ހަބަރު

ރައީސްއަށް އިހުލާސްތެރިވުމުން ފަހު ވަގުތު އަޅުގަނޑު ވެސް އެއްލާލީ: އަޝްމަލީ

ސިޔާސީ ދާއިރާގައި ރައީސް އަބްދުﷲ ޔާމީންއަށް އިހުލާސްތެރިކަމާއެކު އެންމެ ފަހުވަގުވެސް މަސައްކަތްކޮށްދީފައިވާނެ ކަމަށާއި ނަމަވެސް އިންތިހާބުން ބަލިވުމާއެކު އޭގެ އިލްޒާމް ބޮލުގައި އަޅުވައި އެއްލައިލީ ކަމަށް އެންސީއައިޓީގެ އިސްވެރިޔާ، މުހައްމަދު އަޝްމަލީ ވިދާޅުވެއްްޖެ އެވެ.

އަޝްމަލީ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބު އޮޅުވާލުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއާ ގުޅިގެން އަޝްމަލީ ވެސް މަކަރު ހަދައި އޮޅުވާލި ކަމަށް ޕީޕީއެމްގެ އެކްޓިވިސްޓުން ތުހުމަތު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި އަޝްމަލީ ވިދާޅުވީ އޭނާ ސިޔާސީ ދާއިރާގައި ރައީސް ޔާމީންއަށް މަސައްކަތްކޮށްދެއްވަމުން އަންނަތާ ހަ އަހަރުވެފައިވާ ކަމަށާއި ހުރިހާ ކެމްޕެއިނެއްގައި ވެސް ޑޭޓާ އެނަލައިޒް ކުރުމާއި އިންތިހާބުތައް ކާމިޔާބު ކުރުމަށް ބޮޑު އެހީއެއް އެމަނިކުފާނަށް ވެދެއްވާފައިވާނެ ކަމަށެވެ. އެހެންވެގެން ދިރާގުގެ އިތުރުން ގިނަ އެހެން އިދާރާތަކެއް ވެސް ހިންގުމަށް އޭނާއާ ރައީސް ޔާމީން ހަވާލު ކުރެއްވި ކަމަށް އަޝްމަލީ ވިދާޅުވި އެވެ.

ރައިސް ޔާމީންއާ ކުރިން އޮތް ގާތްކަން ނިމުމަކަށް އައިސް، އޭނާ އެކަހެރިކޮށްފައި ހުންނަތާ ތިން ވަރަކަށް އަހަރުވެއްޖެ ކަމަށާއި ނަމަވެސް ސިޔާސީ ގޮތުން އެހީވުން ހުއްޓާ ނުލައްވާ ކަމަށް އަޝްމަލީ ވިދާޅުވި އެވެ. އަދި ކެމްޕެއިންގެ މަސައްކަތުގައި މިފްކޯގެ އެމްޑީ އަދްލީ އިސްމާއިލް އާއި އޭނާގެ އާއިލާ ބޭފުޅުންތަކެއް ރައީސް ޔާމީން ގާތް ކުރެއްވި ކަމަށާއި އެމަނިކުފާނަށް މިއަދު ނާކާމިޔާބުވީ ވެސް އެ މީހުން ގާތްކޮށްގެން އުޅުމުގެ ސަބަބުން ކަމަށް އަޝްމަލީ ވިދާޅުވި
އެވެ.

"ޖާބިރު ވިދާޅުވީ ވަރަށް ރަނގަޅު ވާހަކައެއް، ގާތް ކުރަންވީ މީހުން ގާތްނުކޮށް، މުޅިން ނާގާބިލު އެހެން ބަޔަކު ގާތްކޮށްގެން އުޅުނީމަ މުޅި އެތި ބޮއްސުންލައިގެން އެ ދިޔައީ،" އަޝްމަލީ ވިދާޅުވި އެވެ. "އަޅުގަނޑަކީ އަބަދުވެސް ރައީސް ޔާމީންއަށް އެންމެ ބުރަކޮށް މަސައްކަތްކޮށްދޭ އެކަކު، އެމަނިކުފާނަށް އިހުލާސްތެރިވުމުން މިއަދު އަޅުގަނޑު އެއްލާލީ،"

ޕީޕީއެމް އިން އަޝްމަލީއަށް ތުހުމަތުތަކެއް ކުރަނީ އޭނާ އީސީގެ ރައީސް ޝަރީފްއާ ބައްދަލުކުރި މައްސަލަ އާއި އެ ކޮމިޝަންގެ ލިސްޓުތަކުގައި ހުރި ރަޖިސްޓްރޭޝަންގެ މައްސަލަތަކަކީ އޭނާ ޗެކް ނުކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ބުނެ ކަމަށް އަޝްމަލީ ވިދާޅުވި އެވެ. ނަމަވެސް އޭނާގެ މަގާމްގެ ގޮތުން ރަސްމީކޮށް ޝަރީފްއާ ބައްދަލު ކުރަން ޖެހޭނެ ކަމަށާއި އިތުރު ގޮތަކަށް ބައްދަލުކޮށްފައި ނުވާނެ ކަމަށް އަޝްމަލީ ވިދާޅުވި އެވެ. އަދި އީސީގެ ލިސްޓަކީ އޭނާ ޗެކް ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށާއި އެއީ މެނުއަލީ އީސީ އާއި ޕާޓީގެ ފަރާތުން ކުރަން ޖެހޭ ކަމެއް ކަމަށް އަޝްމަލީ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުން އަސްލު ތުހުމަތުތައް މިއަދު ކުރަމުން އަންނަނީ އިންތިހާބު ބަލިވުމުން އެކަން ގަބޫލު ކުރަން އުނދަގޫ ވެގެން އެހެން މީހެއްގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ބޭނުގައި ކަމަށް އަޝްމަލީ ވިދާޅުވި އެވެ. އަދި މިހާރު ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ބަހަނާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންތިހާބުގައި އަޅުގަނޑުގެ ބެލުމުގެ ދަށުން ހިނގި ހުރިހާ ކަމެއް ހުންނާނީ ރަނގަޅަށް ހިނގާފައި، އިންތިހާބާ ގުޅިގެން ޕީޕީއެމް ކޯޓަށް ހުށަހަޅާފައި ހުރީ އަނގޮއްޓިއަކާއި އެފަދަ މެނުއަލީ ކުރެވިދާނެ ފްރޯޑުތަކެއްގެ ވާހަކަ، އެއަކަށް އެއްޗެއް ދަންނަވާކަށް އަޅުގަނޑަކަށް ނޭނގޭ، ނަމަވެސް އިންތިހާބު އެއްވެސް ވަރަކަށް އޮޅުވާ ނުލެވޭނެ ގޮތަށް ކުރިޔަށް ގެންދަން އަޅުގަނޑު ކުރި ބުރަަ މަސައްކަތް އެމްޑީޕީ އާއި ޖޭޕީގެ މެންބަރުން ވެސް ހެކި ވާނެ،" އަޝްމަލީ ވިދާޅުވި އެވެ.