަމުން އެވެ.

އީސީގެ އެ ބައްދަލުވުމުގައި، މާލޭ ދާއިރާތަކުގެ މެންބަރުކަން ކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ބައިވެރިވެ ވަޑައިގެންނެވި އެވެ.