ހަބަރު

ހަތަރު ހޮސްޕިޓަލަކަށް ޕެރަމެޑިކް އެމްބިއުލާންސް ދީފި

Jun 13, 2015

ފަންސާސް ހަތަރު ޕެރަމެޑިކް އެމްބިއުލާންސް ހޯދަން އެސްޓީއޯއާ ހަވާލުކުރި މަޝްރޫއުގައި ފުރަތަމަ ގެނައި ހަތަރު އެމްބިއުލާންސް ހަވާލުކޮށްފި އެވެ.

އެމްބިއުލާންސްތައް ގެނައުމަށް ސަރުކާރުން 36 މިލިއަން ރުފިޔާ ހަރަދުކުރި އިރު މިއަދު ހަވާލުކުރި ހަތަރު އެމްބިއުލާންސަށް 4.4 މިލިއަން ރުފިޔާ ހަރަދުވި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގއި ޕެމެރަމެޑިކް އެމްބިއުލާންސްތަކާ ހެލްތު މިނިސްޓްރީން ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރު އިރުތިޝާމް އާދަމެވެ.  އެކަމަނާ މިއަދު ވިދާޅުވީ، މި އެމްބިއުލާންސްތަކަކީ ބަލިމީހާ އޮތް ތަނަކުން ހޮސްޕިޓަލާ ހަމައަށް ގެންދާއިރު، މެދުކެނޑުމެއް ނެތި ފުރިހަމައަށް ފަރުވާދެވޭ އެމްބިއުލާންސްތަކެއް ކަމަށެވެ. އަދި އެކަމަނާ ވަނީ ޕެރަމެޑިކް އެމްބިއުލާންސްތައް މާލޭގެ އައިޖީއެމްއެޗަށާއި އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށާއި ފުވައްމުލަކު ހޮސްޕިޓަލާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލާ މިއަދު ހަވާލުކޮށް ދެއްވާފަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ވިދާޅުވީ ކުންފުނިން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަން އަބަދުވެސް ސިއްހީ ދާއިރާއަށް ވެދޭނެ ކަމަށާއި  މިދިއަ އަހަރު ވެސް ބޭސް ފަރުވާއާ ގުޅޭ 69 މިލިއަން ރުފިޔާގެ އާލާތް ހެލްތު މިނިސްޓްރީއަށް ހަވާލު ކުރި ކަމަށެވެ.