ވިޔަފާރި

ރާއްޖޭގައި ތެލުގެ އަގު މަތިވަމުން އައީ ކިހިނެއް؟

Oct 21, 2018
1

އަހަރު ފެށުނުއިރު ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ލިޓަރެއް 10ރ. ލާރިކޮޅެއްގަ އެވެ. ނަމަވެސް އަހަރު ނިމެން އެންމެ ތިން މަހަށްވެފައިވާއިރު ތެލުގެ އަގަށް މިވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. މި އަހަރު ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މަތިވަމުން އައީ ކިހިނެއް ހެއްޔެވެ؟

ރާއްޖެ އަށް ތެޔޮ އެތެރެކުރަނީ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯއިންނެވެ. ރާއްޖެ އަށް ކާޑާއި ތެޔޮ އެތެރެ ކުރުމުގެ ވިޔަފާރި އަށް ބަރޯސާވެފައިއޮތް އެސްޓީއޯ އިން މި އަހަރު ތެލުގެ އަގަށް އެންމެ ފުރަތަމަ ބަދަލެއް ގެނައީ 17، ޖެނުއަރީ 2018 ގަ އެވެ. އެ ފަހަރު ޕެޓްރޯލް ލިޓަކަކުން 54ލ. ބޮޑުކުރި އެވެ. އަދި ޑީސަލް ލިޓަރަކުން 80ލ. މައްޗަށް ޖައްސާލި އެވެ.

މިއާއެކު ޕެޓްރޯލް ލިިޓަރެއް ވަކިން ވިއްކާ އަގު 10.41ރ. އަށް އުފުލުނެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު ވަނީ 10.41ރ. އަށް މަތިވެފަ އެވެ. އަހަރު ފެށުނުއިރު ތެލުގެ އަގު މަތި ކުރިނަމަވެސް ދެން އެސްޓީއޯ އިން ވަނީ 6، މާޗް 2018، ގަ ތެލުގެ އަގު ހެޔޮކޮށްފަ އެވެ. އެފަހަރު ޕެޓްރޯލް ލިޓަރަކުން 30ލ. އަދި ޑީސަލް ލިޓަރަކުން 20ލ. ހެޔޮކޮށްފައިވެ އެވެ. މި ބަދަލާއެކު ޕެޓްރޯލް ލިޓަރެއްގެ އަގު 10.21ރ. އަށް އަދި ޑީސަލް ލިޓަރެއްގެ އަގު 10.11ރ. އަށް ހެޔޮވެގެން ދިޔަ އެވެ.

އެސްޓީއޯ އިން ތެލުގެ އަގު ރާއްޖޭގެ ބާޒާރުގައި ހެޔޮ ކުރިއިރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅުނީ 64.17 ޑޮލަރަށެވެ.

މި އަގުގައި ހުރިނަމަވެސް، ރާއްޖޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގު ވަނީ 6، މެއި 2018 ގައި އަނެއްކާ ވެސް ބޮޑުވެފަ އެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރަކުން 31ލ. އަދި ޑީސަލް ލިޓަރަކުންވެސް މި ވަރަށް މަތިކުރި އެވެ. އަގަށް ގެނައި މި ބަދަލާއެކު ޕެޓްރޯލްގެ އަގު 10.42ރ. އަށް އަދި ޑީސަލްގެ އަގު ލިޓަރެއް 10.72ރ. އަށް އުފުލިގެން ދިޔަ އެވެ.

ތެލުގެ ހަކަތަ އަށް ބަރޯސާވެފައިވާ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ދެން ބޮޑުކޮށްފައިވަނީ 24، މެއި 2018، ގަ އެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރަކުން 35ލ. އަދި ޑީސަލް ލިޓަރަކުން 41ލ. ބޮޑު ކުރި އެވެ. މި އަގަށް ގެނައި ބަދަލާއެކު ޕެޓްރޯލް ލިޓަރެއްގެ އަގު 10.77ރ. އަށް އަދި ޑީސަލް ލިޓަރެއްގެ އަގު 11.13ރ. އަށް ވަނީ އުފުލިގެން ގޮސްފަ އެވެ. އަދި 7، ޖޫން 2018 ގައި ވަނީ ހަމައެކަނި ޑީސަލްގެ އަގު ބޮޑުކޮށްފަ އެވެ. އެ ފަހަރު ޑީސަލް ލިޓަރެއްގެ އަގުން 10ލ. ބޮޑުކޮށް، 11.13ރ. އަށް މަތިކޮށްލި އެވެ.

މެއި މަހު ތެލުގެ އަގަށް ބަދަލު ގެނައިއިރު، ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއް ވިއްކަން ހުރީ 71.98 ޑޮލަރަށެވެ. އަދި މެއި މަހުގެ ފަހުން މި މަހު ދެ ފަހަރަކަށް ވަނީ ތެލުގެ އަގު ބޮޑުކޮށްފަ އެވެ. އެގޮތުން 1، އޮކްޓޫބަރު 2018 އެވެ. އެ ފަހަރު ޕެޓްރޯލް އާއި ޑީސަލް ލިޓަރަކުން 20ލ. ވަނީ ބޮޑުކޮށްފަ އެވެ. އަދި ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 10.97ރ. އަށް އަދި ޑީސަލް ލިޓަރެއްގެ އަގު ވަނީ 11.43ރ. ވަނީ ބޮޑުވެފަ އެވެ. އަދި 19، އޮކްޓޫބަރު 2018 ގައި ވަނީ ޕެޓްރޯލް ލިޓަރަކުން 42ލ. އަދި ޑީސަލް ލިޓަރަކުން 66ލ. ބޮޑުވެފަ އެވެ. މިއާއެކު ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 11.39ރ. އަށް އަދި ޑީސަލް ލިޓަރެއްގެ އަގު ވަނީ 12.09ރ. އަށް އުފުލިފަ އެވެ.

އަހަރުގެ ފުރަތަމަ އަށް މަސް ނިމުނުއިރު މިހާރު ރާއްޖޭގައި ޕެޓްރޯލް ލިޓަރެއްގެ އަގު ހުރީ 11.39ރ. ގަ އެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު ވަނީ 12.09ރ. އަށް އުފުލިފަ އެވެ. މިއީ އަހަރުގެ ކުރީކޮޅު ތެޔޮ ލިޓަރެއް ހުރި އަގުން ބަލާނަމަ ޕެޓްރޯލް ލިޓަރަކުން 0.98ރ. ގެ މަތިވުމެކެވެ. އަދި ޑީސަލް ލިޓަރަކުން 1.98ރ. މަތިވެފައެވެ.