ދުނިޔެ

މެލޭޝިއާގެ ފަރުބަދަ އަށް "ބިންހެލުން ގެނައި" ޓޫރިސްޓުން ޖަލަށްލާން ހުކުމްކޮށްފި

Jun 13, 2015

ޓޫރިސްޓުންގެ މެދުގައި މަގުބޫލު މެލޭޝިއާގެ މައުންޓް ކިނަބަލޫ އަށް ބާރުގަދަ ބިންހެލުމެއް އައިސް އެތައް ބަޔަކު މަރުވީ އެ ފަރުބަދައިގެ މަތީގައި އޮރިޔާމުން ތިބެ ފޮޓޯ ނެގުމުން ކަމަށް ބުނެ، ހައްޔަރުކުރި ހަތަރު ޓޫރިސްޓުން ޖަލަށްލާން ހުކުމްކޮށްފި އެވެ.

މެލޭޝިއާގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް ކިނަބަލޫ އަށް މި މަހުގެ ފަސް ވަނަ ދުވަހު 6.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް އެ ފަރުބަދަ ގުޑައި އެތައް ބަޔަކު ފަރުބަދަ މަތީގައި ތާށިވި އެވެ. އެކި ގައުމުތަކުގެ 16 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި ހާދިސާ ހިނގި މައުންޓް ކިނަބަލޫ ހުންނަ ސޮބާހް ޑިސްޓްރިކްޓުގައި އުޅޭ ކަދަޒަން ދުސުން ގަބީލާގެ މީހުންނަށް އެއީ މުގައްދަސް ތަނެކެވެ.

އެހެންވެ، ހައްޔަރުކޮށްފައިވާ ކެނެޑާ ދެ ބެންނާއި ހޮލެންޑުގެ ފިރިހެން މީހާ އަދި އިނގިރޭސި އަންހެނަކު ހިމެނޭ 10 ޓޫރިސްޓުންގެ ގްރޫޕުން ފަރުބަދަ މަތީގައި އޮރިޔާމުން ތިބެ ފޮޓޯ ނަގައި އެ ތަނަށް ކުޑަކަމު ދިޔަ މައްސަލަ އޮތީ ބިންހެލުމުގެ ކުރިން ވެސް އެ ގަބީލާގެ ތެރޭގައި ބޮޑުވެފަ އެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު ނެގި ފޮޓޯތަކުގެ މައްސަލަ އިތުރަށް ބޮޑުވީ އެ ބިންހެލުން އައުމާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހައްޔަރުކުރި އެ ހަތަރު މީހުން ވެސް ވަނީ ކޮޓާ ކިނަބަލޫ މެޖިސްޓްރޭޓް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގައި، އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުން އަމަލުކޮށްފައިވާ ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ، މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެ މީހުން ޖަލަށްލުމަށާއި 5،000 ރިންގިޓް (1،331 ޑޮލަރު)ން ކޮންމެ މީހަކު ޖޫރިމަނާކުރަން އެ ކޯޓުން ހުކުމްކުރީ އެވެ.

ޖަލު ހުކުމުގެ މުއްދަތު މިހާރު ހަމަވެފައި ވާތީ އެ މީހުން ދެން އިތުރަށް ޖަލަކަށް ނުލާނެ އެވެ. އެކަމަކު، ޖޫރިމަނާ ފައިސާ ދެއްކުމުން ހަަތަރު މީހުން ވެސް މެލޭޝިއާ އިން ޑިޕޯޓްކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އެ ހަތަރު މީހުންގެ އިތުރުން، އެ މީހުންގެ ގްރޫޕުގައި ހިމެނޭ އިތުރު ހަ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.