ތެލުގެ އަގު

ރާއްޖޭގައި ތެލުގެ އަގު ހިފެހެއްޓުމެއް ނެތި މައްޗަށް

Oct 19, 2018
6

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެތެރެ ކުރާ ސަރުކާރާއި ރައްޔިތުންގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އަނެއްކާ ވެސް ތެލުގެ އަގު ބޮޑުކޮށްފި އެވެ. މިއީ މިދިޔަ މަހެއްހާ ދުވަސް ތެރޭ ތެލުގެ އަގު ބޮޑުކުރި ދެވަނަ ފަހަރެވެ.

މި މަހުގެ އެއްވަނަ ދުވަހު އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލް ލިޓަރެއްގެ އަގުން ބޮޑުކުރީ 20 ލާރި އެވެ. އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނީ އިއްޔެއިން ފެށިގެން ޕެޓްރޯލާއި ޑީސަލް ލީޓަރަކުން، 42 ލާރި ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

އެއާ އެކު ކުރިން، 10.97ރ. ލިބޭ، ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ، 11.39ރ. އަށް ބޮޑުވެފަ އެވެ. މީގެ ކުރިން 11.43ރ. ވިއްކި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީީ 12.09ރ. އަށެވެ. މިބަދަލާ އެކު މިއަހަރު ހަ ފަހަރެއްގެ މަތިން އެސްޓީއޯއިން މި ވަނީ ތެލުގެ އަގު ބޮޑުކޮށްފަ އެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގު ބޮޑު ކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން އަންނާތީ ކަމަށެވެ.

ރާއްޖޭގައި ތެލުގެ އަގު ބޮޑުވި ނަމަވެސް، ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމްއިއްޔާ އޯޕެކުން ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި ތެލުގެ އަގުތައް ވެއްޓޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތަށް ދިމާވަނީ އެމެރިކާއިން ތެޔޮ ފޯރުކޮށްދޭ މިންވަރު އިތުރު ކުރުމުން ކަމަށް ވެސް އޯޕެކުން ބުންޏެވެ. އަދި މިދިޔަ މަހެއްހާ ދުވަހެއްގެ ތެރޭގައި ތެލުގެ އަގު ދަށަށް ނުދާ ވަރަކަށް ބުރާސްފަތި ދުވަހު ވަނީ ތެލުގެ އަގު ދަށްވެފަ އެވެ. އެގޮތުން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރަށް ވަނީ ވެއްޓިފަ އެވެ.