ގާސިމް އިބްރާހިމް

ގާސިމްގެ ޖަލު ހުކުމާމެދު މާދަމާ ހައިކޯޓުން ގޮތް ނިންމަނީ

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާާފައިވާ ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލާގެ ހުކުމް ހައިކޯޓުން މާދަމާ އިއްވުމަށް ތައްޔާރުވެއްޖެ އެވެ.

ރިޝްވަތު ދިން ކަމުގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެކެވެ. އެ ހުކުމް އިއްވީ ގާސިމްގެ ޣައިރު ހާޒިރުގަ އެވެ. އޭރު އޭނާ އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.

އެ ހުކުމަށްފަހު ގާސިމް ޖަލަށް ގެންގޮސްފައެއް ނުވެ އެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވި އެވެ. ނަމަވެސް ފަހުން
ވަނީ ޖަރުމަންވިލާތަށް އަމިއްލަފުޅަށް ވަޑައިގެންފަ އެވެ.

މި މައްސަލާގެ އަޑުއެހުންތައް މި މަހުގެ 11 ވަނަ ދުވަހު ހައިކޯޓުން ވަނީ ނިންމާލާފަ އެވެ. އެ އަޑުއެހުމުގައި ގާސިމްގެ މައްސަލާގައި އިޖުރާއަތާ ހިލާފަށް ބައެއް ކަންކަން ދަށު ކޯޓުގައި ހިނގާފައިވާ ކަމަށް ދައުލަތުން އެއްބަސްވެފައިވެ އެވެ. ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހަށެވެ.

އެ މައްސަލާގައި ގޮތެއް ކަނޑައަޅަންދެން ގާސިމް ވަނީ ކާފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. ގާސިމް ރާއްޖެ ވަޑައިގެންނެވީ މިނިވަންކުރުމުންނެވެ.

ގާސިމްގެ މައްޗަށް ދައުވާ އުފުލީ މިދިޔަ މާޗް 26 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މަސީހުގެ އިތުބާރުނެތް ކަމަށް ވޯޓްލާ މެންބަރުންނަށް އެހީތެރިވެ ދެވަނަ ދައުރަކަށް ހޮވައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ގާސިމް ވިދާޅުވުމާ ގުޅިގެންނެވެ.