ހަބަރު

ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމް ދީން، އެކަން ބަދަލެއް ނުކުރާނަން: ނަޝީދު

Oct 20, 2018
31

ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމް ދީން ކަމަށާއި އެކަން ބަދަލު ކުރަން މަސައްކަތް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ސިޔާސީ ހިމާޔަތާ ބެހޭ ގޮތުން ލަންޑަންގެ ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި ބޭއްވި އިވެންޓްގެ ތެރެއިން، ރާއްޖޭގައި ހަމައެކަނި އިސްލާމް ދީން އޮންނަ މައްސަލަ ހައްލު ކުރައްވާނެތޯ ނަޝީދާ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އާ ސަރުކާރާއެކު އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އެ ދާއިރާގައި ކުރިއެރުންތަކެއް ރާއްޖެއިން ހޯއްދަވާނެ ކަމަށެވެ. ނަމަވެސް 2008 ވަނަ އަހަރުގެ ގާނޫނު އަސާސީގައި ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށް އޮންނަ އޮތުމަށް އެއްވެސް ބަދަލެއް ގެންނަވާކަށް ނުވިސްނާ ކަމަށާއި އެކަން އޮންނަން ޖެހޭނީ އެގޮތަށް ކަމަށް ގަބޫލު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ވަރަށް ތެދު ތެދަށް ދަންނަވާ ކަމަށްވާނަމަ ރާއްޖެ އިސްލާމް ދީން މަތީ އޮންނަ އޮތުން ބަދަލު ކުރާކަށް ނޫޅެން، އެކަން އޮންނަން ޖެހޭނީ އެގޮތަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ހިނގާފައި ހުރި ބައެއް ކަންކަމާއި ރައީސް ނަޝީދު ކުރިން ދައްކަވާފައި ހުރި ވާހަކަތަކުގެ މައްޗައް ބިނާކޮށް، ޕީޕީއެމް އިން ވަނީ މުޅި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިދިކޮޅު ފަރާތްތަކުން އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދޭނެ ކަމަށް ރައީސް ނަޝީދަށް އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިދާޅުވާން ކެރިވަޑައި ނުގަންނަވާނެ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.

ނަމަވެސް އިބޫ ވަނީ އެމަނިކުފާނުގެ ސަރުކާރުގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ދީނީ އިލްމުވެރިންނާއި ދީން ފެތުރުވުމަށް އިސްކަން ދެއްވުމަށް ވެސް އިބޫ ވައުދުވެ ވަޑައިގެންފައިވެ އެވެ.