ބޮލީވުޑް

"ހަމާރީ އަދޫރީ ކަހާނީ" ބެލުންތެރިންގެ ހިތްއަތަކު ނުވި!

Jun 13, 2015

“އޭކް ވިލަން" އާއި "އާޝިގީ 2” ފަދަ ބެލުންތެރިންގެ ހިތްފަތަހަ ކުރި ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު މޯހިތް ސުރީގެ "ހަމާރީ އަދޫރީ ކަހާނީ" އާއި މެދު ބެލުންތެރިން ކުރަމުން އައީ ވަރަށް ބޮޑު އުންމީދެކެވެ.

ވިދްޔާ ބާލަން އާއި އިމްރާން ހާޝިމީގެ އިތުރުން ރާޖްކުމާރް ރާއޯ ފަދަ މޮޅު ތަރިން ހިމަނައިގެން މޯހިތު ސުރީ އުފައްދާ ފައިވާ މިފިލްމުން ބެލުންތެރިންނާއި ފާޑުކިޔާފަރާތްތަށް ޖާދޫގައި ޖައްސާނެކަމަށް އުންމީދު ކުރިނަމަވެސް، އިއްޔެ ފިލްމު ރިލީޒްކުރުމާ އެކު ފާޑުކިޔާފަރާތްތަކުން ވަނީ މިފލްމާއި ބެހޭގޮތުން އިންތިހާއަށް ފާޑުކިޔާފަ އެވެ.

މޮޅު އެކްޓަރުންތަކެއް މިފިލްމުގައި ހިމެނުނު ނަމަވެސް، ޓްރެއިލާއިން ފެނުނުގޮތާ ހިލާފަށް ފިލްމުގައި މޮޅު ވާހަކައެއް ފެނިގެންގޮސްފައިވަނުވާކަމަށް ފާޑުކިޔާ ގިނަ ފަރާތްތަކަކުން ވަނީ ފާހަގަކޮށްފަ އެވެ.

ފިލްމު ސިނަމާތަކުގައި ދައްކަންފެށުމުގެ ކުރިން ލަވަތަކަށާއި ޓްރެއިލާއަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވީ ނަމަވެސް، އިއްޔެ މފިލްމު ޕްރިމިއާކުރި ހެނދުނުގެ ޝޯތަކަށް ބަލަން ސިނަމާތަކަށް ވަދެފައިވަނީ އެންމެ 20 ޕަސެންޓް މީހުންނެވެ.

އަބަދުވެސް ގައިގޯޅި މަންޒަރުތަކެއް ކުޅެ ބެލުންތެރިންގެ މެދުގައި މަގްބޫލުކަމެއް ހޯދާފައިވާ އިމްރާން ހާޝިމީ މިފިލްމުގައި މުޅިން ތަފާތު ރޯލަކުން ފެނިގެން ގޮސްފައިވާއިރު، އޭނާގެ އެކްޓިން މާ ފުރިހަމަ ނޫންކަަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ޑައިރެކްޓަރު އިމްރާން ފަދަ މޮޅު އެކްޓަރެއްގެ ބޭނުން އެންމެ ފުރުހަމަ ގޮތުގައި ހިފާފައިނުވާކަމަށްވެސްވެ އެވެ.އެގޮތުން އިމްރާންގެ މުއްސަނދި ދިރިއުޅުން ފިލްމުގައި ފެނިގެންދިޔަ ނަމަވެސް، ގިނަ ބަޔަކަށް އޭނާ މިފިލްމުގައި އުޅޭކަމުގެ އިހްސާސްއެއްވެސް ނުވެ އެވެ.

ދެން އަންނަނީ ބަތަލާ ވިދްޔާ ބާލަންގެ އެކްޓިންގެ ވާހަކަ އެވެ. ޗެލެންޖިން ރޯލްތަކެއް ކުޅެ ބޮލީވުޑްގެ ކާމިޔާބު ތަރިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާފައިވާ ވިދްޔާގެ އެކްޓިންއަކީ މުޅި ފިލްމުގެވެސް އެންމެ ބޮޑު މާޔޫސީ ކަމެވެ. ފިލްމު ފެށިގެން ނިމެންދެން ހުސް ރޯ މަންޒަރުތަކުން ވިދްޔާ ފެނިގެންދާއިރު، ފިލްމަކަށް ވުރެން ބޮޑަށް ފިލްމު ސިފަވެގެންދަނީ އެކްތާ ކަޕޫރުގެ "ސާސް ބަހޫ" ޓީވީ ޑްރާމާއަކާ އެވެ.

ފިލްމާއި ބެހޭގޮތުން ރަނގަޅު ކަމެއް ހުރިހާ ފަރާތަކުން ވެސް ފާހަގަކޮށްފައިވާ ނަމަ އެއީ ނެޝަނަލް އެވޯޑް ލިބިފައިވާ އެކްޓަރު ރާޖްކުމާރު ރާއޯގެ މޮޅު އެކްޓިންއަށެވެ.އަނބިމީހާއަށް އަނިޔާކުރާ ފިރިއެއްގެ ރޯލު އޭނާ ކިތަންމެ ފުރިހަމައަށް އަދާކޮށްފައިވީނަމަވެސް، ތާކުންތާކުނުޖެހޭ ބޭކާރު މަންޒަރުތަކުގެ ސަބަބުން އޭނާގެ އެކްޓިން އެންމެ ފުރިހަމަގޮތުގައި ބެލުންތެރިންނަށް ފާހަގަވެގެން ނުދާކަމަށްވެ އެވެ.

ގެވެށި އަނިޔާ ލިބެމުންދާ އަންހެނަކަށް އޭނާ ދެކެ އިންތިހާއަށް ލޯބިވާ މީހަކު ލިބުނު ނަމަވެސް އޭނާގެ މައްސަލަ ބޮޑު ކައިވެނީގެ ސަބަބުން އަނބުރާ ނުލިބުނު ލޯބި ދައްކުވައިދޭ މިފިލްމުގެ މެލޮޑްރާމާ އިންތިހާ އަށް ބޮޑުވުމުގެ ސަބަބުން މިޒަމާނުގެ އޯޑިއެންސަށް މިކަހަލަ ފިލްމުތައް ކަމުނުދާނެ ކަމަށްވެސް ފާޑުކިޔާފަރާތްތަކުން ވަނީ ބުނެފަ އެވެ.

މަޝްހޫރު ޕްރޮޑިއުސަރު މާހޭޝް ބަޓް ލިޔެފައިވާ މިވާހަކައަކީ އޭނާގެ މަންމަ އާއި ބައްޕަގެ ލޯބީގެ ވާހަކައިގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެެއްކަމަށްވެ އެވެ.

ފުރަތަމަ ދުވަހު މިފިލްމަށް ލިބުނު އާމްދަނީގެ އަދަދު މާދަމާގެ ވަގުތެއްގައި އެނގިގެންދާނެ އިރު، މިފަހުން އިމްރާން ކުޅުނު ފިލްމުތައް ފްލޮޕްވެފައިވާތީ، މިފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ތަރުހީބެއް ލިބުން އޭނާގެ ކެރިއަރަށް ވަރަށް މުހިންމެވެ.

ލޯބީގެ އަސަރުގަދަ ފިލްމަކަށް މިފިލްމުވާނެ ކަމަށް ޓްރެއިލާއާއި ލަވަތައް ބެލުމަށްފަހު ގިނަ ބަޔަކު ހީކުރި ނަމަވެސް ފާޑުކިޔާފަރާތްތަކާއި ބެލުންތެރިންގެ ހިތް މިފިލްމަށް ބަންޑުންކުރުވުމަށް ވަނީ ނުކުޅެދިފަ އެވެ.

ދެހާސް ތޭރަވަނަ އަހަރު ނިކުތް އިމްރާން އާއި ވިދްޔާ އެކުގައި ފެނިގެންގޮސްފައިވާ ފިލްމު "ގަންޗައްކަރް" އަށްވެސް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހިފައިވާއިރުު، މިފިލްމު ފްލޮޕް ވެއްޖެނަމަ މިއީ މިދެތަރިން އެކުގައި ކުޅެފައިވާ ފިލްމުތައް ޖެހިޖެހިގެން ފްލޮޕްވި ދެވަނަ ފަަހަރެވެ.