overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ވަކި ބަޔަކަށް ފައިދާވާ ގޮތަށް އީސީން މަސައްކަތް ކުރި: މިނިސްޓަރު

ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސް ޗާޕް ކުރުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ތުހުމަތު ކުރައްވައިފި އެވެ.

ޕީއެސްއެމް "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ ރިޔާސީ އިންތިހާބަށް ބޭނުންވާ ވޯޓް ކަރުދާސް ޗާޕް އީސީއިން އެމް7 އާ ހަވާލުކުރީ ފިނޭންސްގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި ނަމަވެސް އެކަން ކުރެއްވީ މަޖުބޫރު ވެގެން ކަމަށެވެ.

ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އެކަން ކުރުމަށް ހާއްސަ ހުއްދައެއް ދޭންޖެހުނީ ރިޔާސީ އިންތިހާބު ފަދަ ރައްޔިތުންނާއި ގުޅުން ބޮޑު ކަމެއް ވޯޓް ކަރުދާސް ޕްރިންޓް ނުކުރެވިގެން ލަސްވެއްޖެ ނަމަ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ ބިޑްކޮށްގެން އެކަން ކުރަން ވަގުތު ނެތުމުން ކަމަށެވެ. އެކަމަކު އެކަން ކުރީ ކުރިއާލާ ރާވައިގެން ވަކި ބަޔަކަށް އެ މަސައްކަތް ހަވާލުކުރަން ކަމުގެ ތުހުމަތު ކުރެވޭ ކަމަށް ވެސް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

"އީސީއިން އިންތިހާބުގެ ވޯޓް ކަރުދާސް ޕްރިންޓްކުރަން އެމް7 އަށް ދީފައިވަނީ އިންތިހާބަށް 2 ހަފްތާއަށް ވެފައިވަނިކޮށް. އަދި ވޯޓުކަރުދާސް ޕްރިންޓްކުރުމަށް ދެ ބައެއް ބިޑްކުރުމަށްފަހު އެތަނުން އެންމެ އަގުބޮޑުކޮށް ބިޑް ހުށައަޅާ ބަޔަކަށް ދިނުމަށް އީސީއިން އެންގީ. ފުރަތަމަ އެކަމަށް މިނިސްޓްރީން އިންކާރު ކުރި ނަމަވެސް އިންތިހާބަށް ކައިރިވެފައިވަނިކޮށް އެމް7 އަށް ވޯޓު ކަރުދާސްތައް ޕްރިންޓްކުރަން ހުއްދަދިނުމަށް އެންގީ. އަދި އެކަމުންވެސް ދޭހަވަނީ ވަކި ބަޔަކަށް ފައިދާވާގޮތަށް އިލެކްޝަނުން މަސައްކަތްތަކެއް ކޮށްފައިވާކަން،" މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެންމެ މަތިން ބިޑަށް މާކްސް ލިބިފައިވަނީ ނޮވެލްޓީއަށް ކަމަށާއި، އެންމެ ސެކިއުރިޓީ ފީޗާއަކާއެކު، ބިޑު ހުށަހެޅުމަށް އެންގުމަށްފަހު ކުއްލިއަކަށް ފަސް ސެކިއުރިޓީ ފީޗާއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ޕްރިންޓްކޮށް ނިމުން އިރު ވަނީ ތިން ސެކިއުރިޓީފީޗާކަން ވެސް މިިނިސްޓަރު ވިދާޅުވި އެވެ.

އިންތިހާބު ބާތިލް ކުރުމަަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވޯޓް ކަރުދާސް ޕްރިންޓް ކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް، އީސީއިން ކޯޓްގައި ބުނެފައި ވަނީ ވޯޓްކަރުދާސް ޕްރިންޓް ކުރަން އެމް7އާ ހަވާލު ކުރީ އޮންނަ އުސޫލުގެ ދަށުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ވޯޓް ކަރުދާސް ޕްރިންޓް ކުރަން އެމް7 އާ ހަވާލުކުރުމުގައި ނާޖާއިޒު ކަންތައްތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ އެކަން ތަހުގީގުކުރަން ޖެހެ އެވެ. މިނިސްޓަރު ވިދާޅުވީ ބިޑް އިވެލުއޭޓް ކުރި އިރު އެންމެ މަތިން މާކްސް ލިބުނީ ނޮވެލްޓީ ޕްރިންޓާޒްއަށް ކަމަށެވެ. އެހެން ނަމަވެސް، ވަގުތު ނެތް ކަމަށް ބުނެ އެމް7 އަށް އެ މަސައްކަތް ހަވާލު ކުރަން ސެލެކްޓިވް ބިޑަކަށް ދާން ނިންމި ސަބަބު ސާފު ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތަކެއް ހިމެނުމަށް ނިންމައި އެކަމަށް ބޭނުންވާ އަގު ނޮވެލްޓީއިން ހޯދާފައި ނުވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. މީގެ އިތުރަށް ޓެބްލެޓްތަކެއް ފަހު ވަގުތު ގެނައީ ވެސް ފިނޭންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވިދާޅުވި އެވެ. އަދި އެ ހުއްދަ ދެއްވީ ވެސް އެއީ ކޮންމެހެން މުހިންމު އެއްޗެއް ކަމަށް އީސީއިން އެދުމުން ކަމަށާއި ނަމަވެސް އޭގެ ބޭނުން ފަހުން ކުރެވުނު ތަނެއް ނުފެނުނު ކަމަށެވެ. އަދި އިންތިހާބު އެހާ ބޮޑަށް ކުޑަތަން ވެފައި ވަނިކޮށް ޓެބްލެޓްތަކެއް ކުއްލިއަކަށް ގެންނަން ޖެހުނު ގޮތް ބަލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.