overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

އިންތިހާބު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފިި އެވެ. ސުޕްރީމް ކޯޓްގެ ފުލް ބެންޗްގެ އިއްތިފާގުން އެގޮތަށް ހުކުމްކުރީ، އިންތިހާބު ބާތިލްކޮށްދޭން އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު އިއްވި ހުކުމުގަ އެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ރިޔާސީ އިންތިހާބު ބާތިލް ނުކުރަން ނިންމެވީ ރައީސް ޔާމީން ހުށަހެޅުއްވި ިކަންކަން ސާބިތުކުރަން ހަރުދަނާ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ އެވެ. ހުކުމުގައި ބުނީ، އިންތިހާބެއް ބާތިލް ކުރަން ޖެހޭނެ ފަދަ ހެއްކެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ އެމް7އަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ދިން މައްސަލަ އެވެ. އެމް7އަކީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމާއި އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެސް ވަކި ބަޔަކަށް މަކަރު ހަދަން ފުރުސަތު ދޭން ވެގެން ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް ހުކުމްގައި ބުނީ އެގޮތަށް ބެލޭނެ ހަމައެއް ނެތް ކަމަށެވެ. ގާސިމްގެ މަސްލަހަތު އޮންނަ ކުންފުންޏަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ދިނުމަކީ ވޯޓު އޮޅުވާލަން ފުރުސަތު ދިން ކަމުގެ ދަލާލަތެއް ނޫން ކަމަށް ހުކުމްގައިވެ އެވެ. އަދި އެމް7އިން ވޯޓު ކަރުދާހުގައި މަކަރު ހެދި ކަމާއި ނާޖައިޒު ފައިދާ ނެގިކަން ސާބިތުކޮށްދޭން އެއްވެސް ހެއްކެއް އަދި ގަރީނާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.

އެމް7އަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓަރުގެ ހުއްދައާއެކުކަން އެނގެން އޮތްއިރު އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އެ މައްސަލަ ކަމާބެހޭ ތަހުގީގީ އިދާރާއަށް ހުށަހަޅައިގެން ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އެޅޭނެ ކަމަށް ހުކުމްގައިވެ އެވެ.

ވޯޓު ކަރުދާސްތައް އިލެކްޝަން ކޮމިޝަނުން ބަހައްޓާފައިހުރީ ސެކިއުރިޓީ ގޮތުން ދަށް ކޮޓަރިއެއްގަ ކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ އެ ކޮޓަރީގެ ސަލާމަތީ ގޮތުން ވަރުގަދަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބަޔާންކޮށްފަ ކަމަށް ހުކުމްގައިވެ އެވެ. އަދި އެ ކޮޓަރީގެ ސެކިއުރިޓީ ދަށް ކަމާއި އެތަނުގައި ހުރި ވޯޓު ކަރުދާސްތަކަށް ބަދަލެއް ގެނައިކަން އެނގޭނެ އެއްވެސް ހަރުދަނާ ހެއްކެއް ނެތް ކަމަށް ވެސް ހުކުމްގައިވެ އެވެ. އެ ކޮޓަރީގެ ސަލާމަތީ ކަންކަން ދަށްވެގެން އަދި ހުއްދަ ނެތް ބަޔަކު ވަދެގެން ފުލުހަށް އެއްވެސް ރިޕޯޓް ވެސް ކޮށްފައިނުވާ ކަމަށެވެ.

ހުކުމްގައި ބުނީ، އަނގޮޓިއެއް ބޭނުންކޮށްގެން ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައިވާއިރު އެކަން ކޮށްފައިވަނީ ކޮން މަރުކަޒެއްގައި ކޮން ވަސީލަތެއް ބޭނުންކޮށްގެން ކަމެއް ވެސް ބުނެދެވިފައިނުވާ ކަމަށެވެ. އެގޮތުން އަނގޮޓި ބޭނުން ކޮށްފައިވަނީ ދެލި ފުހެވޭ ގަލަމުން ފާހަގަ ޖެހި ވޯޓު ކަރުދާހުގަ ކަމެއް ފާހަގަ ފުހެވޭ ގޮތަށް ކެމިކަލް ހާކާފައިހުރި ވޯޓު ކަރުދާހުގަ ކަމެއް ވެސް ބުނެ ނުދެވޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އަމިއްލަ ގަލަން ގެންދިޔުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކޮށްފައިވެ އެވެ. މަރުކަޒުގައި ހުރި ގަލަމަކީ ދެލި ފުހެވޭ ގަލަމެއް ކަމަށް ތުހުމަތުކުރާއިރު އަމިއްލަ ގަލަމުން ވޯޓުލީ މީހުންގެ އަދަދާއި މަރުކަޒުގައި ހުރި ގަލަމުން ވޯޓުލީ މީހުންގެ އަދަދެއް ވެސް ދައުވާކުރާ ފަރާތުން ހުށަހަޅާފައިނުވާކަން ހުކުމްގައި ފާހަގަކުރި އެވެ.

އަނގޮޓި އާއި ދެލި ފުހެވޭ ގަލަމާއި ކެމިކަލް ބޭނުންކޮށްފައިވާ ވޯޓު ކަރުދާސް އިންތިހާބުގައި އިލެކްޝަން ކޮމިޝަނުން ބޭނުންކޮށްފައިވާ ކަމުގެ އެއްވެސް ހަރުދަނާ ހެއްކެއް ނެތް ކަމަށް ހުކުމްގައިވެ އެވެ. އަދި އަނގޮޓީގެ ޝަކުވާއެއް ވެސް އެއްވެސް ވަރަކަށް ހުށަހަޅާފައި ނެތްކަން ހުކުމްގައި ފާހަގަކުރި އެވެ.

ވޯޓިން ބޫތް ބެހެއްޓި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލުނު ކަމަށް ބުނާއިރު އެފަދަ ކަންކަން ހިނގި ކަމުގެ ހެއްކެއް ވެސް ހުށަހަޅާފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ޔޫވީ ލައިޓް ބޭނުންކޮށްގެން ވަކިވަކި ވޯޓު ކަރުދާހުގެ ސައްހަކަން ބައެއް މަރުކަޒުތަކުގައި ބަލާފައިނުވާ ކަމަށް ބުނާ ބުނުމަށް ހުކުމްގައި ރިޔާއަތް ކުރަމުން ބުނެފައިވަނީ، ޔޫވީ ލައިޓް ބޭނުންކޮށްގެން ވަކިވަކި ވޯޓު ކަރުދާސް ޗެކްކުރުމަކީ ގާނޫނަކުން ލާޒިމް ކުރާ ކަމެއް ނޫން ކަމަށެވެ. އެކަމަކީ ވޯޓު ކަރުދާސް ކޮޅެއްގައި މައްސަލައެއް އުޅޭ ކަމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެކަން ކަށަވަރުކުރުމަށް ބޭނުންވާ އެއްޗެއް ކަމަށެވެ. ސައްހަ ނޫން ވޯޓު ކަރުދާސް ކޮޅެއް ބޭނުން ކުރި ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަން ހުކުމްގައި ފާހަގަކުރި އެވެ.

ހުކުމްގައި އިތުރަށް ބުނީ ކޮންމެ މަރުކަޒަކަށް ގެނައި ވޯޓު ކަރުދާހުގެ އަދަދު އިއުލާންކުރި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ކަމަށާއި އެކަން އެގޮތަށް ނުހިނގާ ކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނި ނަމަވެސް އެކަން ހިނގިކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެކަން އެހެން ހިނގިކަން ބުނެދެވިފައިނުވާ ކަމަށެވެ.

މީގެއިތުރުން ވޯޓު ކަރުދާސްތައް ހުރި ސިޓީ އުރައްތައް ބަންދުނުކޮށް އިލެކްޝަން ކޮމިޝަނަށް ފޮނުވި ކަމަށް ބުނި ނަމަވެސް އެކަން އެގޮތަށް ހިނގާފައިވާކަން އެނގެން ނެތް ކަމަށް ހުކުމްގައިވެ އެވެ. އަދި އަތް ދަބަހާއި ފޯނު ފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދި ކަމަށް ބުނާއިރު އޭގެ ސަބަބުން ވޯޓު އޮޅުވާލާފައިވާކަން އެނގެން ނެތް ކަމަށް ހުކުމްގައިވެ އެވެ. އަތް ދަބަހެއް ވެއްދުމަކީ ވޯޓު ކަރުދާސް ކޮޅެއް އެތެރެއަށް ވެއްދިކަން ނޫނީ ބޭރަށް ގެންދިޔަކަން ދަލާލަތުކޮށް ދޭނެ ކަމެއް ނޫން ކަމަށް ހުކުމްގައިވެ އެވެ. އެއްވެސް ވޯޓު ފޮއްޓަކަށް އިތުރަށް ވޯޓުލާފައިވާ ކަމުގެ ހެއްކެއް ވެސް ނެތް ކަމާއި ވޯޓުލަމުން ދިޔައިރު ހަދިޔާ ބެހި ކަމުގެ އެއްވެސް ހެއްކެއް ވެސް މައްސަލާގައި ހުށަހަޅާފައިނުވާކަން ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނީ، މައްސަލާގައި ތުހުމަތުކުރާ ކަންކަން ތަހުގީގުކޮށް ދިނުމަށް އެދި ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައިވީ ނަމަވެސް އެ ތުހުމަތުތައް ހިނގާފައިވާ ކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ. ރައީސް ޔާމީންގެ ފަރާތުން ތަހުގީގުކޮށް ދިނުމަށް އެދިފައިވަނީ އިންތިހާބީ ޝަކުވާތަކެއް ކަމަށާއި އެކަން ހައިކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގައި ހުރަހެއް ނެތް ކަމަށެވެ. ކޮރަޕްޝަނެއްގެ ތުހުމަތުވާނަމަ އެކަން ކަމާބެހޭ މުއައްސަސާތަކަށް ބެލޭނެ ކަމަށެވެ. އަދި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ފަދަ ކަމެއް އޮތްނަމަ އެފަދަ އަމުރެއް ޕްރޮސިކިއުޓާ ޖެނަރަލަށް ފުލުހުންގެ މައްޗަށް ނެރެވިދާނެ ކަމަށް ފަސް ފަނޑިޔާރުންގެ ހުކުމްގައިވެ އެވެ. އަދި، އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ މައްޗަށް ތުހުމަތެއް ކުރެވޭނަމަ އެ މެންބަރުން ޒިންމާދާރުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ޒިންމާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ވޯޓު އޮޅުވާލި ކަމަށް ބުނެ ދައުވާކުރާނަމަ އޮޅުވާލާފައިވާ ކަންކަން ނޫނީ ތުހުމަތުވާ ކަންކަން އެގޮތަށް ހިނގާފައިވާކަން ސާބިތުކޮށް ދިނުމަކީ އެ މައްސަލައެއް ހުށަހެޅި ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ހުކުމްގައިވެ އެވެ.

ހުކުމް ނިންމާލަމުން ބުނެފައިވަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އެއްވެސް ކަމެއް ސާބިތުކުރުމަށް ހަރުދަނާ އެއްވެސް ހެއްކެއް ނެތުމާއި ގަޟައީ ތަހުގީގު އަމުރެއް ނެރެންޖެހޭ ފަދަ ކަމެއް މައްސަލާގައި ނެތުމުން ރިޔާސީ އިންތިހާބު ބާތިލްކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެހެންކަމުން، ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހަށް 134،705 ވޯޓު ލިބުނު ކަމާއި ރައީސް ޔާމީނަށް 96،052 ވޯޓު ލިބުނު ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވާ ނަތީޖާއަކީ ސައްހަ ނަތީޖާއެއް ކަމަށް ކަނޑައަޅާ ކަމަށް ހުކުމްގައިވެ އެވެ.

ފަސް ފަނޑިޔާރުން އިއްތިފާގުވާ ހުކުމް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދުﷲ އަބްދުﷲ ދީދީ އިއްވަމުން ގެންދެވި އިލެކްޝަން ކޮމިޝަންގެ ވަކީލުންގެ ޓީމުގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެންބަރު އިސްމާއިލް ހަބީބު މިއަދު ޝަރީއަތުގެ މަޖިލީހަށް ވަޑައިގެން ތިއްބެވި އެވެ. މައްސަލައަށް ތަދައްހުލްވި އިދިކޮޅު ކޯލިޝަންގެ ވަކީލުންނާއެކު، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ހުސެއިން ރަޝީދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި އަހުމަދު ފާރިސް މައުމޫން ވަޑައިގެން ތިއްބެވެ އެވެ. ރައީސް ޔާމީން މިއަދު ވެސް ވަޑައިނުގަންނަވާއިރު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމް މިއަދު ލީޑް ކުރެއްވީ މުހައްމަދު ސަލީމާއި އައްބާސް ޝަރީފެވެ.