overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބީ މައްސަލައިގެ ހުކުމުގެ ޝަރީއަތަށް މިހާރުވެސް ކިޔުގައި

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވާ ޝަރީއަތަށް ވަނުމަށް ގިނަ ބަޔަކު ސުޕްރީމް ކޯޓު ކައިރިޔަށް ގޮސް ކިއޫ ހަދަން ފަށައިފި އެވެ.

އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމާއެކު އެކަން ގަބޫލު ކުރެއްވުމަށް ފަހު އެ ވިސްނުން ބަދަލު ކުރައްވައި، ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ ހިލާފަށް ހިންގާފައިވާ ކަންކަން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ތަހުގީގުކޮށްދީ، އެ އިންތިހާބަކީ ޝަހުސިއްޔަތު ގެއްލިފައިވާ ބާތިލްވެފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައި އިންތިހާބު އަލުން ބޭއްވުމުގެ އަމުރެއް އިލެކްޝަން ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.

އެމައްސަލައިގައި މިއަދު އޮތީ ހުކުމް އިއްވުމެވެ. އެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ތައާވަލް ކޮށްފައިވަނީ މިއަދު މެންދުރު 1:00 އަށެވެ. އެމައްސަލަ މިއަދަށް ތައާވަލް ކުރުމާއެކު އެމައްސަލައަށް ވަނުމަށް ވަރަށް ގިނަ ބަޔަކު ވަނީ ކުރިއާލައި ކިޔު ހަދަން ފަށާފަ އެވެ. މައްސަލައިގެ އަޑު އެހުމަށް ނަންނޯޓް ކުރަން ފަށާނީ މެންދުރު 12:00 ގައި އެވެ.

މައްސަލައިގެ އަޑުއެހުމަށް ވަނުމަށް އިދިކޮޅު ޕާޓީތަކުގެ އިސްވެރިންނާއި މެންބަރުންނާއި ޕީޕީއެމް ސަޕޯޓަރުންގެ އިތުރުން މިނިސްޓަރުންވެސް އެސަރަހައްދަށް ވަނީ ގޮސްފަ އެވެ.

ސުޕްރީމް ކޯޓްގެ ފުލް ބެންޗުން ބައްލަވައި ދުސްތޫރީ އެ މައްސަލައިގެ އެންމެ ފަހުން އަޑުއެހުން ބާއްވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެ ދުވަހު ފަނޑިޔާރުންގެ ބެންޗުންގެ އިއްތިފާގުން ނިންމެވީ، އިންތިހާބު ބާތިލް ކުރަން ޖެހޭކަން ބާތިލްކޮށް ދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ ސިއްރު ހެކިތައް ބަަލައި ނުގަތުމަށެވެ. އަދި އެ މައްސަލައިގައި އެންމެ ފަހުބަސް ބުނުމުގެ ފުރުސަތު ދެ ފަރާތަށް ވެސް އެ ދުވަހު ފަނޑިޔާރުންގެ ބެންޗުން ދެއްވި އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި ރައީސް ޔާމީން ހުށަހަޅުއްވާފައި މައްސަލައިގައި އެދިފައި ވަނީ އިންތިހާބާ މެދު ކުރެވޭ ޝައްކުތައް ތަހުގީގު ކުރުމަށް ފުލުުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށާއި އަދި އިންތިހާބު ބާތިލްކޮށް އާ އިންތިހާބެއް ބޭއްވުމުގެ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.

އިންތިހާބުގެ ބާތިލް ކުރަން ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލާގައި ވަނީ ކޮމްޕްލަޔަންސް ބިއުރޯގެ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދިޔުމާއި އިންތިހާބުގައި ވޯޓް އޮޅުވާލުމަށް ބޭރުން އަނގޮޑިތަކެއް ގެނައި ކަމަށާއި ވޯޓް ކަރުދާސް ޕްރިންޓް ކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ކަމަށްވުމާއި ވޯޓް ކަރުދާސް ޕްރިންޓް ކުރުމުގެ ތެރޭގައި ފާހަގަ ބަދަލުވާ ފަދަ ކެމިކަލްއެއް ވޯޓް ކަރުދާހުގައި ހުރުން ފަދަ ކަންކަމެވެ. އަދި ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމަށް ދެލި ފުހެވޭ ގަލަމެއް ގެންގުޅެފައިވާ ކަމަށް ވެސް މައްސަލައިގައިވެ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލި ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ގައުމާ މުހާތަބު ކުރައްވައި ބަލި ގަބޫލުކުރިކަން ދޭހަވާ ފަދަ ބަސްތަކުން ވާހަކަފުޅު ދައްކަވައި މަގާމުން ދުރަށް ވަޑައިގަންނަވާކަން ދެ ވަނަ ފަހަރަށް ހާމަ ކުރައްވައިފަ އެވެ.