މިދިޔަ ރިޔާސީ އިންތިހާބްގެ ނަތީޖާ ބާތިލް ކުރަން ޖެހޭ ސަބަބެއްނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައި ހުކުމް ކުރުމާއި ގުޅިގެން އެމެރިކާއިން މަރުހަބާ ކިޔައިފި އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބް ބާތިލް ކުރުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަގައި މިއަދު ވަނީ ހުކުމް އިއްވައި ރިޔާސީ އިންތިހާބްގެ ނަތީޖާ ސުޕްރީމް ކޯޓުން ދަމަހައްޓާފަ އެވެ.
އެކަމަށް މަރުހަބާ ވިދާޅުވެ ޓްވީޓް ކޮށްފައިވަނީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ ވަގުތީ ގޮތުން ހަވާލުވެހުންނެވި އެންމެ އިސްވެރިޔާ ރޮބަޓް ހިލްޓަން އެވެ.
ހިލްޓަން ކުރެއްވި ޓްވީޓްގައި ވަނީ، ސުޕްރީމް ކޯޓްގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި އިންތިހާބީ ރައީސް އަބްރާހިމް މުހައްމަދު ސޯލިހް، އިބޫއާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ. އިބޫ ހުވާކުރެއްވުމާއެކު ރާއްޖޭގެ ރައްޔިތުންނަށް އާ އަދި ޕްޒިޓިވް ދައުރެއް ފެނިގެންދާނެ ކަމަށްވެސް ހިލްޓަން ވިދާޅުވެފައި ވެއެވެ.
ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނެވި ސަފީރު އަތުލް ކެޝަޕްގެ މަގާމްގެ މުއްދަތު ހަމަވުމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އާ ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އައްޔަން ކުރައްވާފައިވަނީ އެލައިނާ ބީ ޓެޕްލިޒް އެވެ. ނަމަވެސް އޭނާ އެމަގާމުގެ މަސްއޫލިއްޔަތުތަކާއި އަދި ހަވާލުވެވަޑައިގެންފައިނުވާތީ އެއެމްބަސީގެ އެންމެ އިސްވެރިޔާގެ މަގާމުގައި މިހާރު ހުންނެވީ ރޮބާޓް ހިލްޓަން އެވެ.
ސުޕްރީމް ކޯޓްގެ ނިންމުމަށް އެމެރިކާއިން މަރުހަބާ ދަންނަވާފައިވާއިރު، އެގައުމުން މީގެ ކުރިން ވަނީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ނުކުރާނަމަ ރާއްޖެ އާ ދެކޮޅަށް ފިޔަވަޅު އަޅާފާނެކަމުގެ އިންޒާރު ވެސް ދީފަ އެވެ. އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް އެމެރިކާއިން މީގެ ކުރިންވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ. އެގޮތުން އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް މިސްޓާ މައިކަލް ޕޮމްޕޭ ވަނީ ފޯނުން ގުޅުއްވައި އިބޫ އަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ކަންތައްތައް ބެލެހެއްޓުމަށް އެމެރިކާއިން ގާއިމްކޮށްފައި ހުންނަ ބިއުރޯގެ ޑެޕިއުޓީ އެސިސްޓެންޓް ސެކެރެޓަރީ އެލިސް ވެލްސް ވަނީ ރާއްޖެ ވަޑައިގެން އިބޫއާ ބައްދަލުކުރައްވައި މަރުހަބާ ދަންނަވާފަ އެވެ.